ކުޅިވަރު / މީހުން

އީޝަލް: ވިހެއީއްސުރެ މިއަދާ ހަމައަށް ވެސް ތަފާތު!

"އުމުރުން ތިން މަހުގައި އަޅުގަނޑުމެން ދިޔައީ ބެންގަލޫރަށް. މުޅި ފެމެލީ އެއްކޮށް ދިޔައީ. ފިފްޓީ ފިފްޓީ ކަމެއް ވިއްޔާ."

ހައްވާ އީޝަލް ރިޔާޒު: ރާއްޖޭގެ ބެޑްމިންޓަންގެ ތާރީހް ބަދަލުކޮށްލި ކުޅުންތެރިޔެއް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހައްވާ އީޝަލް ރިޔާޒު މަގުމަތިން ހިނގާފައި ދާއިރު އެއީ "ތަފާތު ކުއްޖެއް" ކަމަށް ސިފަކޮށް މީހުން ބަލަން ތިބެ އެވެ. އިނގިލި ދިއްކޮށްކޮށްފައި އެއީ ހާދަ "ކުޑަ ކުއްޖެކޭ" އެކަކު އަނެކަކަށް ބުނެލެވެ އެވެ. އީޝަލް އަކީ އުފަންވިއިރު ވެސް "ޓާނާ ސިންޑްރޯމްސް" ނުވަތަ ހެދި ބޮޑުވުމުގެ ޑިސްއޯޑާ ހުރި ކުއްޖެކެވެ.

އެކަމަކު އޭނާ އާމެދު ތަފާތުކޮށް ވިސްނި ނުވަތަ ވިސްނާ އެންމެންނަށް ވުރެ އީޝަލްގެ ހިތްވަރާއި ރާއްޖެ އަށް އޭނާ ހޯދައިދީފައިވާ ރީތި ނަމުގެ ހައިބަތު މާބޮޑެވެ. މާ ޝަރަފުވެރި އެވެ. އޭގެ ޖަވާބު އޭނާ ދިނީ ވަރަށް ފުރިހަމައަށެވެ. އިންޓަނޭޝަނަލް ބެޑްމިންޓަންގައި ރާއްޖޭގެ ތާރީހް ބަދަލުކޮށްލި ތަރި އަކީ، ބައެއް މީހުން ތަފާތު ކުއްޖެ ކަމަށް ސިފަ ކުރި އީޝަލް އެވެ.

ޑިސެމްބަރު 2021 ގައި އޭޝިއާގެ ޔޫތު ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި ބަންގްލަދޭޝްގެ ޝޮރްމީ މޮޒުމަޑާރް ބަލިކޮށް ޕެރަ ބެޑްމިންޓަން މުބާރާތެއްގައި ރާއްޖެ އަށް ފުރަތަމަ މޮޅު ހޯދައިދީ ކުޅިވަރުގެ މިބޮޑު އާއިލާ އަށް އުފާވެރިކަން ގެނެސް ދިނީ ބައެއް މީހުން އިނގިލި ދިއްކޮށްކޮށްފައި "ކުޑަ ކުޑަ ކުއްޖެކޭ" ބުނި، އީޝަލް އެވެ.

ނުކުރެވޭނެ ކަމަށް ހީވެފައި އޮތްކަމެއް އީޝަލް ބަދަލުކޮށްލި

ބެޑްމިންޓަން ކުޅެވޭނީ، ފުދޭވަރެއްގެ އިސްކޮޅެއް ވެސް ހުރެގެންކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ރާއްޖޭގެ އިސްކޮޅުން ކުރު ބައެއް އެތުލީޓުން ވެސް ބެޑްމިންޓަން ކުޅެން ޝައުގުވެރިވި އެވެ. އެކަމަކު ކުރިއަށް ނުދެވޭނެ ކަމަށް ބަލައި އެހެން ކުޅިވަރުތައް އިހްތިޔާރު ކުރީ އެވެ.

އީޝަލް: ބެޑްމިންޓަންގައި ބޮޑު އަޒުމެއް އެބައޮތް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު އިސްކޮޅުން ކުރުވިއަސް ބެޑްމިންޓަންގައި އީޝަލް ފަށައިފައިވާ ލެގަސީގެ ވާހަކައަކީ ދިގު ނޮވެލް އަކަށް ފެތޭ ވަރަށް ވުރެ ވެސް ދިގު ވާހަކައެކެވެ.

