ކުޅިވަރު / ޔޫރޮޕާ ލީގް

ކުއާޓާ ގެ ފުރަތަމަ ލެގުގައި ބާސާ އާއި ވެސްޓް ހޭމް ވެސް އެއްވަރު

ބާސެލޯނާ އާއި އެއިންޓްރަކްޓް ފްރޭންކްފާޓް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ފްރޭންކްފާޓް (އޭޕްރީލް 8) - ޔޫއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސްޕެއިންގެ ބާސެލޯނާ އާއި އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު ފުރަތަމަ ލެގުގެ މެޗް 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

ބާސެލޯނާއިން ކުއާޓާ ފައިނަލުގައި އެއްވަރުވީ ޖަރުމަންގެ އެއިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށް ރޭ ޖަރުމަނުގައި ކުޅުނު މެޗުންނެވެ. ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނެވެ. ފްރޭންކްފާޓަށް ޕެނަލްޓީއެއް ވެސް ދޭން ވެސް މި ހާފުގައި ރެފްރީ ނިންމި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީގެ ނިންމުން އަނބުރާ ގެންދިޔުމާ އެކު ދެ ޓީމުން ވެސް ހާފު ނިންމާލީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ފްރޭންކްފާޓުންނެވެ. އެޓީމުން ލީޑު ނެގީ މެޗުގެ 48 ވަނަ މިނިޓްގައި ކްނައޮފް އޭރިއާ ބޭރުން ޖެހި ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެންނެވެ. ބާސެލޯނާ އިން ނަތީޖާ އެއްވަރުކުރީ 66 ވަނަ މިނިޓުގައި ފްރެންކީ ޑި ޔޯން ދިން ބޯޅައެއް ގޯލުތެރެއަށް ފޮނުވާލައިގެން ފެރާޏް ޓޮރޭޒް އެވެ.

މެޗު ނިމެން 12 މިނިޓަށް ވެފައި ވަނިކޮށް ފްރޭންކްފާޓުގެ ބްރެޒިލް ޑިފެންޑަރު ޓޫޓާ އަށް ދެވަނަ ރީނދޫ ކާޑެާއެކު ރަތް ކާޑެއް ދެއްކުމުން އެޓީމުން މެޗުގެ ބާކީ ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. އަދި މި ނަތީޖާ އާއެކު ބާސެލޯނާގައި ކުޅޭ ދެވަނަ ލެގު ކާމިޔާބު ކޮށްގެން ދެ ޓީމަށް ވެސް ސެމީ ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު ވަނީ ތަނަވަސް ވެފަ އެވެ.

ބާސެލޯނާ އާއި އެއިންޓްރަކްޓް ފްރޭންކްފާޓްގެ ތެރެއިން ސެމީ ފައިނަލުން ޖާގަ ހޯދާ ޓީމެއް ވާދަކުރަން ޖެހޭނީ ވެސްޓް ހޭމް ޔުނައިޓެޑާއި ފްރާންސްގެ ލިޔޯން ވާދަކޮށް މޮޅުވާ ޓީމަކާ އެވެ.

ވެސްޓް ހޭމް އާއި ލިޔޯން ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން ސްޓޭޑިއަމްގައި ރޭ ވެސްޓް ހޭމް އާއި ލިޔޯން ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑެއް ނުޖެހި އެއްވަރު ވެފައި ވާއިރު، މި ހާފުގެ އިތުރު ވަގުތުގައި ވެސްޓް ހޭމްގެ ޑިފެންޑަރު އާރޮން ކްރެސްވެލް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ލިއޯންގެ މޫސާާ ޑެމްބެލޭ ހުސްކޮށް ބޯޅަ ހިފައިގެން ކުރިޔަށް ދާން އުޅުމުގެ ތެރޭގައި ފަހަތުން އައިސް އޭނާ ވައްޓާލުމުންނެވެ.

އެކަކު މަދުކޮށް ފަހު ހާފް ކުޅެން ޖެހުނު ވެސްޓް ހޭމް އިން ލީޑު ނެގީ 52 ވަނަ މިނިޓުގައި ޖެރޯމް ބޯޓެންގް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޖަރޯޑް ބޯވެން އެވެ. ނަމަވެސް ލިޔޯން އިން ވެސްޓް ހޭމްގެ ކުޅުންތެރިޔެއް މަދުން ކުޅެމުން ދިޔުމުގެ ފައިދާ ނަގައި، ވެސްޓް ހޭމް އަށް ގިނަ ވަގުތު ޑިފެންސް ކުރަން ޖެހުމުން އެ ލީޑު މާ ގިނައިރު ހިފެހެއްޓޭ ގޮތެއް ނުވި އެވެ.

ލިޔޯން އިން އެއްވަރުކުރީ މެޗުގެ 66 ވަނަ މިނިޓުގަ އެވެ. ބަދަލު ކުޅުންތެރިޔެއް ގޮތުގައި ކުޅެން އެރި ޓީޓޭ ހަނި އޭންގަލުން ފޮނުވާލި ބޯޅަ ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއަންސްކީ އަތުގައި ޖެހިފައި ނުކުތް ވަގުތު މި ލަނޑު ޖަހައިދިނީ، ޓޮޓެންހަމުން ލޯނު އުސޫލުން އެޓީމަށް ކުޅެމުން އަންނަ މިޑްފީލްޑަރު ޓަންގީ އެންޑޮމްބެލޭ އެވެ.

ޖަރުމަންގެ އާރުބީ ލައިޕްޒިގާ ދެކޮޅަށް އެޓަލާންޓާ ކުޅުނު ކުއާޓާގެ ފުރަތަމަ ލެގު ވެސް ރޭ ނިމުނީ އެއްވަރު ވެގެންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ލުއިސް މުރިއެލް އިޓަލީގެ އެޓަލާންޓާ އަށް ލީޑު ނަގައިދީފައި ވަނިކޮށް، ނަތީޖާ އެއްވަރުވީ، ދެވަނަ ހާފުގައި އެޓީމުގެ ފުލްބެކް ޑަވިޑޭ ޒަޕަކޯސްޓާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ޒަޕަކޯސްޓާ އަތުން ބައިކޮޅަށް ގޯލު ވަނުމުގެ އިރުކޮޅެއް ކުރިން ލައިޕްޒިގަށް ވަނީ ޕެނަލްޓީ އެއް ލިބި ނާކާމިޔާބު ވެފަ އެވެ.

ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މޮޅެއް ހޯދުނީ ހަމައެކަނި ޕޯޗުގަލްގެ ބްރާގާ އަށެވެ. އެޓީމުން ވަނީ ރޭ އަމިއްލަ ދަނޑުގައި ސްކޮޓްލެންޑުގެ ރޭންޖާސްއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. ބްރާގާ އިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމަށް ޖަހައިދިނީ އާބެލް ރުއިޒް އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454