އިތުރު ކާމިޔާބީ ހޯދަން ހިތްވަރު ލިބިއްޖެ: ސެކުލޮސްކީ

ކްލަބް ވެލެންސިއާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމު ބަލިކޮށް ޗެރިޓީ ޝީލްޑް ކާމިޔާބުކުރެވުމާ އެކު އިތުރު ކާމިޔާބީ ހޯދަން ހިތްވަރު ލިބިއްޖެ ކަމަށް މާޒިޔާގެ މެސެޑޯނިއާ ކޯޗު މަރްޔާން ސެކުލޮސްކީ އިއްޔެ ބުނެފި އެވެ.


މެޗުގެ ދެ ވަނަ ހާފްގައި ކެޕްޓަން އަސަދުﷲ އަބްދުﷲ ވައްދާލި ހަމައެކަނި ލަނޑުން 1-0 އިން ވެލެންސިއާ ބަލިކޮށް، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލިއިރު، މިއީ ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ.

"މިއީ އަހަރެންގެ ފުރަތަމަ މެޗު. މިއީ އުފާވެރި ފެށުމެއް. ފުރަތަމަ މެޗުގައި ވެސް ކުޅުންތެރިން އަހަރެން ހިތްހަމަޖެހޭ ވަރަށް ކުޅެފި. ކުރިއަށް ހުރި މެޗުތަކުގައި މި އަށް ވުރެ ރަނގަޅަށް މި ޓީމު ކުޅޭނެ،" ކުރިން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއި އަޔެޔަވާދީ ޔުނައިޓެޑަށް ކޯޗުކޮށްދިން ސެކުލޮސްކީ ބުންޏެވެ.

އޭނާ ބުނީ ވެލެންސިއާއާ ދެކޮޅަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ މާޒިޔާ އިން ކަމަށާއި އުނދަގޫވީ ފުރަތަމަ ހާފްގައި ލަނޑެއް ނުޖެހުމުން ކަމަށެވެ.

"މިއީ 100 ޕަސެންޓް އަހަރެމެން ކޮންޓްރޯލް ކޮށްގެން ކުޅުނު މެޗެއް. އަހަރެމެންނަށް ހައެއް ނޫނީ ހަތް ލަނޑު ޖަހާނެހާ ފުރުސަތު ލިބުނު. ފުރަތަމަ ހާފްގައި ލަނޑެއް ޖެހުނު ނަމަ މެޗުގެ ފަރަގު ބޮޑުވާނެ. އެކަމަކު އެކަން ނުވުމުން ހަނި މޮޅަކުން ފުއްދާލަން މި ޖެހުނީ،" ސެކުލޮސްކީ ބުންޏެވެ.

ވެެލެންސިއާގެ ރަމީޒް (ކ) ކައިރިން މާޒިޔާގެ އަސަދުﷲ ބޯޅަ ހިފައިގެން ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ އޭނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އުއްމީދީ ކުޅުމެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ތަފާތު ފެންނާނެ ކަމަށެވެ.

"މިއީ ފުރަތަމަ މެޗަށް ވުމުން ކުޅުންތެރިންނަށް ހުރި އުނދަގޫތަކެއް. އެކަމަކު އަހަރެމެންގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް ކުޅުނު،" އޭނާ ބުންޏެވެ.

"މިއީ ދެން ހުރި މެޗުތަކަށް ނުކުންނައިރު ކުރިއަށްދާން ލިބޭ ހިތްވަރެއް. މި މެޗުގައި އެންމެ ލަނޑެއް ޖެހުނު ނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި އިތުރު ލަނޑު ޖަހައިގެން މޮޅުވުމަކީ އަމާޒެއް. އަހަރެންގެ ވިސްނުމަކީ އެޓޭކިން ފުޓްބޯޅަ."

މިދިޔަ ދެ އަހަރު ވެސް މާޒިޔާ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމާ އެކު އެ ޓީމާ މެދު ކުރި އުއްމީދު ބޮޑުވި އެވެ. އެކަމަކު މުބާރާތްތަކުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.

ސެކުލޮސްކީ ބުނީ ހާސްވާން ޖެހޭ ވަރުގެ ޕްރެޝަރެއް ކުޅުންތެރިންނަށް ވެސް އަދި އޭނާ އަށް ވެސް ނެތް ކަމަށެވެ.

"ޕްރެޝަރެއް އޮތް ކަމަކަށް ނުދެކެން. އެއީ ކާމިޔާބީ ފެށުމަކާ އެކު ކޮންމެ ބައެއްގެ ވެސް އުއްމީދުތައް ބޮޑުވާނެ. އަހަރެން ބުނާނީ ކަންބޮޑުވާން ޖެހޭ ވަރުގެ ޕްރެޝަރެއް ނެތޭ. އަހަރެން ގަބޫލުކުރާނީ މި ޓީމު މި އަށް ވުރެ މޮޅަށް މި އަހަރު ކުޅޭނެ ކަމަށް،" ސެކުލޮސްކީ ބުންޏެވެ.

މާލެ ލީގު ފުރަތަމަ މެޗުގައި މާޒިޔާ މި މަހު 24 ގައި ނުކުންނާނީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އީގަލްސާ ދެކޮޅަށެވެ.