"ފީފާ" ގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން ނެރޭނީ، އީއޭ ސްޕޯޓްސް އެފްސީ.-- ފޮޓޯ: އީއޭ ސްޕޯޓްސް
11 މެއި 2022 - 09:11
މަޝްހޫރު ވީޑިއޯ ގޭމްސް ޕަބްލިޝާ، އިލެކްޓްރޯނިކް އާޓްސް (އީއޭ) ސްޕޯޓްސް އިން ފީފާގެ ގުޅުން ގާތްގަނޑަކަށް 30 އަހަރަށް ފަހު ނިމުމަކަށް ގެންނަން ހަމަޖެހިފައި ވާކަމަށް އެ ކުންފުނިން އިން ހާމަ ކޮށްފި އެވެ.
މިއަހަރުގެ ފީފާ ވޯލްޑް ކަޕާ ހަމައަށް އެ އީއޭ ސްޕޯޓްސް އާއި ފީފާއާ ދެމެދު އޮތް އެއްބަސްވުން ހަމަވާނެ އެވެ. އެމެރިކާ އަށް ނިސްބަތްވާ އީއޭ ސްޕޯޓްސް އިން ފީފާ އާއެކު އެއްބަސްވުމަކަށް ނާދެވުމުން، ފާއިތުވެދިތަ ވިއްސަކަށް އަހަރު އެންމެ މަޝްހޫރުވި އެއް ފުޓުބޯޅަ ވީޑިއޯ ގޭމް "ފީފާ"، 2023 ވަނަ އަހަރުން ފެށިގެން ނުނުކުންނާނެ އެވެ.
ފީފާ ގޭމު އެންމެ ފުރަތަމަ އީއޭ ސްޕޯޓްސް އިން ނެރުނީ 1993 ވަނަ އަހަރެވެ. އަދި މި ބްރޭންޑުގެ އެންމެ ފަހު ގޭމަކަށް ވާނީ މި އަހަރުގެ ފަހުކޮޅު ނެރެން ހަމަޖެހިފައިވާ "ފީފާ 23" އެވެ.
އީއޭ ސްޕޯޓްސް އާއި ފީފާއާ ދެމެދު އެއްބަސްވުމަކަށް ނާދެވުނަސް އެ ކުންފުނިން ފުޓުބޯޅަ ގޭމް އުފެއްދުން ހުއްޓައެއް ނުލާނެ އެވެ. ހަމައެކަނި ތަފާތަކަށް ވާނީ އީއޭ ސްޕޯޓްސް ފީފާ ގެ ބަދަލުގައި ދެން ނެރޭނީ "އީއޭ ސްޕޯޓްސް އެފްސީ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީއޭ ސްޕޯޓްސް އިން ގޭމުގައި ފީފާ ގެ ނަން ބޭނުން ކުރަން ފީފާ އަށް އަހަރަކު ގާތްގަނޑަކަށަަ 150 މިލިއަން ޔޫއެސް ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް ފީފާ އިން ޑިމާންޑް ކުރަނީ އެ އަދަދު 250 މިލިއަން ޔޫއެސް ޑޮލަރަށް މަތިކުރުމަށެވެ. ފާއިތުވި ވިއްސަކަށް އަހަރުތެރޭ އީއޭ ސްޕޯޓްސް އިން މި ގޭމުން 20 ބިލިއަން ޑޮލަރު ހޯދައިފަ އެވެ.
އީއޭ ސްޕޯޓްސް ފީފާ ގޭމް ސީރީޒްގައި މިހާތަނަށް ނެރުނު ބައެއް ގޭމްތަކުގެ ކަވަތުތައް.--
ފީފާ ފްރެންޗައިޒް މިހާ ކާމިޔާބުވެފައި ވަނީ ގްރެފިކްސްގެ ކޮލިޓީ އާއި ގޭމް ޕްލޭގެ އިތުރުން ލައިސަންސިން އެގްރީމަންޓްތަކާ އެކު ދުނިޔޭގެ އެންމެ މަޝްހޫރު ބޮޑެތި ލީގުތަކާއި ކުލަބުތަކުގެ އިތުރުން ކުޅުންތެރިން ވެސް އޭގެ އަސްލު ސިފައިގައި އެންމެ ފުރިހަމައަށް ގޭމުގައި ބޭނުންކުރާތީ އެވެ. މީގެ ކުރިން ކޮނާމީ އިން އުފައްދާ ޕްރޯ އިވޮލިއުޝަން ސޮކާ (ޕެސް) ގައި ބޭނުން ކުރަމުން ގެންދިޔައީ ލައިސެންސިން އެއް ނެތި، ފިކްޝަނަލް ނަންތަކެކެވެ.
