ކުޅިވަރު / ރާޅާއެޅުން

އޭޝިއަން ގޭމްސްގެ އުއްމީދާ އެކު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ތުލުސްދޫގައި

މިއަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ކުޅިވަރު މިނިސްޓްރީ

15 އޯގަސްޓް 2024 - 19:03

1 comments

މުޅިން އަލަށް ރާޅާ އެޅުން ހިމަނައިގެން 2026 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ގޮތުން ބާއްވާ ފުރަތަމަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ހޮނިހިރު ދުވަހު ކ. ތުލުސްދޫގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިއީ އޭޝިއާގެ ސާފިން ފެޑެރޭޝަން (އޭއެސްއެފް) އިން ބާއްވާ ތިން ވަނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އެވެ. މިދިޔަ އަހަރު ވެސް މުބާރާތް ބާއްވާފައި ވަނީ ތުލުސްދޫގެ ރަންދާ (ކޯކްސް) ރާޅުގަނޑު ސަރަހައްދުގަ އެވެ.

މި މަހުގެ 27 އާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި 20 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު، ފަސް އިވެންޓެއް ކުރިއަށް ދާނެ އެވެ. އެއީ ފިރިހެން އަދި އަންހެން އޯޕަން ޑިވިޝަނާއި ޖޫނިއާ ބައިގެ އިތުރުން، ޓީމް އިވެންޓް ކަމަށްވާ އޭއެސްއެފް މަރުހަބާ ކަޕް އެވެ.

މުބާރާތުގެ އިސް ފަނޑިޔާރެއްގެ ގޮތުގައި އިންސާފު ކުރާނީ، ދިވެހި ގައުމީ ސާފް ލީގުގެ ވެސް ހެޑް ޖަޖް ކަން ކުރަމުން އަންނަ އޮސްޓްރޭލިއާގެ ޕެރީ ހެޗެޓް އެވެ. އޭނާ ވަނީ ސާފިން ވޯލްޑް ޓުއާގައި ކުރިން ޗީފް ޖަޖްގެ މަގާމް އަދާކޮށްފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ 15 ރާޅާއެޅުންތެރިން ވާދަކުރި އެވެ. އޭގެ ތެރޭން އަންހެން ޑިވިޝަނުގައި ވާދަކޮށް މަރިޔަމް ރާހިލް ނަސީމް (އާޔާ) ވެފައި ވަނީ އޭއެސްއެފް މުބާރާތެއްގައި ރާއްޖޭން ވާދަކުރި ފުރަތަމަ އަންހެން ރާޅާއެޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

ރާއްޖޭގެ ޓީމުގެ ކޯޗު އިބޫ އަށް، ކުޅިވަރާބެހޭ ވަޒީރު، ޖާޒީ ހަވާލު ކުރަނީ.-- ފޮޓޯ: ކުޅިވަރު މިނިސްޓްރީ

މިދިޔަ އަހަރުގެ މުބާރާތާ ހިލާފަށް މިއަހަރުގެ މުބާރާތަކީ ކޮލިފައިން އިވެންޓަކަށް ވުމުން ގިނަ ދިވެހި އެތުލީޓުން ބައިވެރި ކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، އޭއެސްއެފް އާއެކު ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މަޝްވަރާ ކޮށްގެން ރާއްޖޭގެ ފިރިހެން ދެ ޓީމެއް ބައިވެރި ކުރެވޭގޮތް ވަނީ ހަމަޖެހިފަ އެވެ. އެއީ، ރާއްޖޭގެ 'އޭ' ޓީމަކާއި 'ބީ' ޓީމެކެވެ. ގޭމްސް އަށް ކޮލިފައި ވުމުގެ ފުރުސަތު އޮތީ އޯޕަން ބައިގައި ހިމެނޭ ފިރިހެން 'އޭ' ޓީމާއި އަންހެން އޯޕަން ބައިން ހޯދާ ނަތީޖާއިންނެވެ..

ރާއްޖޭގެ ޓީމު 14 ރާޅާއެޅުންތެރިންނާ އެކު މިފަހަރުގެ މުބާރާތަށް ނުކުންނައިރު، ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރީ، ކުރީ ދެ ޗެމްޕިއަންޝިޕްސްގައި ވެސް ރާއްޖެއަށް އޯޕަންސް ބައިން ބްރޯންޒް މެޑަލް ހޯދައިދިން، ރާއްޖޭގެ އެންމެ މޮޅު ސާފަރު ހުސެއިން އަރީފް (އިބޫ) އެވެ.

