އީގަލްސްގައި ކުރީގެ ޗެއާމަން ސަރަނގު އާދަމް މަނިކު ކުރެއްވި މަސައްކަތް އެންމެ ކައިރިން ފެނިވަޑައިގެންނެވި އެއް ބޭފުޅަކީ، ދަރިކަނބަލުން ފާތިމަތު ސުއާދު (ތާތު) އެވެ. ދެވަނަ ޑިވިޝަނުގައި އޮތް އީގަލްސް ނަގައި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނީ އާދަމް މަނިކުގެ ޗެއާމަންކަމުގަ އެވެ. އޭގެ ކުރިން ފެށިގެން ކްލަބްގައި އެތައް މަހެއް ވަންދެން ނުދެވި ހުރި މުސާރަތައް އާދަމް މަނިކުގެ އަމިއްލަ ޖީބުން ކުޅުންތެރިންނަށް ދެއްވި އެވެ. އީގަލްސްގެ ތާރީހުގައި އެ ޓީމަށް އެންމެ މަޝްހޫރު ކުޅުންތެރިން ސޮއިކުރުވީ ވެސް އޭނާ ޗެއާމަނަކަށް ހުންނަވައިގެންނެވެ.

އީގަލްސްގެ މިހާރުގެ ޗެއާޕާސަން، ތާތު އަށް އެ މާގަމަށް އަންނަން ޝައުގުވެރިވީ ވެސް އެ މަސައްކަތުގައި ބައްޕަ އުޅުއްވި ގޮތް ފެނުމުންނެވެ. އަދި އާދަމް މަނިކަށް ކުރިމަތިވެ ވަޑައިގެންނެވި ގޮންޖެހުންތަކާއި ދަތިތައް ވެސް އޭނާ އަށް ވަނީ އޮޅުންފިލައިފަ އެވެ. ކްލަބެއްގެ ހިންގުމުގެ ބުރަ މަސައްކަތުގެ ގިނަ ކަންކަން ތާތު އަށް ދަސްވީ އާދަމް މަނިކުގެ ފަރާތްޕުޅުންނެވެ.

"ކްލަބް އީގަލްސްގެ ޗެއާޕާސަނަކަށް އަންނަން އިންސްޕަޔާވީ ވެސް އޭރު ބައްޕަ އުޅުއްވި ގޮތް ފެނިފައި ހުރީމާ. ބައްޕަ ކުރެއްވި މަސައްކަތް އެންމެ ގާތުން ފެނުނު އެކަކަށް ވާނެ އަޅުގަނޑު،" ފުޓްބޯޅައިގައި މި ވަގުތު ހުރި ހަމައެކަނި އަންހެން ޗެއާޕާސަން ބުންޏެވެ.

އެކަމަކު ތާރީހަށް ބަލާއިރު ތާތު މިއަދު އިން ގޮނޑިއަކީ އަންހެނަކަށް އެހާ ފަސޭހަ ގޮނޑިއެއް ނޫނެވެ. ފުޓްބޯޅައިގެ ކުރީގެ ގަދަބާރު ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ޗެއާޕާސަން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބްދުﷲ ވަޑައިގެން، އަހަރެއްހާ ދުވަހު ވެސް އޭނާ އަށް އެ މަގާމުގައި ހިފަހައްޓައެއް ނުލެވުނެވެ. ބޮޑު ހަރަދެއްކޮށް ފެށި މަސައްކަތް ދޫކޮށްލައްވާފައި އިސްތިއުފާ ދެއްވީ އެވެ.

އެކަމަކު ތާތު ހުރީ، ފިރިހެނުންގެ ނުފޫޒާއި ބާރު އޮތް މި ދާއިރާގައި އަންހެނަކަށް ވެސް ތަފާތެއް ގެނެވޭނެ ކަމުގެ އުންމީދުގަ އެވެ.

"އަޅުގަނޑު ބޭނުން އަންހެނަކަށް ވެސް މިކަން ކުރެވޭނެކަން ސާބިތުކޮށްދޭން،" ޓޫރިޒަމް ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަ ތާތު ބުންޏެވެ. "އެގޮތުން މިހާރު ވެސް އަޅުގަނޑު ވާނެ ބަދަލުތަކެއް ގެންނަން މަސައްކަތް ފަށާފައި."

ފޯވާޑް އަހްމަދު މުހައްމަދު (އަންމަޑޭ) އީގަލްސް އަށް ސޮއި ކުރުމުން ތާތު (ވ) އޭނާ އަށް ޖޯޒީ ހަވާލުކޮށްދެނީ: ކުޅުންތެރިންގެ މުސާރަތައް ހައްލުކޮށް ދިނުމުގައި ތާތު ވަނީ މުހިންމު ދައުރެއް އަދާކޮށްފައި.
ފޯވާޑް އަހްމަދު މުހައްމަދު (އަންމަޑޭ) އީގަލްސް އަށް ސޮއި ކުރުމުން ތާތު (ވ) އޭނާ އަށް ޖޯޒީ ހަވާލުކޮށްދެނީ: ކުޅުންތެރިންގެ މުސާރަތައް ހައްލުކޮށް ދިނުމުގައި ތާތު ވަނީ މުހިންމު ދައުރެއް އަދާކޮށްފައި.

ފުޓްބޯޅަ އަށް އެކަނި ކްލަބް ބަރޯސާކުރުމުގެ ބަދަލުގައި އެހެން ކުޅިވަރުތަކުގައި ވެސް ވަރުގަދަ އަށް ވާދަކުރާ ކްލަބަކަށް އީގަލްސް ވާން ތާތު ބޭނުންވެ އެވެ.

"އަޅުގަނޑު ބޭނުންވީ ހަމައެކަނި ފުޓްބޯޅަ ކްލަބަކަށް ނުވެ ކުޅިވަރު ކްލަބަކަށް އީގަލްސް ހަދަން. އެހެން ކުޅިވަރުތަކުގައި ވެސް ވާދަވެރި ކްލަބަކަށް ވާން،" ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުން ގައުމީ ޗެމްޕިއަންކަން މިދިޔަ ޑިސެމްބަރު މަހު ހޯދި ކްލަބުގެ ޗެއާޕާސަން ބުންޏެވެ.

މުސާރައިގެ މައްސަލަތައް ކުރިމަތިވި ކްލަބްގެ ހާލަތު ބަދަލުކުރުން

މިދިޔަ ސީޒަނަކީ އީގަލްސް އަށް އުނދަގޫ ސީޒަނެކެވެ. ކުރިމަތިވި އުނދަގޫ ހާލަތުގެ ތެރޭގައި އޭރު ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒު (މޯހަން) ވެސް މަގާމުން އިސްތިއުފާ ދިނެވެ. މޯހަން މަގާމުން ވަކިވުމުގައި މައިގަނޑު ސަބަބަކަށް އޮތީ ކުޅުންތެރިންނަށް މުސާރަ ނުދީ އޮތުމުން އޭނާ ބޭނުންވާ ޕާފޯމަންސް ކުޅުންތެރިންގެ ކިބައިން ނެރެން އުުނދަގޫވުމެވެ. އީގަލްސްގެ ޗެއާޕާސަންކަމާ މިދިޔަ އަހަރުގެ މާޗް މަހު ތާތު ހަވާލުވީ އެ އުނދަގޫ ހާލަތުގަ އެވެ. އީގަލްސްގައި އޮތް އެންމެ ބޮޑު މައްސަލައަކީ ފައިސާގެ މައްސަލަ އެވެ. ފުޓުބޯޅައިގެ ބައެއް އެހެން ކްލަބްތަކަށް ވެސް ކުރިމަތިވެފައި އޮތް އެ މައްސަލައިން އީގަލްސް ނެގުމަށް ތާތު މަސައްކަތް ފެއްޓެވި އެވެ.

މިދިޔަ އަހަރު އީގަލްސްގެ ކޯޗިން ސްޓާފުންނާ ތާތު ބައްދަލު ކުރަނީ: ނުދެވި ހުރި މުސާރަތައް ދިނުމުގައި އޭނާ ވަނީ ކާމިޔާބު ހޯދާފައި.
މިދިޔަ އަހަރު އީގަލްސްގެ ކޯޗިން ސްޓާފުންނާ ތާތު ބައްދަލު ކުރަނީ: ނުދެވި ހުރި މުސާރަތައް ދިނުމުގައި އޭނާ ވަނީ ކާމިޔާބު ހޯދާފައި.

"އަޅުގަނޑު ހަވާލުވިރު މުސާރަ ނުދެވި ބެކްލޮގްގައި އޮތް ދެތިން މަސް،" އީގަލްސްގެ ޗެއާޕާސަންކަމުގައި އަހަރެއްހާ ދުވަސް ހޭދަކުރި ތާތު ބުންޏެވެ.

"އެކަމަކު މަޑުމަޑުން މުސާރަ ދެމުންގޮސް ބެކްލޮގްގައި ހުރި ހުރިހާ މުސާރަތައް އަދާކޮށް ނިންމުނު. މިހާރު ކޮންމެ މަހަކު އެ މަހެއްގެ މުސާރަ ދެވޭތޯ މަސައްކަތް ކުރަމުން މިދަނީ."

ގޮންޖެހުން ބޮޑު، އެކަމަކު ހާލަތު ބަދަލުކުރެވޭނެ

މިދިޔަ އަހަރު އޭއެފްސީ ކަޕް ކޮލިފައިންގައި ވާދަކުރި އީގަލްސް އަށް ސްޕޮންސަރެއް ހޯދުމަށް ތާތު އިސްނަގައިގެން މަސައްކަތްތަކެއް ކުރި އެވެ. ރާއްޖޭގެ ބޮޑު ކުންފުންޏަކާ އެކު ވާހަކަތައް ދެކެވުނު ނަމަވެސް އެއްބަސްވުމަކާ ހަމައަށް އާދެވޭ ގޮތް ނުވި އެވެ.

"އޭއެފްސީ ކަޕް ވެސް ވީމަ އެއީ މެއިން ފޯކަސް ކަމަށް ބަލައިގެން ސްޕޮންސަރެއްގެ ގޮތުގައި ކުންފުންޏެއް ހަމަޖައްސަން އަޅުގަނޑުމެން ވާހަކަ ދެއްކިން. އެކަމަކު ކޮވިޑުގެ ހާލަތަށް ވެސްވުމާ އެކު އެ ވަގުތު އެ ކުންފުނި އެފިލިއޭޓް ނުވީ،" ތާތު ބުންޏެވެ.

ކްލަބެއް ބިޒްނަސް މޮޑެލް އަށް ބަދަލު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ތާތު ގަބޫލުކުރެ އެވެ. އެކަމަށްޓަކައި ކުންފުނިތައް ކްލަބާ އެންގޭޖް ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް މެނޭޖްމަންޓް ދާއިރާ އިން ތައުލީމު ހާސިލުކުރި ތާތު ބުންޏެވެ. ހުރިހާ ގިންތިއަކަށް ކްލަބް ފުޅާކުރުމަކީ ވެސް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.

މިދިޔަ އަހަރު އެފްއޭއެމްއާ އެކު ބޭއްވި ބައްދަލުވުމުގައި ތާތު: އޭނާގެ ދައުރަށް މިދިޔަ މަހު ވަނީ އެއް އަހަރުވެފައި
މިދިޔަ އަހަރު އެފްއޭއެމްއާ އެކު ބޭއްވި ބައްދަލުވުމުގައި ތާތު: އޭނާގެ ދައުރަށް މިދިޔަ މަހު ވަނީ އެއް އަހަރުވެފައި

"އެހެންވެ އަންހެން ކުދިންގެ އެކަޑަމީއެއްގެ މަސައްކަތް ފެށީ ވެސް. އަންހެން ކުދިން ވެސް މީގެ ތެރެއަށް ވެއްދުމަށްޓަކައި. އެކަމަށް ހުޅުވާލުމުން ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު،" ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ލޯންޗު ކުރި ފުރަތަމަ އަންހެން އެކަޑަމީއާ ބެހޭގޮތުން ތާތު ބުންޏެވެ.

އާދަމް މަނިކުގެ ޗެއާމަންކަމުގައި އެންމެ ބޮޑު ގެންޖެހުމެއް ކުރިމަތިވީ 2012 ގަ އެވެ. ބޮޑު ހަރަދުކޮށް ވަރުގަދަ އަށް ސީޒަނަށް ތައްޔާރުވި ކްލަބު އެ އަހަރު އަޑިއަޅައިލި އެވެ. އެ ތަޖުރިބާ އަށް ފަހު އީގަލްސް އިން އެއްފަހަރާ ބޮޑު ހަރަދެއް ކުރުން ހުއްޓާލި އެވެ. ޒުވާން ކުޅުންތެރިންނަށް އިންވެސްޓްމެންޓް ބަދަލުކުރި އެވެ. އޭގެ ނަތީޖާ ވެސް ފެނުނެވެ.

"އެއީ އަޅުގަނޑަށް ވެސް ވަރަށް ކަމުދާ ސިސްޓަމެއް،" ދިވެހި ޗެނަލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރާ ތާތު ބުންޏެވެ.

"ސަސްޓެއިން މޮޑެލް އަކަށް ގެންދެވޭނީ ވެސް ފުރަތަމަ އެކަހަލަ ގޮތަކަށް ފަށައިގެން."

ކްލަބުގެ ހިންގުން ހަރުދަނާކޮށް ވިޔަފާރި ބްރޭންޑްތަކުގެ އިތުބާރު ލިބޭ ކްލަބަކަށް އީގަލްސް ބަދަލު ކުރުމަކީ ތާތުގެ އެންމެ ބޮޑު އަމާޒެވެ. އަދި ތަށިތައް ހޯދޭނެ ކްލަބަކަށް އީގަލްސް ވާނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ.