ކުޅިވަރު / ވިމްބްލްޑަން ޓެނިސް މުބާރާތް

ރަޝިއާ އަދި ބެލަރޫސް ކުޅުންތެރިންނަށް ވިމްބަލްޑަންގައި ނުކުޅެވޭނެ، އެތުލީޓުން ހިތްހަމަ ނުޖެހިފައި

ރަޝިއާގެ މެޑްވެޑޭވް މިދިޔަ އަހަރުގެ ވިމްބެލްޑަންގައި ކުޅެނީ.-- ފޮޓޯ ގެޓީ އިމޭޖަސް

ޒިއުރިކް (އޭޕްރީލް 22) - އިނގިރޭސިވިލާތުގައި ބާއްވާ ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގައި ރަޝިއާ އާއި ބެލަރޫސް އަށް ނިސްބަތްވާ ކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބުނެ ޓެނިސް ކުޅުންތެރިން ނުރުހުން ފާޅުކޮށްފި އެވެ.

ރަޝިއާ އިން ޔޫކްރޭނަށް އަރައި ކުރަމުން ގެންދާ ހަނގުރާމައިގެ ސަބަބުން ރަޝިއާ އާއި ބެލަރޫސްގެ ކުޅުންތެރިން ޔޫކޭގެ ގްރާސް-ކޯޓު އެއްވެސް ކުޅިވަރެއްގައި ބައިވެރިވުން މަނާކޮށްފައިވާއިރު، ދުނިޔޭގެ ފިރިހެން ޓެނިސް އޯގަނައިޒޭޝަން އޭޓީޕީ އާއި އަންހެން ކުޅުންތެރިންގެ ޑަބްލިއުޓީއޭ އިން ވެސް ވަނީ މިއީ އެއްވެސް އިންސާފެއް ނެތް ގޮތަށް ނިންމާފައިވާ ނިންމުނެއް ކަމަށް ބުނެފަ އެވެ.

އޭޓީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގައުމުގެ ގޮތުން ކުޅުންތެރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ ވިމްބެލްޑަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އަދި ކުޅުންތެރިން މުބާރާތަށް ކޮލިފައިވާނީ އެ ކުޅުންތެރިއެއްގެ އޭޓީޕީ ރޭންކިންއަށް ބަލައިގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ވިމްބެލްޑަންގެ މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ފިރިހެން ދެވަނަ ޓެނިސް ކުޅުންތެރިޔާ ރަޝިއާގެ ޑެނީލް މެޑްވެޑޭވް އާއި އަށްވަނަ ކުޅުންތެރިޔާ ރަޝިއާގެ އަންޑްރޭ ރުބްލޭވް އަދި އަންހެން ހަތަރުވަނަ ކުޅުންތެރިޔާ ބެލަރޫސްގެ އަރީނާ ސަބަލެންކާ އަށް ވެސް މުބާރާތުގައި ވާދަ ނުކުރެވޭނެ އެވެ.

ރުބްލޭވް ބުނީ ވިމްބެލްޑަން އިން އެ ކުޅުންތެރިން ބޭރުކުރަން ނިންމި ނިންމުމުގައި ގަބޫލުކުރެވޭ އެއްވެސް އުޒުރެއް ދެއްކިފައި ނުވާ ކަމަށާއި މިއީ އެތުލީޓުންގެ މެދުގައި ތަފާތުކުރުން ކަމުގަ އެވެ. އޭނާ ވަނީ ފެބްރުއަރީ މަހު ހަނގުރާމަ ފެށިތާ ކުރީކޮޅު ދުބާއީ ޓެނިސް ޗެމްޕިއަންޝިޕުގައި ހަނގުރާމަ ހުއްޓާލަން ވެސް ގޮވާލައިފަ އެވެ.

ދުބާއީ މުބާރާތުގައި ރުބްލޭވް، ހަނގުރާމަ ހުއްޓާލަން ގޮވާލައި ކެމެރާގައި ލިޔުންކޮޅެއް ލިޔެފައި.--

ބެލަރޫސްގެ ޓެނިސް ފެޑެރޭޝަނުން ވެސް ވަނީ މި ނިންމުމާ މެދު ގާނޫނީ ލަފާ ހޯދަމުން ދާކަން ހާމަކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ޝަރަފްވެރި ހަތަރު ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން އެއް މުބާރާތަކީ ވިމްބެލްޑަން ޓެނިސް މުބާރާތެވެ. މި އަހަރުގެ މުބާރާތް ކުރިޔަށް ދާނީ އަންނަ ޖޫން މަހުގެ 27 އިން ޖުލައި 10 ގެ ނިޔަލަށެވެ.

ރެކޯޑް އަދަދެއް ކަމަށްވާ ނުވަ ފަހަރަށް ވިމްބެލްޑަން މުބާރާތް ކާމިޔާބުކުރި ކުރީގެ އަންހެން ޓެނިސް ކުޅުންތެރިޔާ މާޓީނާ ނަވްރަޓިލޯވާ ބުނީ މިއީ ކަން ހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށެވެ. އޭނާ ބުނީ މިއީ ގޯސް ނިންމުމެއް ކަމަށާއި، ޓެނިސް ކަހަލަ ޑިމޮކްރެޓިކް ކުޅިވަރެއް ސިޔާސީ ކަންކަމާހުރެ ހަލާކުވާތަން ފެނުމުން ދެރަވާ ކަމަށެވެ.

މިހާތަނަށް ހަ ފަހަރު މުބާރާތް ކާމިޔާބުކުރި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޯވަކް ޖޮކޮވިޗް ވެސް ވަނީ މި ނިންމުމަށް ތާއިދު ނުކުރާކަން ހާމަކޮށްފަ އެވެ.

"ޓެނިސް ކުޅުންތެރިންނާއި ހަނގުރާމައާ އެއްވެސް ގުޅުލުމެއް ނެތް. ސިޔާސީ ކަންކަން ކުޅިވަރުގެ ތެރެއަށް ވައްދާ ނަމަ ނަތީޖާ މާ ރަނގަޅެއް ނުވާނެ،" ޖޮކޮވިޗް ބުންޏެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 40%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454