ޗެލްސީގެ ހެޑް ކޯޗުގެ މަގާމަށް، ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޝަބީ އޮލޮންސޯ އައްޔަންކުރުމުގެ މަސައްކަތް އެ ކްލަބުން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދި އެތުލެޓިކް ޔޫކޭއިން ބުނިގޮތުގައި އުމުރުން 44 އަހަރުގެ އޮލޮންސޯ، ޗެލްސީ މަގާމާ ހަވާލުވުމުގެ ޝައުގުވެރިކަން އެބަހުއްޓެވެ.

ލިއަމް ރޮސީނިއޯ ވަކި ކުރުމަށް ފަހު، ހުސްވެފައިވާ އެ މަގާމަށް ދާއިމީ ކޯޗަކު ހޯދުމުގެ މަސައްކަތުގައި އަދި ޔަގީން އެއްބަސްވުމަކާ ހަމަޔަށް ނުދެވޭތީ، އެހެން ފުރުސަތުތަކަށް ވެސް ޗެލްސީން ބަލަމުންދާ ކަމަށް ދި އެތުލެޓިކް ނޫހުން ބުންޏެވެ. 

އެ މަގާމަށް ހަމަޖައްސާނެ ކަމަށް ބެެލެވޭ ކޯޗުންގެ ލިސްޓްގައި ދެން އޮތީ ބޯންމައުތުގެ ކޯޗުކަމުން މި ސީޒަނަށް ފަހު ވަކިވާ އަންޑޯނީ އިރައޯލާ ކަމަށް އެ ނޫހުން ބުނެ އެވެ.

އޮލޮންސޯ މިވަގުތު ހުރީ އެއްވެސް ޓީމަކާ ހަވާލުނުވެ އެވެ. އޭނާ ރެއާލް މެޑްރިޑްގެ ކޯޗުކަމުން ވަކިކުރީ މިއަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހު އެވެ. ބަޔާ ލެވަކޫސަނަށް ޖަރުމަނު ލީގު ކާމިޔާބުކޮށްދީ، އެ ޓީމާއެކު ތާރީހީ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއް ރެއާލްގައި ކުރިއަށްދާން އުނދަގޫވި އެވެ. 

ރެއާލްގައި އޭނާ ހޭދަކުރި ހަތް މަސް ދުވަހުގެ ތެރޭގައި ކުޅުނު ފުރަތަމަ 11 މެޗުގެ ތެރެއިން 10 މެޗުން މޮޅުވި އެވެ. ނަމަވެސް، ބާސެލޯނާ އަތުން ސުޕަ ކަޕް ފައިނަލުން ބަލިވުމާ ގުޅިގެން އޭނާ މަގާމުން ވަކި ކުރީ އެވެ.

ކޯޗަކު ހޯދުމަށް ޗެލްސީން ގެންގުޅޭ ޝޯޓްލިސްޓުގައި އޮލޮންސޯ އާއި އިރައޯލާގެ އިތުރުން ފުލަމްގެ މާކޯ ސިލްވާ ވެސް ހިމެނޭ ކަމަށް ދި އެތުލެޓިކްުން ބުންޏެވެ.

ޗެލްސީން އެންޒޯ މަރެސްކާ ވަކިވުމުން އައްޔަންކުރި ރޮސީނިއޯ މަގާމުން ވަކިކުރީ އެންމެ ހަތަރު މަސް ދުވަހު ބެހެއްޓުމަށްފަހު އެވެ. މިވަގުތު ޓީމަށް އިރުޝާދު ދެނީ އިންޓަރިމް ކޯޗު ކެލަމް މެކްފާލޭން އެވެ.

އޮލޮންސޯ އަކީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ރެއާލް މެޑްރިޑާއި ލިވަޕޫލް ފަދަ ބޮޑެތި ކްލަބްތަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރެކެވެ.