މެޑްރިޑް (ސެޕްޓެމްބަރު 18) - ރެއާލް މެޑްރިޑްގެ ފޯވާޑް ވިނިޝިއުސް ޖޫނިއާ އަށް ކުރިމަތި ކުރަމުންދާ ފުރައްސާރައިގެ އަސަރެއް އޭނާ އަށް ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ލަނޑު ޖަހާފައި ވިނީޝިއުސް ނަށާތީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒު ވެފަ އެވެ. މައްސަލަ އިތުރަށް ހޫނު ވީ ސްޕެއިންގެ ފުޓްބޯޅަ ޝޯ އެއްގައި ބައިވެރިވި މީހަކު ވިނީޝިއުސް އުޅެނީ މަކުނެއް އުޅޭހެން ކަމަށް ސިފަ ކުރުމުންނެވެ.

ރެއާލް އާއި ވިނިޝިއުސް ވެސް ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރަފަ އެވެ. އަދި ޕެލޭ އާއި ނޭމާގެ އިތުރުން ބްރެޒިލްގެ ފެޑެރޭޝަނުން ވެސް ވަނީ ވިނީގެ ދިފާއުގައި ބަޔާން ނެރެފަ އެވެ.

މިރޭ، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ މިކަހަލަ ގޮތަށް ނަސްލީ ގޮތުން ދިމާ ކުރުމުގެ އަމަލުތައް މީގެ ކުރިން އޭނާ އަށް ފެނިފައި ނުވާ ކަމަށެވެ.

"މެޗެއްގައި ހިނގާ ކަންކަމަށް ވުރެ ބޮޑަށް ނަސްލީ ކަންކަން މާ މުހިންމު. އަހަންނަށް ހީވަނީ ކުޅުންތެރިޔާ [ވިނީޝިއުސް] ވަނީ އޭނާގެ ބަޔާނުގައި އެކަންކަމާ ވަރަށް ރަނގަޅަށް ކުރިމަތި ލާފައި. އަހަރެންގެ ނަޒަރުގައި ވިނީޝިއުސް އަށް އަސަރެއް ނުކުރޭ. އޭނާ ދަނީ ހިތްހަމަޖެހުމާއެކު ކުޅެމުން. އޭނާގެ ފެންވަރާ އެކު އޭނާ ދަނީ އުފާވެރި ކަމާއެކު ކުޅެމުން،" އަންޗެލޮޓީ ބުންޏެވެ.

ވިނީޝިއުސް ނެރުނު ވީޑިއޯ މެސެޖުގައި އޭނާ ބުނެފައި ވަނީ ނެށުމަކީ ހަމައެކަނި އޭނާ ތަމްސީލު ކަމެއް ނޫން ކަމަށެވެ.

"އެއީ ރޮނާލްޑީނިއޯ. ނޭމާ ލޫކަސް ޕަކުއޭޓާ، އެންޓްއާން ގްރީޒްމަން، ޔޯއާ ފެލިސް އަދި ކޫނާގެ ނެށުން. އެއީ ބްރެޒިލްގެ ސަމްބާ އާޓިސްޓުންގެ ނެށުން. އެއީ ސަގާފީ ނެށުން. އެމެރިކާގެ ކަޅު މީހުންގެ ނެށުން. އެކަން ބަލައިގަނޭ. އެއަށް އިހުތިރާމް ކުރޭ. އަހަރެން އެކަން ހުއްޓައެއް ނުލާނަން،" ވިނީޝިއުސް އާންމު ކުރި ވީޑިއޯ މެސެޖުގައި ބުނެފައި ވެއެވެ.

އަންޗެލޮޓީ ބުނީ ވިނީޝިއުސް އަށް ކުރިމަތި ވެފައިވާ ފުރައްސާރައިގެ އަސަރެއް ރެއާލްގެ ޓީމަކަށް ނުކުރާ ކަމަށާއި މުޅި ޓީމު އޮތީ މިރޭގެ މެޗަށް ސަމާލުކަން ދީގެން ކަމަށެވެ.

އެތުލެޓިކޯ އާއި ރެއާލް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.