ބަންގްލަދޭޝްގައި މިއަދު ފަށާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް މުބާރާތަށް ޓީސީ ސްޕޯޓްސް ކްލަބް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމަކަށް އުއްމީދުކުރާ ކަމަށް އެ ޓީމުގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްޝޮން ބުނެފި އެވެ.

"އަހަރެމެން 20 ދުވަހު ޓްރެެއިނިން ހެދިން. ވަރަށް ރަނގަޅަށް ތައްޔާރުވެއްޖައިން. އަހަރެން އުއްމީދުކުރަން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމަކަށް،" ކިރަން ބުންޏެވެ. "އެކަމަކު މޫސުމާ މިކަހަލަ ކަންތައްތައް ހުރި ގޮތުން ފުރަތަމަ މެޗު އުނދަގޫވެދާނެ. ރާއްޖެއާ ބަލާއިރު މޫސުން ވެސް ތަފާތު. އެކަމަށް ޖެހޭނީ ހޭނެން. ދެ ވަނަ މެޗަށް ނުކުންނައިރު ހުރިހާ ކަމެއް ރަނގަޅުވާނެ."

ކިރަން ބުނީ ރާއްޖޭގައި ކުރާ ފުރަތަމަ ތަޖުރިބާގައި ވެސް ބޭނުންވަނީ މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުގެ ޖާގަ ދަމަހައްޓަން ކަމަށެވެ. އޭނާ ބުނީ ދިވެހި ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކަމަށާއި ދިވެހިންނަކީ ފުޓްބޯޅަ ދެކެ ލޯބިވާ ބަޔެއްކަން އޭނާ އަށް މިވީ ކުޑަދުވަސްކޮޅުން ވެސް އެނގިއްޖެ ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ވެސް ވަނީ ކިރަންގެ ކުޅުމާ މެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ކިރަންގެ ސަބަބުން ޑިފެންޑަރުންނަށް އިތުބާރު ލިބިއްޖެ ކަމަށާއި އެންމެ މުހިއްމު ކަމަކީ އެއީ ކަމަށެވެ.

"ފުދޭވަރަކަށް ރަނގަޅު. ފުދޭވަރަކަށް ނޫން ހަމަ ވަރަށް ރަނގަޅު. މިހާތަނަށް އައިއިރު ޕާފޯމަންސާ މެދު ވަރަށް ހިތްހަމަޖެހޭ. އެންމެ ބޮޑު އެއް ކަމަކީ ޓީމުގެ ޑިފެންސް ލައިނުގައި ތިބޭ ކުޅުންތެރިންނަށް މިހާރު އެނގޭ ގޯލުގައި މީހަކު ހުރިކަން. އެ ކޮންފިޑެންސް އެއީ ވަރަށް ބޮޑު އެއްޗެއް،" ނިޒާމް ބުންޏެވެ.

އޭނާ ބުނީ ބަންގްލަދޭޝް ލީގުގައި ކިރަން ކުރިން ކުޅެފައިވުމުން މިއަދު ފަށާ މުބާރާތުގައި ޓީސީ އަށް އޭނާގެ ފަރާތުން އެޑްވާންޓޭޖްތަކެއް ނެގިދާނެ ކަމަށެވެ.

ނޭޕާލު ގައުމީ ޓީމަށް 48 މެޗު ކުޅެދީފައިވާ ކިރަން އަކީ ފާއިތުވި ސާފް ޗެމްޕިއަންޝިޕް މުބާރާތްތަކުގެ އިތުރުން ނޭޕާލް ކުޅުނު އެހެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރެކެވެ. ކިރަން އެންމެ މޮޅު ކުޅުމެއް ދެއްކި މެޗަކީ 2012 ވަނަ އަހަރުގެ ނެހްރޫ ކަޕްގައި އިންޑިއާ އާއި ނޭޕާލް 0-0 އިން އެއްވަރުވި މެޗުގަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.

ޝެއިހް ކަމާލް އިންޓަނޭޝަނަލް މުބާރާތުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑާ ދެކޮޅަށް ޓީސީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 6 ޖަހާއިރު އެވެ.