ރާއްޖޭގައި މިހާރު ކުރިއަށްދާ ބޮޑީ ބޯޑިން ވޯލްޑް ޓްއާ މުބާރާތުގެ ތިންވަނަ ރައުންޑްގައި ރާއްޖޭގެ އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ނުކުމެ ދުނިޔޭގެ ރޭންކިންގެ ދެވަނަ ޓޭނާ މެކް ޑެނީލް ފަހަތަށް ޖައްސާލައިފި އެވެ.

މާލޭ ވަރުނުލާ ރާޅުގަނޑުގައި މިއަދު ރައުންޑް 3 ގެ ހީޓް 5 ގައި ވާދަކޮށް، ކުޑަ އައްޔަ ވަނީ 15.55 ގެ ސްކޯއެއް ހޯދައިފަ އެވެ. މުބާރާތުގެ އެހީޓާ ހަމައަށް އެންމެ ގިނައިން އެއް ހީޓްގައި ސްކޯ ކުރީ ކުޑަ އައްޔަ އެވެ. އެކަމަކު އޭގެ ފަހުން ރައުންޑް 3 ގެ ހީޓް 7 ގައި ވާދަކުރި މޮރޮކޯގެ ބްރަހީމް އިދޫޝް ވަނީ 16.25 ސްކޮ ކޮށްފަ އެވެ.

ރައުންޑް 1 ގައި ކުޑަ އައްޔަ އާއި ޓޭނާ ވާދަ ކުރީ އެއް ހީޓްގަ އެވެ. އެ ބުރުގެ ހީޓް 5 ގައި ވާދަކޮށް އެއްވަނަ ހޯދީ ޓޭނާ އެވެ. ދެން އެ ހީޓްގައި ވާދަ ކުރީ ރާއްޖޭގެ މުހައްމަދު ވިއާމް އެވެ. ރާއްޖޭގެ ދެ ބޯޑަރުންނާ ވާދަކޮށް ޓޭނާ ވަނީ 15.50 ޕޮއިންޓް ހޯދާފަ އެވެ. އޭރު ކުޑަ އައްޔަ އަށް ހޯދުނީ 10.80 ޕޮއިންޓެވެ.

މިއަދުގެ ހީޓްގައި ކުޑަ އައްޔަ އާ ވާދެކޮށް ޓެނާ އަށް ހޯދުނީ 13.30 ޕޮއިންޓެވެ.

ކުޑަ އައްޔަ އާއި ޓެނާ ވެސް ވަނީ ހަތަރުވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެ ބުރުގެ ހީޓް 5 ގައި ކުޑަ އައްޔަ އާ ވާދަކުރަނީ، ރައުންޑް 3 ގެ ހީޓް 6 ގައި ދެވަނަ ހޯދި ފްރާންސްގެ ޔާން ސަލައުން އެވެ. ރައުންޑް 4 ގައި ޓޭނާ ވާދަކުރަނީ ސަލައުން ބަލިކޮށް ހީޓް 5 ގެ އެއްވަނަ ހޯދި ކެނެރީ އައިލެންޑްގެ ގެބްރިއަލް މޮލީނާ އެވެ.

އިންޓަނޭޝަނަލް ބޮޑީ ބޯޑިން ކޯޕަރޭޝަނުން ވަގުތުން ދައްކަމުން ދިޔަ ލައިވް ބްރޮޑްކާސްޓް ހުށަހަޅައި ދެމުން ދިޔަ ބްރެޒިލްގެ ދެ ޕްރެޒެންޓަރުން ވެސް ފާހަގަ ކުރީ ޓޭނާ އަކީ ދުނިޠޭގެ ޗެމްޕިއަން ކަމަށް ވާދަކުރާ އެތުލީޓެއްގެ ގޮތުގަ އެވެ.

އައިބީސީން ގެނެސް ދެމުންދިޔަ ލައިވް ބްރޮޑްކާސޓަށް ދިން އިންޓަވިއުގައި ކުޑަ އައްޔަ ބުނީ އޭނާ އަށް ރާޅުގަނޑު އެނގޭތީ ރަނގަޅު ރާޅުތައް އަންނަންދެން އޭނާ މަޑު ކުރީ ކަމަށެވެ.

"އެހެން ރާޅުތަކަކަށް އަހަރެން އިސްކަމެއް ނުދެން. އަހަންނަށް އެނގޭ އަހަރެން އަޅަންވީ ރާޅު އަންނާނެކަން. އަހަރެން މަޑުކުރީ. އެހެންވީމަ އަހަންނަށް ރަނގަޅު ދެ ރާޅު ކައިރިކައިރީގައި ލިބުނީ،" އޭނާ ބުންޏެވެ.

"އަހަރެން ﷲ އަށް ޝުކުރު ކުރަން މި ކާމިޔާބަށް. އޭނަ [ޓޭނާ] ކަހަލަ އެތުލީޓަކާ ވާދަކޮށް މޮޅުވީމަ އަހަންނަށް އިހްސާސް ކުރެވުނީ ވަރަށް ބޮޑު ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމަކަށް."