ލަނޑު ޖެހުމަށް ފަހު ކުޑަހެންވޭރު ޔުނައިތެޑްގެ ކެޕްޓަން ރިޒްކޯ އާއެކު ޓީމު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު/ ބުރު ސްޕޯޓްސް ކްލަބް ފޭސްބުކް
04 އޯގަސްޓް 2022 - 05:23
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކެޕްޓަން އިބްރާހިމް ރިޒުހާން (ރިޒްކޯ) ގެ ލަނޑުތަކުން 3-1 އިން ޖޭޖޭ ސްޕޯޓްސް ކްލަބް ބަލިކޮށް ކުޑަހެންވޭރު ޔުނައިޓެޑުން ގުރޫޕުގެ ދެ ވަނައިގައި ހަމަޖެހިލައިފި އެވެ.
ފުރަތަމަ ޑިވިޝަނުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެ، ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ވެސް މީގެ ކުރިން ޖާގަ ހޯދާފައިވާ ރިޒްކޯ ވަނީ ފުރަތަމަ ހާފުގައި ކުޑަހެންވޭރަށް ދެ ލަނޑު ޖަހައި ލީޑު ހޯދައިދީފަ އެވެ. ފުރަތަމަ ލަނޑު 22 ވަނަ މިނިޓުގައި ޖަހައިދިން އިރު، ދެވަނަ ލަނޑު ޖެހީ މެޗުގެ 30 ވަނަ މިނިޓުގަ އެވެ.
ކުޑަހެންވޭރުގެ ތިންވަނަ ލަނޑަކީ މެޗުގެ 57 ވަނަ މިނިޓުގައި، ޖޭޖޭ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އިސްމާއިލް އާއިޒް ހަމީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޖޭޖޭ ސްޕޯޓްސްގެ ހަމައެކަނި ލަނޑު 63 ވަނަ މިނިޓުގައި ޖަހައިދިނީ އަހުމަދު ހުނެއިފް އެވެ.
ޖޭޖޭ ސްޕޯޓްސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރިޒްކޯ އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ ޔަޝައު/ ބުރު ސްޕޯޓްސް ކްލަބް ފޭސްބުކް
މި ނަތީޖާއާ އެކު، އެންމެ ފަހުން ބޭއްވި ތިން މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ޖޭޖޭ ސްޕޯޓްސް ކްލަބަށް ވަނީ މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދިޔުމުގެ އަމިއްލަ ބާރު ކެނޑިފަ އެވެ.
ޖޭޖޭ ސްޕޯޓްސް އަށް ގުރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮތްއިރު، ކުޅުނު ފަސް މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. އެޓީމަށް ބާކީ އޮތީ ދިވެހި ސިފައިންގެ ކުލަބާއި ޓެންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފައިވާ ބުރު ސްޕޯޓްސް ކުލަބް ވަނީ ގުރޫޕް އޭގެ އެއްވަނަ ޔަގީން ކޮށް، ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ކުޑަ ހެންވޭރު ޔުނައިޓެޑަށް ބާކީ އެއް މެޗު އޮއްވައި، ކުޅުނު ހަ މެޗުން ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. އެޓީމުގެ ފަހު މެޗުގައި ނުކުންނާނީ ބިސްބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
މިއީ ކުޑަހެންވޭރު ޔުނައިޓެޑް ދެވަނަ ޑިވިޝަނަށް ޕްރޮމޮޓްވެ ކުޅޭ ހަތަރުވަނަ ސީޒަނެވެ. އެންމެ ފުރަތަމަ 2017 ވަނަ އަހަރު ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. އެފަހަރު ޖޭޖޭ ސްޕޯޓްސްއާ އެއް ގުރޫޕެއްގައި ހިމެނިގެން ކުޑަހެންވޭރު ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލް ކުޅެފަ އެވެ. ޖޭޖޭ ސްޕޯޓްސް އަށް ލިބުނީ ގުރޫޕްގެ ދެ ވަނަ އެވެ. ފައިނަލުގައި ކުޑަހެންވޭރު ބަލިވީ ކްލަބް ޒެފްރޯލް އަތުންނެވެ.
އެއަށް ފަހު 2018 އަދި 2020 ވަނަ އަހަރުގެ ދެވަނަ ޑިވިޝަން ވެސް ކުޑަހެންވޭރަށް ނިންމާލަން ޖެހުނީ ގުރޫޕުގެ ތިންވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy