ޓެކްސަސް (އޯގަސްޓް 17) - މެންޗެސްޓާ ޔުނައިޓެޑް ގަންނަ ވާހަކައަކީ އޭނާ ކޮށްލި ސަމާސާއެއް ކަމަށް ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކު ބުނެފި އެވެ.
މަޝްހޫރު ޓެސްލާ ކުންފުނީގެ ފައުންޑަރު ވަނީ ޔުނައިޓެޑް ގަންނަން އުޅޭ ކަމަށް ބުނެ ޓްވީޓެއް ކޮށްފަ އެވެ. އޭނާގެ ޓްވީޓާ ގުޅިގެން ފަހުން އެހެން މީހަކު ސުވާލު ކުމުން އެމެރިކާގެ ބިލިއަނަރު ބުނީ އޭނާ ކޮށްލީ ސަމާސާއެއް ކަމަށެވެ.
"ނޫން. މިއީ ޓްވިޓާގައި ގިނަ ދުވަސްތަކެއް ވެފައިވާ ސަމާސާއެއް. އަހަރެން މިއުޅެނީ އެއްވެސް ކުޅިވަރު ކްލަބެއް ގަންނާކަށް ނޫން،" ހަމަ ހަގީގަތުގައި ވެސް މެންޗެސްޓާ ޔުނައިޓެޑް ގަންނަނީތޯ ޓްވިޓާގައި އެހެން މީހަކު ސުވާލު ކުރުމުން މަސްކު ބުންޏެވެ.
ޔުނައިޓެޑުން މިހާރު ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެން މާސޫސްވެފައި ތިބި އެ ކްލަބްގެ ސަޕޯޓަރުން ވަނީ މަސްކުގެ ޓްވީޓާ ގުޅިގެން އެ ކްލަބް ގަތުމުގެ ޑީލްގައި ކުރިއަށް ދިއުމަށް އޭނާ އަށް ގޮވާލާފަ އެވެ.
ޔުނައިޓެޑް ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާތަކާ ގުޅިގެން ސަޕޯޓަރުން ތިބީ ކްލަބާ މެދު ހިތްހަމަނުޖެހިފަ އެވެ. އަދި އެކަށީގެންވާ މިންވަރަކަށް ވެރިން ހަރަދުނުކުރާތީ އާ ވެރިއަކު ހޯދަން ވެސް ސަޕޯޓަރުން ބޭނުންވެ އެވެ.
އިލެކްޓްރިކް ކާރު އުފެއްދި މޭސްތިޔާ ވަނީ ޓްވިޓާ ގަންނާނެ ކަމަށް ވެސް މި އަހަރު އިއުލާން ކޮށްފަ އެވެ. އެ ޓްވީޓް ކުރިތާ ދެ ދުވަސް ފަހު ޓްވިޓާއިން ވަނީ އޭނާ އަށް ޓްވިޓާ ވިއްކާލަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. އެކަމަކު އޭގެ ހަތަރު މަސް ފަހުން ޓްވިޓާއިން ވަނީ އެ ޑީލްގައި ކުރިއަށް ނުދިއުމަށް ނިންމައިފައިވާ ކަން މިދިޔަ މަހު އިއުލާން ކޮށްފަ އެވެ.
މީގެ ކުރިން ވެސް މަސްކު ވަނީ ސުވާލު އުފެދޭ ގޮތަށް އެކި ކަހަލަ ޓްވީޓްތައް ކޮށްފަ އެވެ.
އެގޮތުން އޭޕްރީލް މަހު އޭނާ ކުރި ޓްވީޓްގައި ބުނެފައި ވަނީ ކޮކާކޯލާ ކުންފުނި ގަންނަން އޭނާ އުޅޭ ކަމަށެވެ. އެއީ ކޮކެއިން އަޅައިގެން ކޯކް އުފެއްދުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމަކު ފަހުން ހާމަވީ އެއީ އޭނާ ކޮށްލި ސަމާސާއެއް ކަމަށެވެ.