އެހެން ނަމަވެސް ކޮނާމީ އީން ޕެސް ގެ ބަދަލުގައި "އީ ފުޓްބޯލް" އަށް ރީބްރޭންޑް ކޮށް ލައިސެންސިން ގައި އީސްޕޯޓްސް އަށް ވުރެން ކުރިއަށް ޖެހިލައިފަ އެވެ. ކޮނާމީ އިން ދާދި ފަހުން ޔުވެންޓަސްގެ ލައިސެންސިން ރައިޓްސް ހޯދުމާ އެކު އީއޭ ސްޕޯޓްސް އަށް ޖެހުނީ ފިކްޝަނަލް ނަމެއް؛ 'ޕިއެމޮންޓެ ކަލްސިއޯ' އެޓީމަށް ދޭށެވެ.
އީއޭ ސްޕޯޓްސް އަށް ވަނީ މިއަހަރު ނެރޭ ގޭމަށް، މެކްސިކޯ ލީގުގެ ލައިސެންސިން ރައިޓްސް އެއްކޮށް ގެއްލިފަ އެވެ. ކޮނާމީ އިން މެކްސިކޯ ލީގުގެ އިތުރުން އިޓާލިއަން ސެރީ އޭ ގެ ބޮޑެތި ގިނަ ކުލަބުތަކެއްގެ އެކްސްކްލޫސިވް ލައިސެންސިން ރައިޓްސް ވެސް ވަނީ ހޯދައިފަ އެވެ.
"މުސްތަގުބަލުގައި ގޭމު ކުޅޭ ކުޅުންތެރިން ޑިމާންޑް ކުރާނެ އިތުރު ކަންކަމަށް. މިވަގުތު އަޅުގަނޑުމެން ކުޅުންތެރިން އެންގޭޖް ކުރަނީ އިންޓަރެކްޓިވް އެކްސްޕީރިއަންސްގެ ޕްރައިމަރީ ފޯމެއްގެ ގޮތުގައި. ކުރިމަގުގައި ގޭމް ކުޅޭ ތަން ބެލުމާއި ކޮންޓެންޓް އުފެއްދުމަކީ ވެސް ސަޕޯޓަރުންނަށް މުހިއްމު ކަމަކަށް ވާނެ،" އީއޭ ސްޕޯޓްސްގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ޖެކްސަން ބުންޏެވެ.
"މީގެ 10 އަހަރު ކުރިން ފީފާއާއެކު އަޅުގަނޑުމެން އެއްބަސްވި ލައިސަންސިން މަޝްވަރާތަކުގައި، ގޭމު ކުޅޭ ފަރާތްތަކަށް މި ފުރުސަތުތައް ފަހި ކޮށްދިނުމުގައި ހުރަސްތަކެއް އެބަހުރި."
އީއޭ އިން ބުނަނީ ކުރިއަށް އޮތް ވީޑިއޯ ގޭމް ތަކަށް 19،000 އެތުލީޓުންނާއި 700 ޓީމާއި 100 ސްޓޭޑިއަމް އަދި 30 އަށް ވުރެ ގިނަ ލީގުގެ އެކްސްކްލޫސިވް ރައިޓްސް ހޯދާފައި ވާކަމަށެވެ. ފީފާ ބްރޭންޑްގެ އެންމެ ފަހު ގޭމް ނެރޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އީއޭ ސްޕޯޓްސް އިން ހާމަ ކުރާ ގޮތުގައި "އީއޭ ސްޕޯޓްސް އެފްސީ" ވެގެން ދާނީ އާ މިނިވަން ޕްލެޓްފޯމެއްގެ ފެށުން ކަމަށެވެ.
"ގާތްގަނޑަކަށް ތިރީހަކަށް އަހަރު ވަންދެން އަޅުގަނޑުމެން ދުނިޔޭގެ އެންމެބޮޑު ފުޓްބޯޅަ ކޮމިއުނިޓީ ބިނާކުރަމުން މިއަންނަނީ، އެތައް ސަތޭކަ މިލިއަން ކުޅުންތެރިންނާއި، އެތައްހާސް ކުޅިވަރު ޕާޓްނަރުންނާއި، އެތައްސަތޭކަ ލީގާއި، ފެޑެރޭޝަންތަކާއި، ޓީމުތަކާ އެކީގައި. އެއިން ކޮންމެ ކުލަބަކީ ވެސް އީއޭ ސްޕޯޓްސް އެފްސީގެ ކްލަބެއް،" އީއޭގެ ސީއީއޯ އެންޑްރޫ ވިލްސަން ވިދާޅުވި އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
11 May 2022
ޢީއޭ އަކީ ގޭމުތަކުގެ ހަލާކު، ގޭމް އުފައްދާ މީހުންގެ ގްޜޭވްޔާޑް
ފުޓްޗޭމްޕް
12 May 2022
ޑިވިޜަން ރައިވަލްސް ގެ ދެ މެޗުން ބަލިވާއިރަށް ހަޖަމުނުވީ ދޯ؟