"އަސްލު އަޅުގަނޑު ވެސް ފުރަތަމަ ހީނުކުރަން ބެޑްމިންޓަން ކުޅެވޭނެ ކަމަކަށް. އެއީ ކުރިން ވެސް ފެނިފައި ހުރީ ވަރަށް އިސްކޮޅުން ދިގުކޮށް ހުންނަ ކުޅުންތެރިން ކުޅޭތަން،" މިދިޔަ މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ސްޕެޝަލީ އޭބަލްޑް އެތުލީޓްގެ އެވޯޑް ހޯދި އީޝަލް ބުންޏެވެ.

"ބައްޕަ ބުނެގެން ދިޔައި ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި އިވެންޓަކަށް. އެ އިވެންޓަށް ގޮސް ކުޅެން އުޅެނިކޮށް އަޅުގަނޑުގެ މިހާރުގެ ކޯޗުންނަށް ފެނިގެން ގެންދިޔައީ ވައިޑީޕީ އަށް. ދެން ވައިޑީޕީން ނެޝަނަލް ޓީމަށް."

ތާޖުއްދީން ސްކޫލްގެ ގްރޭޑް 9 ގައި ކިޔަވަމުން އަންނަ އީޝަލް ހުރީ ސްކޫލް ނިމުމަށް ފަހު ކެރިއާއެއްގެ ގޮތުގައި ވެސް ބެޑްމިންޓަންގައި ކުރިއަށް ދާށެވެ. އެ ކުޅިވަރުގައި ގައުމަށް ރީތި ނަން ހޯދައިދޭން އޭނާ ދެމިހުންނާނެ އެވެ. ކޮންމެ ހަފުތާއަކު ހަ ދުވަހު، ކޮންމެ ދުވަހަކު ދެގަޑިއިރު އޭނާގެ ޓްރޭނިންތައް ކުރިއަށް ގެންދަނީ އެޓާގެޓަށް ވާސިލު ވުމަށެވެ.

އުފަންވުމުގެ މަރުހަލާގައި ވެސް އީޝަލް ތަފާތު

އީޝަލްގެ ބައްޕަ އަހްމަދު ރިޔާޒު ބުނި ގޮތުގައި، އީޝަލް އަށް އޭނާގެ މަންމަ މަރިޔަމް ރަޝީދާ ބަނޑުބޮޑު އިރު ވެސް މުޅިން އާދަޔާ ހިލާފް ކަމެއް ފާހަގަ ކުރެވުނެވެ. މަރިޔަމް އަށް ވިހަން ދީފައިވާ ޑިޔު ޑޭޓް އެކިފަހަރުމަތިން ދިޔައީ ފަސްވެ ލަސްވަމުންނެވެ.

ހައްވާ އީޝަލް ރިޔާޒު މިހާރު އަށް އިންޓަވިއު ދެނީ: އޭނާ އަކީ ބެޑްމިންޓަންގެ ތާރީހް ބަދަލުކޮށްލި ކުޅުންތެރިޔެއް --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ޑިޔުޑޭޓް ލަސް ވަމުން ދިޔަ 15 ދުވަހަށް އަދި ބައެއް ފަހަރު އެއް މަހަށް ވެސް. ދެން އެއް ދުވަހު ވަރަށް ބަނޑުގައި ރިއްސާތީ އައިޖީއެމްއެޗްގެ ޕްރެގިނެންސީ ކްލިނިކަށް ގޮސް ސްކޭން ހެދީމަ ދައްކަނީ އަނެއްކާ ވެސް ޑިޔު ޑޭޓް އިތުރު އެއް މަހަށް ލަސްވެފައި އިންތަން،" ރިޔާޒު ކިޔައިދިނެވެ.

"ދެން ބުނެފި ސްކޭން މެޝިނުގެ މައްސަލައެކޭ. އަނެއްކާ ވެސް އަންނާށޭ ބުނީމަ ދެ ގަޑިއިރު ފަހުން ދިޔައީމަ ސްކޭން ހެއްދީމަ ދެން ދައްކަނީ އޭގެ ކުރިން ހެދި ސްކޭން އަށް ވުރެ ޑިޔު ޑޭޓް ދެތިން ދުވަސް ލަސް ކަމަށް. ދެން އޭޑީކޭ އަށް ގޮސް ސްކޭން ހެއްދީމަ ވެސް މިވަނީ މިހެން."

