ރާއްޖޭގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ބޯޑީބޯޑިން ވޯލްޑް ޓްއާގެ ހަތަރުވަނަ ބުރުގައި ވާދަކުރި ހީޓުން އެއްވަނަ ހޯދައި ރާއްޖޭގެ އަލީ އަލީ ޚުޝްރުވާން (ކުޑަ އައްޔަ) ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މިއަދު ކުރިއަށްދާ ރައުންޑް 4 ގެ ފަސް ވަނަ ހީޓްގައި ފްރާންސްގެ ޔާން ސަލައުން އާ ވާދަކޮށް އައްޔަ އެއްވަނަ ހޯދީ 12.15 ސްކޯ ކޮށްގެންނެވެ. ސަލައުން ވަނީ ސަލައުން އަށް ހޯދުނީ އެވްރެޖް 11.15 ޕޮއިންޓެވެ. އިއްޔެ ދުނިޔޭގެ ރޭންކިންގެ ދެވަނަ ޓޭނާ މެކް ޑެނީލް ބަލިކުރި އައްޔަ މިއަދު ވަނީ އޭނާގެ ފަހު ރާޅުގައި 6.50 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.
ރައުންޑް 4 ގެ ހީޓް 3 ގައި ރާއްޖޭގެ އަލީ ޖާވިދު (ޖާއްޓޭ) ވެސް ވާދަ ކުރި އެވެ. އެކަމަކު އޭނަ ބަލިވީ ފްރާންސްގެ ފަބިއެން ތޭޒާ އަތުންނެވެ. ތޭޒާ 11.1 ޕއޮިންޓް ސްކޯ ކޮށްފަ އެވެ. ޖާއްޓެ އަށް ހޯދުނީ 8.9 ޕޮއިންޓެވެ. ހީޓް 2 ގައި އިޔާން އަހުމަދު ވާދަކޮށް އޭނާ ބަލިވީ ފްރާންސްގެ އެހެން އެތުލީޓެއް ކަމަށްވާ ޕިއާރޭ ލުއިސް ކޯސްޓޭސް އަތުންނެވެ. ކޯސްޓޭސް ވަނީ 15 ޕޮއިންޓް ހޯދައިފަ އެވެ. އިޔާން އަށް ހޯދުނީ 5.80 ޕޮއިންޓެވެ.
ކުޑަ އައްޔަގެ އިވެންޓަށް ފަހު އިންޓަނޭޝަނަލް ބޮޑީ ބޯޑިން ކޯ÷ަރޭޝަންގެ ލައިވް ކަވަރޭޖަށް ދިން އިންޓަވިއުގައި އައްޔަ ބުނީ އޭނާ މިއަދު ވެސް ބޭނުން ކުރީ އިއްޔެ ބޭނުން ކުރި ޓެކްނިކް ކަމަށެވެ.
އިއްޔެ ޓޭނާ އާ ވާދަކޮށް އައްޔަ ތަފާތު ދެއްކީ ދެ ރާޅުގައި ގިނަ ޕޮއިންޓަކެއް ހޯދައިގެންނެވެ. ދިވެހި ބަހުން ވާހަކަ ދައްކަން ދިން ފުރުސަތުގައި އައްޔަ ވަނީ އޭނާ އަށް ސަޕޯޓް ކުރަން ދިޔަ މީހުންނަށް ތައުރީފް ކޮށްފަ އެވެ.
"ސާބަހޭ ސަޕޯޓަރުންނަށް. ތި މީހުންގެ ސަބަބުންނޭ މަ މިތާންގައި މިހުރީ ތި މީހުން (ފަހަތުގައި) ތިބީމަ މިތާ ހުރީ،" އައްޔަ ބުންޏެވެ.