ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސަޕޯޓަރުން 2020 ގައި އެ ކްލަބަށް ފައިސާ ހޯދުމުގެ ގޮތުން ޖޯޒީ ވިއްކުަމށް ހިންގަި ހަރަކާތެއްގެ ތެރެއިން: އެކްލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތް ފަށައި އިންތިހާބަކަށް ވަނީ އކިއުލާންކޮށްފަ ---
20 މެއި 2022 - 21:19
ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވަން އިއުލާންކޮށް، ކްލަބް އަލުން ކޮޅަށް ނެގުމުގެ މަސައްކަތްތަކެއް ފަށައިފި އެވެ.
ޖެނުއަރީ 2019 ގައި އެފްއޭއެމުން ނިއު ސަސްޕެންޑް ކުރީ، ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާކޮށްފައި ނުވާ ކަމަށް ބުނެ އެވެ. އެކަމަކު އެކްލަބް ސަސްޕެންޑް ކުރިއިރު، ނިއު އިން ދިޔައީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ އެކްސްކޯގެ އިތުބާރު ނެތްކަމަށް ހުށަހަޅަން މަސައްކަތް ކުރަމުންނެވެ. ނިއުގެ ސަޕޯޓަރުންނާއި އެކްލަބްގެ ކުރީގެ ހިންގުންތެރިން ތުހުމަތުކުރަނީ އެވަގުތު އެކްލަބް ސަސްޕެންޑް ކުރީ އެފްއޭއެމްއާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުންނެވެ. ނަމަވެސް އެތުހުމަތުތައް އެފްއޭއެމުން ދޮގު ކުރެ އެވެ.
ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދީ އޮތުމުން، ފީފާއިން ވެސް ވަނީ ނިއު އަށް ކުޅުންތެރިން ނުގަނެވޭގޮތަށް އެއަހަރު ފިޔަވަޅު އަޅައިފަ އެވެ. ސަސްޕެންޝަނުން އެޓީމު ނެގުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުޅުންތެރިންނަށް ދޭންޖެހިފައި ހުރި މުސާރަތައް އަދާކުރުމެވެ. ޖުލައި މަހު ބާއްވަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުރިން، ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކްލަބް ނިއުގެ ސަސްޕެންޝަނާއި ކުޅުންތެރިން ސޮއި ކުރުމުގެ އަދަބު ފިލުވާލެވިއްޖެނަމަ އެމުބާރާތުގައި އެކްލަބަށް ބައިވެރިވެވޭނެ އެވެ.
ނިއުއިން އެންމެ ފަހުން ދިވެހި ލީގު ކާމިޔާބުކުރި ސީޒަންގައި އެކްލަބްގެ ކުޅުންތެރިން ލީގު ޓޮފީ އުފުލާލަނީ: ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުރިން ސަސްޕެންޝަން ފިލުވާލެވިއްޖެނަމަ އެމުބާރަތުގައި ނިއު އަށް ވާދަކުރެވޭނެ --- ފައިލް ފޮޓޯ
ނިއުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަތަރު މެންބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ. އެކޮމިޓީގެ މެންބަރު އަހްމަދު ޔޫސުފް ބުނިގޮތުގައި ކްލަބްގެ ދަރަނި އަދާކުރުމާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް އޭނާ އަށް ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނާ މިހަވާލުކުރީ އިންތިހާބުގެކަންކަން ކުރިއަށް ގެންދިއުމަށް. އެހެން ކަންކަމާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް މިވަގުތަކު އަޅުގަނޑު އަަތަކު ނެތް،" އޭނާ ވިދާޅުވި އެވެ.
އިންތިހާބަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކްލަބްގެ ފޭސްބުކް ޕޭޖަށް، ކުރިމަތިލަން އެދޭ މީހާގެ މައުލާުމާތާއި ވަނަވަރު މެސެޖް ކުރުމަށް އެކްލަބުން އެދެ އެވެ.
ނިއުގެ ހަރަކާތްތައް އަލުން ފަށަން އިއުލާން ކުރީ، ދާދިފަހަކުން އެކްލަބްގެ ސަޕޯޓަރުންގެ ތެރެއިން އުފެދިގެން އައި ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ، ނިއު ރޭޑިއަންޓް ރަމްޒުކުރާ "ސްޕޯޓިން ސަކްސެސާ" އެއްކަމަށް އޭއެފްސީ އަންގާފައިވާކަަމަށް ބުނެ ފުޓްބޯޅައިގެ އެއް ވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެ ކްލަބްގެ ހަރަކާތްތައް މަޑުޖައްސާލި ވަގުތު އެވެ. އޭރު ކުޅުންތެރިން ސޮއިކޮށް ކޯޗު ކަމަށް، ނިއުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ހަމަޖައްސި ނަމަވެސް އެހާހިސާބުން ރޭޑިއަންޓްގެ ހަރަކާތައް މަޑުޖައްސާލައި އެކްލަބްގެ ވެރިން ވަނީ ޔޫތު މިނިސްޓްރީއާ މަޝްވަރާކޮށް ހައްލު ތަކެއް ހޯދުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.
ނިއު ރޭޑިއަންޓްގެ ސަޕޯޓަރުންގެ ތެރެއިން އުފެދިގެން އައި ރޭޑިއަންޓް ކްލަބްގެ އިންތިހާބުގެ ތެރެއިން: އެކްލަބަށް ފުޓްބޯޅައިގައި ބައިވެރި ނުވެވޭނަކަމަށް އެފްއޭއެމްއިން އެންގި ހިސާބުން ކްލަބްގެ ހަރަކާތްތައް ވަނީ މަޑުޖެހިފަ --- ފައިލް ފޮޓޯ
ނިއު ރޭޑިއަންޓްގެ ޗެއާމަންކަން އެންމެ ފަހުން ކުރެއްވީ، އެޓީމުގެ އެންމެ ވަރުގަދަ ސަޕޯޓަރުގެ ގޮތުގައި މަޝްހޫރުވި، މިހާރު ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އޭނާގެ އެކްސްކޯއިން އިސް ނަގައިގެން ކްލަބް ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ހަރަކާތެއް ވެސް ހިންގި އެވެ. މާޗް 2020 ގައި ފެށި ހަރަކާތް ހުއްޓާލަން ޖެހުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭން ފެށުމުންނެވެ.
އެފްއޭއެމުން ސަސްޕެންޑްކޮށްފައިވާ، އަނެއް ކްލަބަކީ ނިއުގެ ކުރީގެ ވާދަވެރިޔާ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ،. އެކްލަބުން ވެސް ވަނީ، މިދިޔަ މަހު އިންތިހާބު ބާއްވައި ކްލަބް ކޮޅަށް ނެގުމުގެ މަސައްކަތް ފަށައިފަ އެވެ. އެކްލަބް ވެސް ސަސްޕެންޑް ކުރީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް އަދާކޮށްފައި ނުވުމުންނެވެ. މިދިޔަ މަހު ފަހުކޮޅު ބޭއްވި އިންތިހާބުގައި އެކްލަބްގެ ރައީސްކަމަށް ވަޑައިގެންނެވީ، އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ގ. ކަކާގޭ ހުސައިން އާދަމް އެވެ.
އޭނާގެ އެކްސްކޯއިން މިހާރު ވަނީ ކްލަބް ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިފަ އެވެ. އަދި ޖޫންގެ ކުރިން ދަރަނި އަދާކުރާނެކަމަށް އެކްލަބުން ބުނެ އެވެ.
ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަނުން އަރައި ގަނެވޭނީ، ދަރަނި އަދާކުރުމުގެ އިތުރަށް، އެފްއޭއެމްގެ ކޮންގްރެސްގައި ސަސްޕެންޝަން އުވާލުމަށް ފާސް ކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
28 May 2022
މަހޭމެން ޗެންފިއަސް ލީގު ފައިނަލު ބަލަށް ފެރިހަށް ދެވޭ ބޯލާ ފެންތަށްޓެއްހާ ފަސޭހައިން. އެކަމު ނިއުއަށް އެހީ ވެދޭށޭ ބުނީމަ ހޯހޯ ގޮވާ ބަޖެޓޭ ފަޅޮލޭ ކީ
ސުނައިން
21 May 2022
އަހަރެން ކުޅުނިން ވިކްޓްރީއަށާ އައިއެފްސީއަށް. ކޮންމެ މެޗެއްގަވެސް ދަނޑު ފުރާލާފަވަނީ ސަޕޯޓަރުންނާގެން. އޮއިއްޓޭމެން ނިއުއަށް ކުޅުނުއިރު އައްޔަމެން އަބަދު ކިޔާނެ ރެސްޕެކްޓުގެ ވާހަކަ. ނަމަވެސް މިބައްސާމު އައިފަހުން ކުލަބުތައް ދިރިހުއްޓާ ވަޅުލަނީތަ؟ ސަޕޯޓަރެއް އަދި ފުޓުބޯޅައަށް ރެސްޕެކްޓެއްވެސް ނެތް؟؟ ބައްތު ރަނގަޅުކޮށްބަލަ ކަލޭ. އަދީބު ދިން މަގާމެއް ތިއީ. މާދަންވެސް ފޮށި ބަންދުކުރަން ޖެހިދާނެ!
މާސޭ
21 May 2022
ރާއްޖޭގެ ގަދަދެބާރު ނިކުންނަނީ ނިއު ވިކްޓުރީ މާޒިޔާގެ ބާރުދަނީ
ކައުންސެލަރު
21 May 2022
ކްލަބް ކޮޅަށްނަގަން ކުރާ މަސައްކަތަކީ ކޮބައިކަމެއްނޭނގުނު މިލިޔުމަކުން.
ެއިބިރަހިމާ
22 May 2022
އަޅެ. އެ އޮތީއެއްނު އެންމެ ފުރަތަ އިންތިހާބޭ ބާއްވަނީ.
ޢަހުމަދު މުޖު
21 May 2022
ނިއު އަންނަ ދުވަހަކުން ދެން ރާއްޖޭގެ ފުޓްބޯޅައަށް އަލުން ސަޕޯޓްކުރަން ފަށާނީ.. އެއީ އަހަރުންގެ ފުޓްބޯޅައިގެ ދިރުން.
މުހައްމަދު މުސް
21 May 2022
ވަރަށް ދެކެން ބޭނުން ވާދުވަހެއް ވިކްޓަރީ އަދި ނިއު ގަލޮޅު ދަނޑުން ފެނުމަކީ.. ދެ ޓީމުންވެސް ދަނޑައް އައުމައްޓަކާ ތިކުރާ މަސަތްކަތުގަ ބަރަކާއް ލައްވާށި. އާމީން.
މޮފު ޑޭ
21 May 2022
ކޮވިޑު ލޯނު ނަގާއިގެން ވެސް ތިކަން ކުރެވިދާނެ؟
އިބޫ
21 May 2022
ކާމިޔާބު ވާނެ އިންސާ ﷲ. ވަރަށް ގިނަ ދުވަހުގެ އިންތިޒާރަށް ނިމުން އަށްނަކަހަލަ.
ވަރަށްސަޕޯޓް
21 May 2022
އަޅުގަޑަކީ ވެލެންސިޔާގެ ގަދީމީ ސަޕޯޓަރެއް! އެކަމަކު ގަބޫލުކުރަން މިބައްސާމަކަށް، މިހާރު ދިމާވެފައިވާ އަޑިގަޑުން ރާއްޖޭގެ ފުޓްބޯޅަ ސަލާމަތެއް ނުކުރެވޭނެކަން. އެކަންވާނީ ނިއުއާއި ވިކްޓްރީގެ ފޯރިގަދަ ސަޕޯޓަރުން ދަޑުންފެނިގެން. ވީމާ ތިކުރާ ހިތްވަރަށް އަޑުހަރުކޮށް ފޯރިދެން.
އައްމަޑޭ
21 May 2022
ނިއު ގަލޮޅު ދަނޑްގަ ކުޅޭތަން ދެކިލާހިތް ވަރަށްވޭ