ރިޔާޒު ބުނި ގޮތުގައި އޭޑީކޭގެ ޑޮކްޓަރު ލަފާ ދިނީ އޮޕަރޭޝަން ކުރުމަށްފަހު ދަރިފުޅު ނެގުމަށެވެ.

"އޮޕަރޭޝަނަށް ފަހު ދަރިފުޅު ނަގައިފައި ޑޮކްޓަރު ބުނި މިކަހަލަ ކުއްޖެކޭ. ފަހުން މި އެނގެނީ ޑިޔު ޑޭޓް ލަސްވަމުން ދިޔައީ ވެސް މިހެންވެގެންކަން،" ޔޫއެންޑީޕީގައި މަސައްކަތްކުރަމުން އަންނަ ރިޔާޒު ބުންޏެވެ.

ވިހޭއިރު އެސްފިޔަ ވެސް ނުޖެހޭ

އީޝަލް އުފަންވިތާ ތިން މަސްވީރު ވެސް އެސްފިޔަ ނުޖަހަ އެވެ. ރިޔާޒު ބުނީ ލޯ މެރެނީ ނިދިގެން ކަމަށެވެ.

"އުމުރުން ތިން މަހުގައި އަޅުގަނޑުމެން ދިޔައީ ބެންގަލޫރަށް. މުޅި ފެމެލީ އެއްކޮށް ދިޔައީ. ފިފްޓީ ފިފްޓީ ކަމެއް ވިއްޔާ،" އެސްފިޔަ ނުޖެހޭ މައްސަލަ އަށް ފަރުވާ ކުރުމަށް ބެންގަލޫރަށް ކުރި ދަތުރާ ބެހޭގޮތުން ރިޔާޒު ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

އީޝަލްގެ ނަސީބު ވަރަށް ރަނގަޅެވެ. ބެންގަލޫރުގެ ޑޮކްޓަރުންގެ ޓީމަކުން އެ މައްސަލަ އަށް އަލަށް ފަށާ ފަރުވާގެ "ޓްރެއަލް"ގައި ތުއްތުތުއްތު އީޝަލް ބައިވެރި ކުރުމަށް ޑޮކްޓަރުން އެދުނެވެ. ރިޔާޒު އާއި މަރްޔަމް އަދި އާއިލާގެ އެހެން މެންބަރުން ވެސް އެކަމަށް އެއްބަސްވެ އެއޮޕަރޭޝަނައިގެން ކުރިއަށް ދިޔަ އެވެ.

"ޑޮކްޓަރުންގެ ޓީމުން ބުނި މިކަހަލަ ކުދިންނަށް ތިމަންނަމެން އަލަށް ދޭން ފަށާ ޓްރީޓްމެންޓަކަށް އެއްބަސް ވެއްޖެއްޔާ ޓްރެއަލް އަކަށް ހަދާނަމޭ. ސަކްސަސް ވިޔަސް ނުވިޔަސް އެއްވެސް ޗާޖެއް ނުކުރާނަމޭދެން އަޅުގަނޑުމެން ދެ މީހުން އެއްބަސްވީ ހަދަން،" ރިޔާޒު ބުންޏެވެ.

"އެ ޓްރީޓްމެންޓް ހެދިއިރު ވެސް އަޅުގަނޑު ހުރިން ކައިރީގައި. ވަރަށް ހިތަށް ވެސް އަސަރުކުރި. އެކަމަކު ﷲ އިރާދަކުރެއްވީތީ އެކަން ކާމިޔާބުވީ. އޭގެ ފަހުން އެސްފިޔަ ޖެހެން ފެށީ."

