ވިކްޓަރީ އަށް ޝާޒުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް!

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗުކަމުން މުހައްމަދު ޝާޒްލީ ވަކިކޮށް އެ މަގާމަށް އަލީ ސުޒޭން ގެނައުމުން، ޝާޒްލީ މިއަދު ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.


ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް މިއަދު ވިދާޅުވީ ޝާޒް މަގާމުން ވަކިކުރީ އުސޫލުތަކާ އެއްގޮތަށް ވާހަކަތަކެއް ދެކެވިގެން ކަމަށެވެ.

"ސީޒަން ނުފެށެނީސް ކޯޗު ވަކިކުރަން ނިންމީ މެނޭޖްމަންޓާއި ކޯޗުން ސްޓާފުންނާއި ކުޅުންތެރިންގެ ވެސް ހިޔާލު ތަފާތުވުންތަކެއް ހުރުމުން. ޕްރެކްޓިސް ފެށިގެން މިއަދާ ހަމައަށް ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވިގެން ޝާޒް ވަކިކުރަން ނިންމީ. ބޮޑު އަހަރަކަށް ކުރިމަތިލާއިރު ޝާޒްގެ ކޯޗުކަމުގައި ވިކްޓަރީގެ ޓާގެޓަށް ވާސިލްނުވެވޭނެ ކަމުގެ ބިރު އޮތުމުން ވަކިކުރީ،" ނަޒީމް ވިދާޅުވި އެވެ.

ޝާޒް ވަކިކުރި ސީދާ ސަބަކާ ބެހޭގޮތުން ސުވާލުކުރުމުން ނަޒީމް ވިދާޅުވީ ބައެއް ކަހަލަ ކަންތައްތަކަކީ މީޑިއާ އަށް ހިއްސާ ނުކުރެވޭނެ ވާހަކަތައް ކަމަށެވެ.

"ޝާޒް އަށް ދޭން ޖެހޭ ހުރިހާ ސަޕޯޓެއް އަޅުގަނޑުމެން ދިނިން. އެކަމަކު މިއަދާ ހަމައަށް ޓީމުގެ ކަންތައްތައް ދިޔަ ގޮތުން ސީޒަން ނުފަށަނިސް މި ބަދަލު ގެންނަން މި ޖެހުނީ. ޝާޒް ވަކިކުރުމުގައި އެބަހުރި ބައެއް ކަހަލަ ކަންތައްތައް މީޑިއާއާ ހިއްސާ ނުކުރެވޭނެ،" ނަޒީމް ވިދާޅުވި އެވެ.

ސުޒޭން ބުނީ ވިކްޓަރީ އަކީ އޭނާގެ އާއިލާގެ ގޮތުގައި ދެކޭ ކްލަބެއް ކަމަށާއި އެކްލަބަށް ހިދުމަތްކޮށްދޭނެ ފުރުސަތެއް އަލުން ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"ވިކްޓަރީ އަކީ އަޅުގަނޑަށް ވަރަށް ހާއްސަ ކްލަބެއް. އަޅުގަނޑާ ހާއްސަ ގުޅުމެއް އޮންނަ ކްލަބެއް މިއީ. އެފަދަ ކްލަބަކަށް އަލުން ހިދުމަތް ކޮށްދިނުމުގެ ފުރުސަތު ލިބުމުން އެ ފުރުސަތު ދިނީތީ ވިކްޓަރީގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރަން،" ވިކްޓަރީ އަށް ކުޅެ އެޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސުޒޭން ބުންޏެވެ.

ފާއިތުވި ތިން ވަރަކަށް މަސް ދުވަހު އުޅުނީ ފުޓްބޯޅައާ ވަރަށް ދުރުގައި ކަމަށާއި ވިކްޓަރީއާ އެކު ކުރިއަށް އޮތް ސީޒަނުގައި ކަނޑައަޅާނެ ޓާގެޓެއް އެނގޭނީ ޓީމާ އެކު ވަގުތުތަކެއް ހޭދަކުރެވިގެން ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"މިދިޔަ ތިން ވަރަކަށް މަސް ދުވަހު އަޅުގަނޑު އުޅުނީ ވަރަށް ފުޓްބޯޅައާ ދުރުގައި. މީޑިއާ އިން އެނގުނު އެއްޗެއް ފުޓްބޯޅައިން އެނގެނީ. ވިކްޓަރީ އަށް ގެނައި ކުޅުންތެރިންގެ ތެރެއިން ވެސް ހަ ވަރަކަށް ކުޅުންތެރިން ސީދާކޮށް ބުނަން އެނގެނީ. އެކަމަކު އެނގޭ ކަމަކީ އަޅުގަނޑާ އެކު މަސައްކަތްކުރި ކުޅުންތެރިން އެ ޓީމުގައި ހުރުމުން ފަސޭހަވާނެކަން. ބަކާ، އަދުހަމް އަދި މެސީ (އީސަ) އަކީ އަޅުގަނޑާ އެކު މަސައްކަތްކުރި ކުޅުންތެރިން. އެކަމަކު މުޅި ސީޒަނުގެ ޓާގެޓެއް ބުނަން އެނގޭނީ ޓީމާ އެކު ޕްރެކްޓިސްތަކެއް ކޮށްލުމަށް ފަހު،" ސުޒޭން ބުންޏެވެ.

ވިކްޓަރީގެ ނޫސްވެރިންގެ ބައްދަލުވުމުން ނިމުނުތާ ވިއްސަކަށް މިނިޓް ފަހުން ޝާޒް ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާްއްވައިފަ އެެވެ. އަދި ވިކްޓަރީގެ މެނޭޖްމަންޓާއި ސުޒޭނަށް ވަރަށް ބޮޑަށް ފާޑުކިޔެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ވިކްޓަރީގެ ޗެއާމަން ނަޒީމް (ކ) އާއި ވިކްޓަރީގެ ކޯޗު ސުޒޭން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޝާޒް ބުނީ އޭނާ ވިކްޓަރީ ކޯޗު ކަމުން ވަކިކުރިކަން އެނގުނީ މިއަދު މީޑިއާ އިން ކަމަށެވެ.

"އަޅުގަނޑަށް ކުރިއަކުން ނޭނގޭ އަޅުގަނޑު މަގާމުން ދުރުކުރާނެ ކަމެއް. ކުރަން އުޅޭ ކަމެއް ވެސް. އިއްޔެގެ ޕްރެކްޓިސްތަކަށް ފަހު މިއަދުގެ ހެނދުނާ ހަމައަށް އަޅުގަނޑު މި ތައްޔާރުވަނީ މިއަދު ހަވީރު އީގަލްސްއާ ދެކޮޅަށް ކުޅެން ރާވާފައި އޮތް މެޗަށް. އެކަމަކު ކުއްލިއަކަށް އަލީ ސުޒޭން ޓީމާ މި ހަވާލުވީ،" ޝާޒް ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީގެ ކޯޗުކަމާ ހަވާލުވީ ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށާއި ގިނަ ޝަރުތުތަކެއް ކަނޑައަޅައި ގިނަ ކަންތައްތަކަކަށް އެއްބަސްވެވިގެން ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ކަންތައްތައް ވިކްޓަރީގެ މެނޭޖްމަންޓަށް ފުރިހަމަ ނުކޮށްދެވޭކަން ޝާޒް ފާހަގަކުރި އެވެ.

