ލަންޑަން (މެއި 8) - އިނގިރޭސި ޕްރިމިއާ ލީގުގެ ބާކީ އޮތް މެޗުތަކަށް ނުކުންނައިރު އިދިކޮޅަކަށް ނުކުންނަ ޓީމުތައް ކޮންމެ ހާލަތެއްގައި އޮތަސް އެ ޓީމަކާ ދެކޮޅަށް ކުޅެން ޗެލްސީ ތައްޔާރަށް އޮތް ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ލީގުގައި ބާކީ ހަތަރު މެޗު ޗެލްސީ އަށް އޮތްއިރު، މިރޭ އެ ޓީމު ނުކުންނާނީ ރެލިގޭޓްވުމުގެ ބިރުބޮޑުވެފައިވާ މިޑްލްސްބަރާއާ ދެކޮޅަށެވެ. ލީގު ކަށަވަރުކުރަން ކުރިއަށް އޮތް މެޗުތަކުން ޗެލްސީ އަށް ބޭނުންވަނީ ހަ ޕޮއިންޓެވެ.

ޗެލްސީ އެއް ވަނައިގައި އޮތީ 34 މެޗުން 81 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމް ވަނީ މި ހަފްތާގައި ކުޅުނު މެޗުން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 35 މެޗުން 77 ޕޮއިންޓެވެ. މިޑްލްސްބަރާ ލީގުގެ 19 ވަނައިގައި އޮތީ 35 މެޗުން 28 ޕޮއިންޓާ އެކު އެވެ. މިރޭ ޗެލްސީ އަތުން ބަލިވެއްޖެނަމަ އެ ޓީމު ރެލިގޭޓްވާނެ އެވެ.

"އަހަރެމެންނަށް އެނގޭ މިޑްލްސްބަރާ މިހާރު އޮތް ހާލަތު. އެ ޓީމުން ރެލިގޭޝަނުން ސަލާމަތްވާން ވަރަށް މަސައްކަތް ކުރާނެކަން ވެސް އެނގޭ. ލީގުގެ މި ހިސާބުން ކޮންމެ ޓީމެއް ވެސް އަންނާނީ ވަކި މަގާމަކަށް ވާދަކުރަމުން. މިއިން ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ވެސް ޗެލްސީ އޮންނާނީ ތައްޔާރަށް،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ވަނީ ޔުވެންޓަސް އަށް ފަސް ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްދީފަ އެވެ. ޗެލްސީއާ ހަވާލުވި ފުރަތަމަ ސީޒަނުގައި އޭނާ ލީގު ހޯދުމާ ގާތުގައި އޮތްއިރު، އެ ޓީމު ވަނީ އެފްއޭ ކަޕް ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ.

"ސީޒަންގެ ކުރީކޮޅުގައި އަހަންނަށް އަދި ޗެލްސީ އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި. އެކަމަކު ޓީމެއްގެ ގޮތުގައި ކުރިއަށް ވިސްނައިގެން ކުރި މަސައްކަތުގެ ނަތީޖާ އެބަފެނޭ. އަހަރެން ދެކެނީ ސީޒަނުގެ މިހާތަނަށް ވެސް ޗެލްސީ އަށް ކާމިޔާބު ކަމަށް،" ކޮންޓޭ ބުންޏެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޗެލްސީގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެންގޯލޯ ކާންޓޭ އާއި ޑޭވިޑް ލުއިޒް ނުފެނުމުގެ ފުރުސަތު އެބައޮތެވެ. ކޮންޓޭ ބުނީ މި ދެ ކުޅުންތެރިން ބޭނުންކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

މިޑްލްސްބަރާގެ ކޯޗު ސްޓީވް އެގްނޫ ބުނީ އެ ޓީމު މި ވަގުތު އޮތީ ގޯސް ހާލަތެއްގައި ކަމަށާއި ކުރިއަށްދިއުމާ ނުދިއުން އޮތީ މިރޭގެ މެޗުގެ ނަތީޖާގެ މައްޗަށް ބަރޯސާވެފައި ކަމަށެވެ.

ޗެލްސީ އާއި މިޑްލްސްބަރާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.