މެޗަށް ފަހު މާނޭ ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
06 އޯގަސްޓް 2022 - 11:50
ފްރޭންކްފާޓް (އޮގަސްޓް 6) - މިދިޔަ 10 އަހަރުގެ ޗެމްޕިއަން ބަޔާން މިއުނިކުން އާ ސީޒަނުގެ ޖަރުމަން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރޭ އެއިންޓްރަކް ފްރެންކްފާޓް އަތުން 6-1 އިން މޮޅުވެއްޖެ އެވެ.
މިދިޔަ ސީޒަންތަކުގައި ބަޔާނުގެ ފޯވާޑް ލައިން ބެލެހެއްޓި ރޮބަޓް ލެވޮންޑޮސްކީގެ ބަދަލުގައި ގެނައި ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ ވަނީ މި މެޗުގައި ފުލްކޮށް ކުޅެ ލަނޑު ޖަހައިފަ އެވެ.
ބަޔާން އަށް މެޗުގެ ފަސް ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ހިލޭޖެހުމަކުން ޔޯޝުއާ ކިމިޗް އެވެ. އޭނާ ހިލޭ ޖެހުމަކުން މި ގޯލް ޖެހީ ފްރޭންކްފާޓުގެ ސަޕޯޓަރުން އެ ޓީމުގެ ގޯލާ ދިމާލުގައި ފްލެޔާ ރޯކުރުމުން ދުންބޯވެފައި އޮއްވަ އެވެ.
އެ ޓީމުގެ ދެ ވަނަ ލަނޑު 11 ވަނަ މިނިޓުގައި ނެގި ކޯނަރެއްގައި ލިބުނު ބޯޅައަކުން ޖަހައިދިނީ ބެންޖަމިން ޕަވާޑް އެވެ. އެއަށް ފަހު މި ހާފުގައި ބަޔާން އިން ޖެހި ތިން ލަނޑުގައި ވެސް މާނޭ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
އެންމެ ފުރަތަމަ 29 ވަނަ މިނިޓުގައި ސާޖް ގްނާބްރީ ނަގައިދިން ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މާނޭ ލީގުގައި އޭނާގެ ފުރަތަމަ ލަނޑު ޖެހި އެވެ. އެއަށް ފަހު 35 މިނިޓުގައި ޖަމާލް މުސިއާލާ ޖެހި ބަޔާންގެ ހަތަރު ވަނަ ގޯލާއި، 43 ވަނަ މިނިޓުގައި ގްނާބްރީ ޖަހައިދިން އެ ޓީމުގެ ފަސް ވަނަ ގޯލު ވެސް އެސިސްޓް ކޮށްދޭން ތޯމަސް މުލާ އަށް ފުރުސަތު ތަނަވަސް ކޮށްދިނީ މާނޭ އެވެ.
ފުރަތަމަ ލަނޑު ޖެހުމަށް ފަހު ބެޔާންގެ ބައެއް ކުޅުންތެރިން އުފާފާޅުކުރުމުގައި.-- ފޮޓޯ: އޭއެފްޕީ
މިދިޔަ ސީޒަނުގެ ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ފްރޭންކްފާޓުގެ ދަނޑުގައި އެޓީމާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފަސް ގޯލުގެ ލީޑެއް ނެގުމުން، ކޯޗު ހޫލިއަން ނާގެލްސްމަން ވަނީ ދެ ވަނަ ހާފުގައި އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެގޮތުން މެތިއަސް ޑިލިޓް އާއި ނުސެއިރު މަރްޒޫއީ އާއި ރަޔާން ޚްރެވެންބްރޭ އަދި މެތީސް ޓެލް އެރުވި އެވެ.
ބަޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ އޭރިއާ ބޭރުގައި ހުރެ ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައި، މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ފްރޭންކްފާޓުގެ ހަމައެކަނި ލަނޑު 64 ވަނަ މިނިޓުގައި ޖެހީ މި ސީޒަނުގައި އެ ޓީމަށް އަލަށް ގެނައި ފޯވާޑް ރަންޑަލް ކޯލޯ މުއާނީ އެވެ.
ފުރިހަމަ ވަގުތުގެ ކުޅުން ހަމަވާން ހަތް މިނިޓަށް ވެފައި ވަނިކޮށް ބަޔާންގެ ފަހު ލަނޑު ޖަހައިދިނީ މުސިއާލާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy