ކުޅިވަރު / މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑާ ހަވާލުވެވުމުން ހިތާމައެއް ނުކުރަން: ޓެން ހަގް

ޓެން ހަގް ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި. މިދިޔަ ސީޒަން ނުނިމެނީސް ޔުނައިޓެޑާ ހަވާލުވާން ނިންމައި، އޭނާ ވަނީ ސީޒަން ނިމުމު އިރަށް ޔުނައިޓެޑާ ގުޅި، މަސައްކަތް ފަށާފައި.--

ނެމްޗެސްޓާ (އޮކްޓޫބަރު 1) - ޕެޕް ގާޑިއޯލާ ނެތް ދުވަހަކުން މެންޗެސްޓާ ސިޓީއާ ހަވާލުވުމުގެ ފުރުސަތަކަށް މަޑުކުރުމުގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑް ހިޔާރު ކުރެވުމުން އެކަމާ ހިތާމަނުކުރާ ކަމަށް، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

ޖަރުމަންގެ ބެޔާން މިއުނިކުގައި ގާޑިއޯލާގެ ކޯޗިން ޓީމުގައި ހިމެނުނު ޓެން ހަގް އަކީ، ސިޓީއާ އެކު ގާޑިއޯލާގެ ވަގުތު ހަމަވުމުން އޭނާގެ މަގާމަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށް މިދިޔަ އޭޕްރީލް މަހު ގާޑިއޯލާ ވަނީ ބުނެފަ އެވެ. ނަމަވެސް ޓެން ހަގް އާއެކު ސިޓީއާ ދެކޮޅަށް ޔުނަައިޓެޑް ކުޅޭ ފުރަތަމަ މެންޗެސްޓާ ޑާބީގެ ކުރިން ޓެން ހަގް ބުނީ، ޔުނައިޓެޑާ ހަވާލުވާން ނިންމި ނިންމުމާ މެދު ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.

"އެއީ ސަޅި ކޮމްޕްލިމެންޓެއް. އެކަމަކު އަހަރެން ހުރީ 100 ޕަސެންޓު ޔަގީން ކަމާ އެކު މެންޗެސްޓާ ޔުނައިޓެޑު ހިޔާރުކުރަން ތައްޔާރަށް. އެންމެ ސިކުންތަކަށް ވެސް ހިތާމައެއް ނުކުރަން،" ޓެން ހަގް ބުންޏެވެ.

"އަހަރެން ޕެޕް ގާޑިއޯލާ އަށް ވަރަށް ބޮޑަށް ގަޔާވޭ، އެއީ އޭނާއަކީ ހަމައެކަނި ކާމިޔާބު މީހެއް ނޫން، އޭނާ މަސައްކަތް ކުރަނީ މީހުން ފުޓުބޯޅައަށް ޝައުގުވެރިވާ ފަދަ ގޮތަކަށް."

ލީގުގެ ފުރަތަމަ ދދެ މެޗުން ބަލިވިއަސް، ފުރަތަމަ މެންޗެސްޓާ ޑާބީއާ ކުރިމަތިލަނީ ޖެހިޖެހިގެން ހަތަރު މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗާ ގުޅޭގޮތުން ޓެން ހަގް ބުނީ، އޭނާ ހުރީ ވަރަށް ފޯރީގައި ކަމަށާއި، ޑާބީ މެޗުތަކަކީ ފޯރި އިތުރު ކޮށްދޭ މެޗުތަކެއް ކަމަށެވެ.

"ވަރަށް ފޯރީގައި މި ހުރީ. މިކަހަލަ ގިނަ މެޗުތައް ކުޅެން އަހަރެމެން ބޭނުންވޭ، ސަބަބަކީ ރަނގަޅު ވައިބް ތަކާ އެކު ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭތީ. މެޗުން މޮޅުވާން ކުރަން ޖެހޭ ހުރިހާ ކަމެއް އަހަރެމެން ކުރާނަން،" އޭނާ ބުންޏެވެ.