ރިޔާޒުގެ ދެމަފިރިން ވެސް ފުރަތަމަ ކުރީ ހިތްދަތި ތަޖުރިބާއެއް

އީޝަލް އެންމެ ތުއްތު އިރު ވެސް އޭނާ ގޮވައިގެން ރިޔާޒު މެން ބޭރަށް ނުކުންނަން ފެށީ މުޖުތަމައުގެ ވިސްނުން ބަދަލުކުރުމުގެ ގޮތުންނެވެ. ދުރުގައި ތިބެ މީހުން ބަލާނެކަން އެނގެ އެވެ. ބައެއް ފަހަރު ވަރަށް ހިތްދަތި ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހޭކަން ރިޔާޒު ފާހަގަ ކުރި އެވެ.

ބެޑްމިންޓަން ކުޅުންތެރިޔާ އީޝަލް: ޕެރަ ބެޑްމިންޓަންގައި އިންޓަނޭޝަނަލް މުބާރަތަކުން ރާއްޖެ އަށް ފުރަތަމަ މޮޅު ހޯދައިދިން ކުޅުންތެރިޔަކީ އީޝަލް

"އެންމެ ތުއްތު އިރު އީޝަލް ގޮވައިގެން އަޅުގަނޑު އަންހެނުން ބޭރަށް ނުކުމެ ޕޭމަންޓްމަތިން ހިނގަމުންދަނިކޮށް ސައިކަލްގައި ދިޔަ މީހަކު ދިޔައީ ބަލަމުން ބަލަމުން. ދެން އަންހެނުންނަށް ވެސް އެނގޭ ބަލަމުން ދިޔަކަން. އަންހެނުން އެކަމަށް ނުވިސްނާ ދިޔައީ ހިނގަމުން. އިރުކޮޅަކުން އެއްކަލަ މީހާ އެ ކޮށި ވަށާލާފައި އަނބުރާ އައިސް އަންހެނުން ކައިރީގައި ބުނަނީ ތި ކުއްޖާ ވިހޭއިރު ވެސް އޮންނަނީ ތިހެން ހެއްޔޭ. ދެން ބަލާ އަންހެނުންނަށް ކުރާނެ އަސަރު. އަންހެނުންނަށް ވަރަށް އުނދަގޫވި ދުވަހެއް އެއީ،" ރިޔާޒު ކިޔައިދިނެވެ.

އެކަމަކު ރިޔާޒު ބޭނުންވީ ދަރިފުޅަކީ ހަމަ ނޯމަލް ކުއްޖެއްކަން ވިސްނައިދޭށެވެ.

"ހަގީގަތުގައި އަޅުގަނޑު ދަރިފުޅެއް ނޫން... މި ސޮސައިޓީ ޑިސްއޭބަލްވީ."

ކުޑައިރުގެ ބައެއް ހަނދާންތަކުގެ ވާހަކަ ދައްކަމުން އީޝަލް ވެސް ބުނީ ނުފެންނަ މަންޒަރެއް ފެނިގެން ބަލަން ތިބޭހެން އޭނާ އަށް މީހުން ބަލަން ތިބޭކަން ފާހަގަވާ ކަމަށެވެ.

"ކުރިން މަގުމަތީގައި ދާއިރު މީހުން ބަލައިފަ އިނގިލި ދިއްކޮށްފައި ދެން ޖެހިގެން ހުންނަ މީހާ އަށް ދައްކަން ވެސް ދައްކައިފަ ބުނާނެ ބަލާބަލާށޭ އެހަރަ ދަނީ ހާދަ ކުޑަ ކުއްޖެކޭ ކިޔާފައި،" އީޝަލް ބުންޏެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ސްޕެޝިއަލީ އޭބަލްޑް އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ބެޑްމިންޓަން އީޝަލް އަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވޯޑު ހަވާލުކޮއްދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު އޭނާ އާމެދު ތަފާތުކޮށް ވިސްނި އެންމެންނަށް އޭނާގެ ހިތް ހެވެވެ.

"މިހާރު އެހާ ބޮޑަކަށް އެކަހަލަ އިންސިޑެންޓްތަކެއް ދިމާނުވޭ. އެކަމަކު ބައެއް މީހުން ތިބޭނެ ބަލަން ދެން އޮގޮތަށް ބަލާ މީހުންނަށް އަޅުގަނޑު ހީލަނީ،" ސްކޫލް ނިމުމަށްފަހު މެންޓަލް ހެލްތުގެ ދާއިރާއިން ކިޔަވަން އަޒުމު ކަނޑައަޅައިގެން ހުރި އީޝަލް ބުންޏެވެ.

އީޝަލްއާ މެދު މިހާރު ދެކެނީ ޕްރޮފެޝަނަލް އެތުލީޓެއްގެ ގޮތުގައި

ރިޔާޒު ބުނި ގޮތުގައި އީޝަލް އާމެދު އާންމުން ދެކޭ ގޮތް ބަދަލު ވެއްޖެ އެވެ. އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ހޯދި ކާމިޔާބާއި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ހޯދި އެވޯޑާއެކު އާންމުންނަށް ވެސް އީޝަލް ސިފަ ކުރެވިފައި ވަނީ "ކުޅިވަރު ފިގާ" އެއްގެ ގޮތުގަ އެވެ.

"އެކަން ބަދަލު ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ،" ރިޔާޒު ބުންޏެވެ.

ކުޅިވަރުގައި އީޝަލްގެ ވެސް އޮތީ ބޮޑު އަޒުމެކެވެ. އޮލިމްޕިކްސްގެ ޕެރަ ކެޓަގަރީ ނުވަތަ ޕެރަލިމްޕިކްސް އަށް ކޮލިފައިވެގެން ރާއްޖެ ތަމްސީލު ކުރަން ދިއުމަކީ އޭނާގެ އޮތް ޓާގެޓެވެ.

11 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 3%
icon inlove icon inlove 89%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

28 April 2022

ޢީޝަލް ވަރައް މޮޅު އަދި ހިއްވަރުގަދަ ކުއްޖެއް، ކާމިޔާބީ އައް އެދެން، މަސައްކަތް ކޮއްފިޔާ ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނެ

The name is already taken The name is available. Register?

ޒެނީ

28 April 2022

ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އައިބު ގޮތެއް ހުރިއްޔާ އެމީހަކާ ދިމާއަށް ބަލާލަފާނެ. ދެން އެއީ މާބޮޑު މައްސަލައެއްތަ. ބަލާފަ އެއްޗެކޭ ބުނިއްޔާތާ މައްސަލައަކަށް ވާނީ. މިގައުމުގައި މީހަކާ ދިމާއަށް ބަލާލައިގެންވެސް ނުވޭ. އެވީ ސޮސައިޓީ އިސްލާހުވާން. އެކަމަކު އެންމެން ތެރޭ ސިނގިރެޓް ބޮއެ މަގު މައްޗަށް ކުނިއަޅާ ގޮނޑުކުރިޔަސް ހެޔޮ. އެނުވޭ ކަމަކަށް

The name is already taken The name is available. Register?

ށަވިޔަނި

28 April 2022

އެއްވެސް މީހަކީ ދެރަމީހެއްކަމަށް ދެކެ މަލާމާތްކުރާމީހުން ފިލާވަޅު ލިބިގަންނާށެވެ. ހަށިގަނޑު މިއަށްވުރެ މާފުރިހަމަ މީހުނަށް ނުހޯދުނު ކާމިބީ ހޯދައިދީ އިސްކޮޅާ ސޫރައަކީ އެއްޗެއް ނޫންކަން އީޝަލްއެވަނީ ދިވެހިންނަށް ދައްކާފައެވެ. ތަހުނިޔާ އީޝަލް

The name is already taken The name is available. Register?

ދަލޭކަ ދައިތަ

28 April 2022

އިންސާނުންނަށްވީތީ ނޯމަލް މީހަކަށްވެސް މީހަކު ބަލާފާނެ، އެމީހަކު ލާފައި ހުރި ހެދުމެއްގެ ސަބަބުން ބޮލަށް އުދަގޫވެގެންވެސް އަދި ރީތިވެގެންވެސް. އާންމުކަމެއްގެ ގޮތުގަ ދެކެންވީ ތި ކުއްޖާ އަލަށް ފެންނަ ބަޔަކު ބަލާލުން ނުވަތަ ދެން ހުރި މީހަކަށްދައްކާލުން. ބަދުބަހެއް ނުބުނާހާ ހިދަކު މައްސަލައެއްނެތް ކަމަށް އަޅުގަނޑު ދެކެނީ. ރައްރަށުގަ އަންހެންވެރިން ބަލާނެ ބޮލުން ފެށިގެން ފައިތިލަ އާ ހަމައަށް ލަދުންމަރުވާވަރަށް. އީޝަލްއަށް ކާމިޔާބީއާ ކުރިއެރުން އެދެން.