▪ ފިރިހެން އޯޕަން 'އޭ' ޓީމް: އަހުމަދު އާގިލް (ކެޕްޓަން)، ހޫދު އަހުމަދު، އިސްމާއިލް މިގްލާލް

▪ ފިރިހެން އޯޕަން 'ބީ' ޓީމް: ހަސަން ނާސިހް، އިސްމާއިލް ރަޝީދު (ސްމައިލީ)، އަހުމަދު ހިޝާމް ޝަހީމް

▪ އަންހެން އޯޕަން: އާޔާ ނަސީމް، ޝާޒިޔާ ސައީދު

▪ ފިރިހެން ޖޫނިއާ 'އޭ' ޓީމް: ސައްޔިދު ސަލާހުއްދީން (ކެޕްޓަން)، ޔަސިން އަހުމަދު ނާޝިދު، ޔޫސުފް ކަޔާން ހަމްދާން ޒަކީ

▪ ފިރިހެން ޖޫނިއާ 'ބީ' ޓީމް: ކަޔާން އަބްދުالله އަރީފް، އަހުމަދު ޒަޔާން، މުހައްމަދު އިނާން އަބްދުލް ހަންނާން

އެންމެ ފުރަތަމަ ޗެމްޕިއަންޝިޕްސް ބާއްވާފައި ވަނީ 2019 ވަނަ އަހަރު، ޗައިނާގަ އެވެ. އޭޝިއަން ގޭމްސްގެ އިންތިޒާމް ކޮމިޓީން، 2026ގެ ގޭމްސްގައި ސާފިން ހިމަނަން ނިންމީ 2021 ވަނަ އަހަރެވެ.

އެގޮތުން، މިއަހަރު ތުލުސްދޫގައި ބާއްވާ މުބާރާތާއި އަންނަ އަހަރުގެ ޗެމްޕިއަންޝިޕްސް އިން އަންހެން 24 އަދި ފިރިހެން 24 ޖާގަ އާއެކު ޖުމްލަ 48 ޖާގަ ލިބޭނެ އެވެ. އެއީ، ދެ މުބާރާތުން، އަންހެން އަދި ފިރިހެން އޯޕަން ބައިން ވެސް ކޮންމެ ގައުމަކުން ގިނަވެގެން ދެ އެތުލީޓުންގެ ނިސްބަތުންނެވެ.

ކޮލިފައިންގެ ކޮންމެ މުބާރާތަކުން ވެސް އަންހެން އަދި ފިރިހެން 12 ގައުމަކަށް، އޭޝިއަން ގޭމްސްގެ ޖާގަ ޔަހީން ވާނެ އެވެ.

އެ ފުރުސަތު އޮތީ، އޭޝިއާ ބަހާލެވިފައިވާ ފަސް ސަރަހައްދުން ވެސް އެއް ވަނަ ގައުމުގެ ދަރަޖަ ހޯދައިގެންނެވެ. މި ފަސް ޖާގައިގެ އިތުރުން ރޭންކިންގެ އެންމެ ރަނގަޅު ހަތް ގައުމަށް ވެސް އޭޝިއަން ގޭމްސް އިން ފުރުސަތު ލިބޭނެ އެވެ. މުބާރާތުގެ ރޭންކިން އިން އެންމެ ރަނގަޅު ހަތް ގައުމު ހޮވާއިރު، ފަސް ސަރަހައްދުން އެއް ވަނަ ހޯދި ގައުމުތައް ނުހިމަނާނެ އެވެ.

ރާއްޖެ އާއެކު މި ސަރަހައްދުގައި ދެން ހިމެނޭ ގައުމުތަކަކީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އމއމއ

16 August 2024

އަހަރެމެން ފަގީރުންނަށް ދުވަހަކުވެސް ތިކަހަލަ ފުރުސަތެއް ނުލިބޭނެ ސިޔާސީ ވެރިން އަތުގަ މިލިއަން ރުފިއްޔާ ހުންނާނެ އެތަކެއް ގެޔެއް ހުންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454