"އަޅުގަނޑު އެދުނިން ޕްރީ ސީޒަން ޓުއާ އަކަށް ވެސް. އަދި ބިދޭސީ ކުޅުންތެރިން ޕްރެކްޓިސް ފެށުމުގެ ކުރިން ގެންނަން ވެސް. އެކަންތައް ވެސް ފުރިހަމައެއް ނުވޭ. އަދި ބައެއް ކުޅުންތެރިންގެ މުސާރަ ވެސް ހަމަނުޖެހި ހުރީ އެ ހުރިހާ ކަމެއް ހުއްޓައި ވިކްޓަރީ ކަހަލަ ބޮޑު ކްލަބެއްގެ އޮތް މެނޭޖްމަންޓުން މި ފެނުނީ ވަރަށް ދަށު ދަރަޖައިގެ ކަމެއް،" ޝާޒް ބުންޏެވެ. "އަޅުގަނޑު ގަބޫލެއް ނުކުރަން މުބާރާތެއް ނުފެށެނީސް ޓާގެޓްތަކެއް ހާސިލްކުރެވޭނެ ކަމަށް. އެ ފުރުސަތު ވެސް ނުދީ މަގާމުން ދުރުކުރުން ގަބޫލެއް ނުކުރެވޭ."

ވިކްޓަރީއާ އެކު ޝާޒް ހެދި އެއްބަސްވުމާ ހިލާފުވާފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި އެއްވެސް ކޯޗިން ސްޓާފަކާ އަދި ކުޅުންތެރިއަކާ ވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށް ޝާޒް ވަނީ ބުނެފަ އެވެ.

ސުޒޭން މަގާމާ ހަވާލުވީ ނުފޫޒުގެ ބޭނުން ކޮށްގެން: ޝާޒްލީ

މިދިޔަ ސީޒަނުގައި ސުޒޭން އިރުޝާދު ދިނީ މާޒިޔާ އަށެވެ. ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ޓާގެޓްކޮށް އެކަން ނުކުރެވިއްޖެނަމަ މަގާމުން އިސްތިއުފާދޭނެ ކަމަށް ބުނެ، އެކަން ހާސިލްނުވުމުން ސުޒޭން ވަނީ މާޒިޔާ ދޫކޮށްލައިފަ އެވެ. ޝާޒް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިނީ ބީޖީ އަށެވެ. ލީގުގެ އެންމެ ފުލަށް ދިއުމުން ބީޖީ ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.

"ހަގީގަތުގައި މިދިޔަ ފަސް ވަރަކަށް މަސް ދުވަހުގައި ސުޒޭން ފުޓްބޯޅައާ ދުރުގައި އުޅުމަށް ފަހު ކުއްލިއަކަށް ވިކްޓަރީއާ ހަވާލުވުމުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި. މިއީ މި ކަންތައް ވެގެންވާނެ ގޮތެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި މިއީ ވިކްޓަރީ ބޯޑާއި ސުޒޭނާ ގުޅިގެން ކުރި ކަމެއް،" ޝާޒް ބުންޏެވެ.

"ސުޒޭނަށް ދޭން ޖެހޭ އިހުތިރާމް އަޅުގަނޑުދެން. އެކަމަކު މިކަމުގައި ސުޒޭންގެ ފަރާތުން ވެސް މި ފެނުނީ ގޯސް ނިންމުމެއް. ހަގީގަތުގައި ވިކްޓަރީ ވަރުގަދަ ކުރީ އަޅުގަނޑު. ޓީމުގައި އޮތް ސްކޮޑު އެކުލަވާލީ ވެސް އަޅުގަނޑު. މި ޓީމު ގޮވައިގެން އަޅުގަނޑަށް މެޗަށް ނުކުތުމުގެ ފުރުސަތެއް ވެސް ނުލިބި މަގާމުން ދުރުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން."

ޝާޒް ބުނީ ސުޒޭން ވިކްޓަރީ އަށް އައީ އެ ޓީމު ވަރުގަދަ ވެފައި އޮތްތަން ފެނުމުން ކަމަށާއި މި ވަގުތު އޭނާ ހަވާލުވާނެ އިތުރު ޓީމެއް ނެތުމުން ކަމަށެވެ.

"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އޮތް މި ސްކޮޑާ އެކު ފުރިހަމަ ކާމިޔާބެއް ހޯދޭނެ ކަމުގެ. އަޅުގަނޑަށް ޔަގީން މި ސްކޮޑާ އެކު ސުޒޭން ކާމިޔާބު ހޯދާނެކަން. އެ ގޮތަށް ބަލާއިރު ސުޒޭން މިވަގުތު ވިކްޓަރީއާ ހަވާލުވީ ވެސް އެ މަގުސަދުގައި ހެން އަޅުގަނޑަށް ހީވަނީ،" ޝާޒް ބުންޏެވެ.