The name is already taken The name is available. Register?

ޛޮލި

28 April 2022

ރައްރަށުގައި އެކަނިތަ ބޮލުން ނަގުލައް ބަލަނީ، މާލޭ އެއީ މިދުނިޔެއިންވެސް ބޭރުގައިވާ ތަނަކީތަ؟ ނޫނީ ރަށެއް ނޫނީތަ؟ ކޮއިފުޅާ މާލޭގައި ވަކި ނުއުޅޭ ޒާތެއްގެ ބަޔަކު ރައްރަށުގައި ނޫޅޭނެ.ބަނގުލަދޭސް ބޭފުޅުންނާއި ހުރިހާ ޒާތެއްގެ މީހުންވެސް މީހުން ގިނަމާލޭގައި ގިނަވާނެ، ޚާއްސަކޮށް ތިޔަ ޒާތުގެ ޖާހިލީ ޒާތީ ތަފާތު ގެންގުޅޭމީހުން.

The name is already taken The name is available. Register?

ޙަލީމާ

28 April 2022

އަަސްލުވެސް މި މުޖުތަމައު ވެއްޖެ މިޔައްވުރެން ހޭލުންތެރިވާން. މުސްލިމުންގެ ގޮތުގައިތިބެ ހެޔޮމިންވަރާ ނުބައިމިންވަރަށް އީމާން ނުވުމަކީ ވ ދެރަކަމެއް

The name is already taken The name is available. Register?

ސިމްޕަލް

28 April 2022

ރިޔާޒު ވިދާޅުވެފައި މިއޮތީ ކުރުކޮށް ފޮނިކޮށް މި މުޖުތަމައުގެ ހާލަތު: "މި ސޮސައިޓީ ޑިސްއޭބަލްވީ." ސޮސައިޓީގެ ގިނަމީހުން އަދިވެސް ދެކެނީ ތިމާއަކީ އެންމެ ފުރިހަމަ މީހާކަމަށް. އަަބަދުވެސް މިތިބެވެނީ ކޮންމެވެސް ނާޅިއަކުން އަނެއް މީހާ ކިރާލަ ކިރާލާ. ޖީބުގައި އޮންނަ ފޯނާ، ދުއްވާ ސައިކަލަށް ތަރައްގީ އައީ.

The name is already taken The name is available. Register?

ކުޗީ

28 April 2022

ވަރަށް ހިތްވަރުގަދަ ... އެބުނީ ތެދެއް ... މައްސަލަ އަކީ ދިވެހިން. އަހަރުމެން އަހަރުމެންގެ ދަރިންނަށް ކިޔާނުދޭތީ ވާގޮތް.

The name is already taken The name is available. Register?

ހުސައިން ރަމީޒް އިބްރާހީމް

28 April 2022

ތިޔަ، ކުޑަކުޑަ އީޝަލްއަކީ އަހަރެންގެ އެކުވެރިއެއްގެ ދަރިއެއް. އެކަމަކު ފުރަތަމަ އީޝަލް ފެންނަންފެށި އިރަކު ނޭނގެ އެއީ އަހަރެންގެ އެކުވެރިއެއްގެ ދަރިއެއް ކަމެއް. އަހަރެންނަކީ މުޖުތަމައުގަ އުޅޭ، ކުޑަ ނަމަވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެއްނަމަ، އެކުއްޖަކާ ދޭތެރޭ ޚައްސަކަމެއް ދެވޭ މީހަކަށް ވާތީ އީޝަލް ފެނުނު ފުރަތަމަ ދުވަސްވެސް އޭނާއަށްޓަކާ ވަރަށް ޚާއްސަވެއްޖެ. އޭގެ ފަހުން ދެން ހުޅުމާލޭ ބަހުގެ ތެރެއިން ފެންނަމުންދޭ. އީޝަލް އިޒް ދަ ބޭސްޓް އިނގޭ!

The name is already taken The name is available. Register?

ޝަބާ

28 April 2022

މާޝާالله. އަބަދުވެސް ކާމިޔާބީއަށް އެދެން

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

28 April 2022

ގުޑް ލަކް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454