މެގުއާ އަނިޔާގައި: އިތުބާރު އެބަ އޮތް

ނޭޝަންސް ލީގުގައި އިންގްލެންޑުން ފަހު މެޗުގައި ޖަރުމަނާ ދެކޮޅަށް ކުޅެ 3-3 އިން އެއްވަރުވި މެޗުގައި، ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަށް ވަނީ އަނިޔާވެފަ އެވެ. މެގުއާ އަށް މެޗުތަކުގައި ގިނަ ގޯސްތަކެއް ހެދުނަސް، ކޯޗު ޓެން ހަގް ވަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

ހެރީ މެގުއާ، ޔުނައިތެޑްގެ ފަރިތަކުރުންތަކުގައި. ޓެން ހަގް ވަނީ މެގުއާ އަށް އަމާޒުވާ ފާޑުކިޔުންތަކުން އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފައި. -- ފޮޓޯ: އޭއެފްޕީ

"އަހަރެން އޭނާ ދިފާއު ކުރަނީ އަހަރެން އޭނާއަށް އިތުބާރު ކުރާތީ. އޭނާއާ މެދު އަހަރެންގެ ފުރިހަމަ ޔަގީންކަން އެބަ އޮތް. އޭނާ އަދި މި ހާލަތު ބަދަލު ކުރާނެ. އަހަރެންނަށް ވަރަށް ޔަގީން. އޭނާ މެޗުތަކަށް ނޭރިއަސް ޓީމާ އެކު ވަރަށް ފުރިހަމައަށް ފަރިތަކުރޭ،" އުމުރުން 29 އަހަރުގެ ޑިފެންޑަރާ ގުޅޭގޮތުން ޓެން ހަގް ބުންޏެވެ.

"އެކަމަކު އެންމެ މުހިއްމު ކަމަކަށް، އޭނާގެ ކޮލިޓީ އެބަ ހުރި. އޭނާގެ ކެރިއަރަށް ބަލައިލާއިރު، ގާތްގަނޑަކަށް 50 މެޗު ހަމަވަނީ އިންގްލެންޑަށް. ލެސްޓާ ސިޓީ އަށާއި މެންޗެސްޓާ ޔުނައިޓެޑަށް އޭނާ ވަނީ މޮޅަށް ކުޅެފައި. ތި އެންމެންނަށް އޭނާގެ ގާބިލްކަން ފެންނާނެ."

ފުރަތަމަ ދެ މެޗަށް ފަހު ޓެން ހަގް ވަނީ ޔުނައިޓެޑްގެ ސެންޓަ ބެކުންނަށް ލިސަންޑްރޯ މާޓިނޭޒް އާއި ރަފޭލް ވަރާން ބޭނުން ކޮށްފަ އެވެ. އަދި މެގުއާ ބެންޗް ކޮށްފައި ދަނޑުމަތީގައި ކެޕްޓަނެއްގެ ރޯލު އަދާކުރަނީ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އެވެ. މެގުއާ ކުޅުނީ ތިން މެޗުގަ އެވެ.

މެގުއާ އަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ޔުނައިޓެޑަށް ކުޅޭ އިނގިރޭސި ވާތުބެކް ލޫކް ޝޯ ވެސް ވަނީ މީގެ ކުރިން ވާހަކަ ދައްކައިފަ އެވެ. އަދި އިނގިރޭސި ކޯޗު ސައުތު ގޭޓް އޭނާގެ ދިފާއުގައި ބުނީ، އިނގިރޭސީންނަށް މިއަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ވެސް ޓީމުގައި މެގުއާ ހިމަނައިގެން ކަމަށެވެ.

މެގުއާ އަށް އަނިޔާ ވެފައި ވާއިރު، އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އަނިޔާވި ފޯވާޑް މާކަސް ރަޝްފޯޑާއި އެންޓޮނީ މާޝިއަލް ވެސް މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އަދި މާދަމާ ކުޅޭ ޑާބީ މެޗުގައި ދެ ކުޅުންތެރިން ވެސް ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށް ޓެން ހަގް ބުނެ އެވެ.

މެންޗެސްޓާ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މާދަމާ މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން އިރު އޮއްސި 6 ޖަހާއިރެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާގަޖަސަނާ

01 October 2022

ފާގަސަން ގެންގުޅޭ ފިލޯސަފީއެއް ނެތި މެންޔޫއެއް ނުހިންގޭނެ، ސިޓީ ކަހަލަ ތެޔޮ ލާރި އޮއްސާ ކުލަބުތަކާ ވާދަކުރަން ބޭނުން ނަމަ ހޯދަން ޖެހޭނީ އެކަހަލަ ކުޅުންތެރިން، އިނގިރޭސިންނަށް ވީތީ ސަންޗޯ އަށާއި މެގުއަރއަށް ބޭކާރު ހަރަދުކޮށްގެން ގެނައުމުގެ ބަދަލުގަ މާނޭ ސާނޭ ކަހަލަ ކުޅުންތެރިން ހޯދުން މުހިއްމު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454