20 ނޮވެމްބަރ 2024 - 08:50
ފްލޮރިޑާ (ނޮވެމްބަރު 20) – ލިއޮނެލް މެސީ އާއި ބައެއް މަޝްހޫރު އެހެން ތަރިން ގެނެސް އިންޓަ މަޔާމީ ވަރުގަދަކޮށް ކޯޗުގެ މަގާމު ހަވާލު ކުރި ޖެރާޑޯ (ޓާޓާ) މަޓިނޯ އެ މަގާމުން އިސްތިއުފާ ދީފި އެވެ.
މިދިޔަ އަހަރު މަޔާމީ އަށް މެސީ ލައްވައި ސޮއި ކުރުވުމަށް ފަހު، މަޝްހޫރު ޑޭވިޑް ބެކަމްގެ ކްލަބުން ނިންމީ އެ ޕްރޮޖެކްޓްގެ ކޯޗުކަން ކުރަން ތަޖުރިބާކާރު ކޯޗެއް ގެނައުމަށެވެ. މަޝްހޫރު ތަރިން ގެންގުޅެ ތަޖުރިބާ ހާސިލުކޮށްފައިވާ ކޯޗެއްގެ ގޮތުގައި ބެކަމްގެ ފްރެންޗައިޒް ކޮންސޯޓިއަމުން ގެނައީ ބާސެލޯނާގެ ކޯޗުކަން ވެސް ކުރިން ކުރި މާޓިނޯ އެވެ.
ފަހުން އެ ޓީމަށް ޖޯޑީ އަލްބާ އާއި ސާޖިއޯ ބުސްކެޓްސް ސޮއި ކުރުވި އެވެ. މާޓިނޯ ވަނީ ބާސެލޯނާގައި އެ ކުޅުންތެރިންނަށް ވެސް ކޯޗުކޮށް ދީފަ އެވެ. ދެން އެ ޓީމަށް ގެނައީ ބާސާގެ ކުރީގެ ފޯވާޑް ލުއިސް ސުއަރޭޒެވެ.
މަޝްހޫރު ކުޅުންތެރިން ގެނައި ނަމަވެސް، މާޓިނޯއަކަށް މާ ބޮޑު ކާމިޔާބެއް ހޯދައި ނުދެވުނެވެ. އެކަމަކު އޭނާ ޓީމުން ވަކި ވަނީ ކާމިޔާބު ހޯދައި ނުދެވި އެކަމުގެ މާޔޫސްކަމުގައެއް ނޫނެވެ. ޓީމުން އިސްތިއުފާން ދޭން އޭނާ ނިންމީ އަމިއްލަ ދިރިއުޅުމުގެ ބައެއް ކަންކަމާ ހުރެ ކަމަށް އޭނާ ބުންޏެވެ.
ހުކުރު ދުވަހު ބާއްވާ ޕްރެސް ކޮންފަރެންސްގައި އޭނާގެ ނިންމުމާ ގުޅޭ އިތުރު ތަފްސީލު މީޑިއާއާ ހިއްސާ ކުރާނެ ކަމަށް، މަޔާމީން ބުންޏެވެ.
އަންނަ ފްބްރުއަރީ މަހާ ހަމައަށް، މަޔާމީ އަށް ދެން މެޗެއް ނެތެވެ. އަންނަ އަހަރު ބާއްވާ ކްލަބް ވޯލްޑް ކަޕްގައި ވާދަ ކުރުމުގެ ދައުވަތު ފީފާއިން ވަނީ އެ ޓީމަށް ދީފަ އެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ކުރިން އެންމެ ފުރަތަމަ ކުރަން ޖެހިފައި އޮތް ކަމަކީ ކޯޗެއް ހޯދުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy