ކެޓަލޫނިއާ، ސްޕެއިން (އޮކްޓޫބަރު 31) - ސްޕެނިޝް ލަ ލީގާ ގައި ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ގިރޯނާއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.
މެޗު އެއްވަރު ވި ނަމަވެސް، 12 މެޗުން 32 ޕޮއިންޓް ހަމަކޮށްގެން ޗެމްޕިއަން ރެއާލް މެޑްރިޑް ވަނީ އަލުން ލީގު ތާވަލްގެ އެއް ވަނައަށް ޖެހިލައިފަ އެވެ. މިއާ އެކު، 31 ޕޮއިންޓް ލިބިފައިވާ ބާސެލޯނާ ވަނީ ލީގުގެ ދެ ވަނައަށް ވެއްޓިފަ އެވެ.
މި ނަތީޖާ އާއެކު ގިރޯނާ 10 ޕޮއިންޓް ހަމަކޮށް 16 ވަނައަށް ޖެހިލިއަސް، ލީގުގެ 17، 18، 19 ވަނައިގައި އޮތް ގެޓާފޭ އާއި ސެވިއްޔާ އަދި ކާޑީޒް އަށް ވެސް ލިބިފައި ވަނީ ހަމަ 10 ޕޮއިންޓެވެ. ފުލުގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ އެލްޗޭ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ރޮޑްރިގޯ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހުނު އިރު، ގިރޯނާގެ ޔަންގެލް ހެރޭރާ ފޮނުވާޅި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފެޑެރިކޯ ވެލްވާޑޭ ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ގޯލު ތެރެއަށް ފޮނުވާލައިގެން ރެއާލް އަށް މެޗުގެ 70 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. ނަމަވެސް އޭގެ 10 މިނިޓު ފަހުން މާކޯ އަސެންސިއޯ އަތުގައި ބޯޅަ ޖެހިގެން ލިބުނު ޕެނަލްޓީއަކުން ގިރޯނާ އަށް އެއްވަރު ކޮށްދިނީ ކެޕްޓަން ކްރިސްޓިއަން ސްޓުއާނީ އެވެ.
ދިގު ވީއޭއާރު ރިވިއު އަކަށް ފަހު ދިން މި ޕެނަލްޓީ ކާމިޔާބު ކުރި ސްޓުއާނީ، 36، ވެފައި ވަނީ، 1960 ވަނަ އަހަރަށް ފަހު ލީގުގައި ސެންޓިއާގޯ ބެރްނެބުއޭ ގައި ރެއާލް ކޮޅަށް ލަނޑު ޖެހި އެންމެ ދޮށީ ކުޅުންތެރިޔާއަށެވެ.
މެޗުގެ 90 ވަނަ މިނިޓުގައި ރޮޑްރިގޯ، ރެއާލް މޮޅުކޮށްދޭން ލަނޑެއް ޖެހި ނަމަވެސް، ގޯލު ޖެހި ވަގުތު ގިރޯނާގެ ކީޕަރު ޕައޮލޯ ގަޒަނިގާ އަށް ފައުލް ކުރި ކަމަށް ނިންމައި، އެ ގޯލު ބަލައެއް ނުގަތެވެ.
އިތުރު ވަގުތުގައި ކައުންޓާ އެޓޭކެއްގައި ޓޯނީ ކްރޫސް ކުރި ފައުލަކަށް ރެފްރީ ވަނީ އޭނާ އަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ އުމުރުން 32 އަހަރުގެ ކްރޫސް ގެ ކެރިއަރުގައި އޭނާ އަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
ލަ ލީގާ ގައި ރެއާލް ބެޓިސް ވަނީ ރޭ ރަށުން ބޭރުގައި 2-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް 12 މެޗުން 23 ޕޮއިންޓް ހަމަކޮށް ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ވަނީ 23 ޕޮއިންޓް ލިބިފަ އެވެ.
މިއާ އެކު 22 ޕޮއިންޓާ އެކު އޮތް ސޮސިއެޑާޑް ވަނީ ފަސްވަނައަށް ވެއްޓިފަ އެވެ. ލީގުގެ ހަ ވަނައިގައި އޮތީ، ރޭ 1-0 އިން ވިޔަރެއާލް ބަލިކޮށް 21 ޕޮއިންޓް ހަމަކުރި އެތުލެޓިކް ބިލްބާއޯ އެވެ. މެޗުން ބަލިވުމާ އެކު 18 ޕޮއިންޓް ލިބިފައިވާ ވިޔަރެއާލް ވަނީ އަށް ވަނައަށް ވެއްޓިފަ އެވެ.
ވިޔަރެއާލަށް ވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެން؛ 20 ޕޮއިންޓާ އެކު ހަތްވަނައިގައި އޮތީ ރޭ 2-0 އިން ރެއާލް ވަލަޑޮލިޑް ބަލިކުރި އޮސަސޫނާ އެވެ.