ޗެލްސީގެ ކުރީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ ދައުރުގައި ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވެފައިވާތީ، އެއް އަހަރު ދުވަހަށް ކުޅުންތެރިން ސޮއިކުރުވުން މަނާކޮށް (ސަސްޕެންޑަޑް ބޭނެއް) އަދި 10 މިލިއަން ޕައުންޑް (13.7 މިލިއަން ޑޮލަރު) ން އެ ކްލަބް ޖޫރިމަނާ ކޮށްފިއެވެ.

ޕްރިމިއާ ލީގުން ޗެލްސީއާ ދެކޮޅަށް ފިޔަވަޅު އެޅީ 2011 އާއި 2018 އާ ދެމެދު ހިނގާފައިވާ މައްސަލަތަކެއް ބެލުމަށްފަހު އެވެ. އެ މުއްދަތުގައި އެ ކްލަބުން ވަނީ ގަވާއިދާ ހިލާފަށް ރެޖިސްޓްރީ ނުކުރާ އެޖެންޓުންނަށް ނުވަތަ އެފަދަ ފަރާތްތަކަށް 23 މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ ދީފަ އެވެ. އޭގެ ތެރޭގައި އެޑެން ހަޒާޑް، ޑޭވިޑް ލުއިޒް، އަދި ރަމިރޭޒް ފަދަ ކުޅުންތެރިންގެ ޓްރާންސްފާތަކާ ގުޅުންހުރި ފައިސާ ހިމެނެއެވެ.

ސީނިއާ ޓީމަށް އާ ކުޅުންތެރިން ސޮއިކުރުވުން އެއް އަހަރަށް މަނާކޮށް އަދަބު ކަނޑައެޅި ނަމަވެސް، އެ އަދަބު ވަނީ ދެ އަހަރުގެ މުއްދަތަކަށް ފަސްކޮށް ދީފަ އެވެ  ލީގުން ބުނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ގަވާއިދާ ހިލާފު އިތުރު ކަމެއް ޗެލްސީން ނުކުރާނަމަ، އެ ކްލަބަށް ކުޅުންތެރިން ރެޖިސްޓްރީ ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ.

ޗެލްސީގެ އެކަޑަމީ އަށް ކުޅުންތެރިން ރެކްރޫޓް ކުރުން ވެސް މަނާ ވީ އެވެ. ޒުވާން ކުޅުންތެރިން ރެޖިސްޓްރީ ކުރުން ނުވަ މަސް ދުވަހަށް ވަނީ މަނާކޮށްފައެވެ. މިއީ މ ވަގުތުން ފެށިގެން އަމަލުކުރަން ޖެހޭ ފިޔަވަޅެކެވެ. ނަމަވެސް މިއީ ހަމައެކަނި އެހެން އިނގިރޭސި ކްލަބްތަކުން އަންނަ ޒުވާން ކުޅުންތެރިން ޗެލްސީގެ އެކަޑަމީ އަށް ރެކްރޫޓް ކުރުން މަނާ ކުރުމުގެ ފިޔަވަޅެކެވެ. ބައިނަލްއަގުވާމީ ކުޅުންތެރިންނާއި، ޕްރޮފެޝަނަލް ކޮންޓްރެކްޓް ސޮއިކުރާ ކުޅުންތެރިންނަށް މި ބޭންއެއް ނުހިނގާނެއެވެ.

އެ ކްލަބަށް ކުރިމަތި ކުރި 10 މިލިއަން ޕައުންޑުގެ ބޮޑު ޖޫރިމަނާގެ އިތުރުން، އެކަޑަމީގެ މައްސަލަތަކާ ގުޅިގެން އިތުރު 750,000 ޕައުންޑާއި ލީގުން ކުރި ތަހުގީގު ހަރަދުތައް ދެއްކުމަށްވެސް ވަނީ އަންގާފައެވެ.

އަބްރޮމޮވިޗްގެ ދައުރުގައި ހިންގާފައިވާ އެ މައްސަލަތައް އިސްވެ ޕްރިމިއާ ލީގަށް ރިޕޯޓް ކުރީ ޗެލްސީގެ މިހާރުގެ މެނޭޖްމެންޓުންނެވެ. ލީގުން ބުނި ގޮތުގައި، ޗެލްސީން އަމިއްލައަށް މިކަން ހާމަނުކުރި ނަމަ، މިއަށްވުރެ މާ ހަރުކަށި އަދަބެއް އަންނާނެއެވެ.

ޗެލްސީގެ ކޯޗު ލިއަމް ރޮސީނިއާ ބުނީ މައްސަލަ އަށް ގޮތް ނިންމާފައިވުމަކީ  ކްލަބަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އެ ނިންމުމާ އެކު ކުރިމަގަށް ޕްލޭންތައް ރާވާނެ ގޮތް އެނގިގެން ހިނގައްޖެ ކަމަށް އޭނާ ބުންޏެވެ. 

މި މައްސަލައިގައި ގޮތް ނިމުނަސް އަދި އެހެން އިތުރު މައްސަލަތަކެއް ޗެލްސީއާ ގުޅިފައި އެބައޮތެވެ. އިނގިރޭސި އެފްއޭއިން ދަނީ އެ ކްލަބްގެ 74 މައްސަލައެއް ބަލަމުންނެވެ.