ލަންޑަން (މާޗު 6) - ވެސްޓް ހޭމް ޔުނައިޓެޑުން އިތުރު ވަގުތުކޮޅު ތެރޭ ދެ ލަނޑު ޖަހައިގެން 2-2 އިން އެއްވަރު ކުރި ނަމަވެސް، ޕެނަލްޓީ ޝޫޓައުޓްގައި 4-2 އިން މޮޅުވެ ލީޑްސް ޔުނައިޓެޑް އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ވެސްޓް ހޭމްގެ ދަނޑުގައި 26 ވަނަ މިނިޓުގައި ލީޑްސް ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އައޯ ޓަނަކާ އެވެ. އަދި ލީޑް ފުޅާ ކުރީ 75 ވަނަ މިނިޓުގައި ޑޮމިނިކް ކެލްވާޓް ލެވީން ކާމިޔާބުކުރި ޕެނަލްޓީންނެވެ.

ވެސްޓް ހޭމް ނަތީޖާ އެއްވަރު ކުރީ 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގަ އެވެ. އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި މެތިއުސް ފެނާންޑޭޒް ފަރަގު ކުޑަ ކޮށްދިން އިރު، ހަތްވަނަ މިނިޓުގައި އެއްވަރު ކުރި ލަނޑު ޖަހައިދިނީ އެކްސެލް ޑިސާސީ އެވެ.

ލީޑްސްގެ ކީޕަރު، ވެސްޓް ހޭމްގެ ހަތަރު ވަނަ ޕެނަލްޓި މަތަ ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ލީޑްސްގެ ކީޕަރު، ވެސްޓް ހޭމްގެ ހަތަރު ވަނަ ޕެނަލްޓި މަތަ ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ލަނޑެއް ނުޖެހި ޕެނަލްޓީ ޝޫޓައުޓްގައި ލީޑްސްގެ ފުރަތަމަ ޕެނަލްޓީ ނާކާމިޔާބު ވި ނަމަވެސް ބާކީ ހަތަރު ޕެނަލްޓީ ކާމިޔާބު ކުރި އެވެ. ވެސްޓް ހޭމަށް ނާކާމިޔާބު ވީ ޖަރޯޑް ބޯވެން ފޮނުވާލި ފުރަތަމަ ޕެނަލްޓީ އާއި ޕަބްލޯ ފޮނުވާލި އެ ޓީމުގެ ހަތަރުވަނަ ޕެނަލްޓީ އެވެ.

މިއީ 1972 ގައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ލީޑްސް، 39 އަހަރު ފަހުން މުބާރާތުގެ ސެމީ ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ. ލީޑްސް އެންމެ ފަހުން ސެމީގައި ކުޅެފައި ވަނީ 1987ގަ އެވެ.

މި އަހަރުގެ ސެމީގައި ލީޑްސް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ލީޑްސް ވަނީ އިނގިރޭސި ލީގުގައި މި ސީޒަންގައި ޗެލްސީގެ ދަނޑުގައި އެ ޓީމު ބަލިކޮށް، އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޕޮއިންޓެއް ހޯދައިފަ އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ އާއި ސައުތެމްޓަން އެވެ.