ސުޒޭނާއި ވިކްޓަރީގެ ބޯޑާ ވެސް ޒާތީ އެއްވެސް ކަމެއް ނެތް ކަމަށާއި ބޭނުންވަނީ މި ފަދަ އެހެންކަމެއް ތަކުރާރު ނުވުމަށް ކަމަށް ޝާޒް ވަނީ ބުނެފަ އެވެ.

"އަޅުގަނޑު ބޭނުންވަނީ މި ފަދަ ކަމެއް އަޅުގަނޑަށް މިއަދު ކުރިމަތިވި ނަމަވެސް މާދަމާ އެހެން ކޯޗަކަށް މިފަދަ ކަމެއް ކުރިމަތިނުވުން. އެއީ ކުރިއަރަން ލިބޭ މި ފަދަ ކޯޗުންނަށް މިހެން ދިމާވަންޏާ ގެއްލުއްވާނީ ފުޓްބޯޅަ އަށް ކަމަށް އަޅުގަނޑަށް ވިސްނެނީ،" ކުރިން ވިކްޓަރީ އަށް ކުޅުނު ޝާޒް ބުންޏެވެ.

މީޑިއާ އިން ވެސް ސުޒޭން ޕްރޮމޯޓްކުރުމުގައި ބައިވެރިވާ ކަމަށާއި އެހެން އެކަންތައް ކުރުމަކީ ފުޓްބޯޅަ އަށް ގެއްލުންވާ ކަމެއް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ފެނޭ ވަރަށް ގިނަ މީޑިއާ އިން ސުޒޭން ޕްރޮމޯޓްކުރާތަން. ފުޓްބޯޅަ ސީޒަން ފަށާއިރު ސުޒޭން ވިކްޓަރީގެ ބެންޗުގައި ނެތުމަކީ ފުޓްބޯޅަ ފޯރިއަށް ގެއްލުންވާނެ ކަމެކޭ ބުނެފައި. އެއީ މީޑިއާ އިން ވެސް ބޭނުންވަނީ ސުޒޭން ވިކްޓަރީ އަށް ގެންނަން ހެން ހީވާ ކަހަލަ. މިއީ ފުޓްބޯޅައިގައި އުޅޭ އެހެން ކޯޗުންނަށް އެޅޭ ހުރަހެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ،" ޝާޒް ބުންޏެވެ.

ވިކްޓަރީން ވަނީ މިދިޔަ ސީޒަނުގައި ރާއްޖޭގައި މޮޅު ކުޅުމެއް ދެއްކި ޔުނައިޓެޑުގެ ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފާއި ފޯވާޑް ކެރިކް އަންދްރޭ އާއި ކްލަބް އީގަލްސް އަށް ކުޅުނު އެޓޭކިން މިޑްފީލްޑަރު މުހައްމަދު ސެޑިކާއި ނިއު ރޭޑިއަންޓުގެ ޑިފެންޑަރު ބަލްގޭރިއާގެ ވެލިޗްކޯ އެ ޓީމަށް ގެނެސްފަ އެވެ.

އަދި ވެލެންސިއާ އަށް މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި ހަސަން އަދުހަމް (ސަޑޭ) އާއި މުހައްމަދު އާރިފް (ބަކާ) އަދި މާޒިޔާ އަށް ކުޅުނު އިސްމާއިލް އީސަ ވެސް ވަނީ ވިކްޓަރީއާ ގުޅިފަ އެވެ.

މިިދިޔަ އަހަރު ރެލިގޭޝަން ޕްލޭއޮފް ކުޅުނު ވިކްޓަރީ މި އަހަރުގެ މާލޭ ލީގު ފުރަތަމަ މެޗުގައި ނުކުންނާނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދި ގްރީން ސްޓްރީޓާ ދެކޮޅަށެވެ.