ލޮސް އެންޖެލެސް އަތުން 3-0 އިން އިންޓަ މިޔާމީ ބަލިވި މެޗަށްފަހު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޓަނަލް ތެރޭގައި ރެފްރީންނާ ކުރިމަތިލި މައްސަލަ ބަލައި އޭނާ ކުށްވެރިނުވާ ކަމަށް އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އިން ނިންމައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، މެޗު ނިމުމުން ރެފްރީން ދަނޑުން ފައިބައިގެން ދޮރަކުން ވަންނަނިކޮށް މެސީ ވަނީ އެމީހުންނާ ކުރިމަތިލާފައެވެ. އެ ވަގުތު މިއާމީގެ ފޯވާޑް ލުއިސް ސުއަރޭޒް، މެސީ ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް، މެސީ ވަނީ ސުއަރޭޒްގެ އަތްދަށުން ދެމިގަނެ ރެފްރީން ވަން ދޮރުގެ އެތެރެއަށް ވަދެފައެވެ. ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ އެތަނުން ނުކުމެ ސުއަރޭޒްއާއެކު ޗޭޖިން ރޫމަށް ދިޔަ އެވެ.
މި މައްސަލައާ ގުޅިގެން އެމްއެލްއެސްގެ އޮފިޝަލަކު ދަ ގާޑިއަން އަށް ބުނީ، މެސީ ވަން ސަރަހައްދަކީ ވަނުން މަނާ ސަރަހައްދެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ރެފްރީންގެ ރޫމް ނޫން ކަމަށާއި، ލީގުން އެ ހާދިސާ ރިވިއު ކުރުމަށްފަހު މެސީ އެއްވެސް އުސޫލަކާ ޚިލާފުވެފައިވާކަން ފެންނަން ނެތް ކަމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.
އެމްއެލްއެސްގެ ރެފްރީންގެ ނިންމުންތަކަށް ވަރަށް މެސީ ވަނީ މީގެ ކުރިން ވެސް ފާޑު ކިޔާފަ އެވެ. މެޗުގެ ތެރޭގައި އަދި މެޗަށް ފަހު ރެފްރީންނާ ކުރިމަތިލައިގެން އޭނާއަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މިދިޔަ އަހަރު އޯލަންޑޯ ސިޓީ އަތުން ބަލިވި މެޗަށްފަހު، ރެފްރީންގެ ފެންވަރާމެދު ލީގުން ވިސްނަންޖެހޭ ކަމަށް ބުނެ އޭނާ ވަނީ ފާޅުގައި ފާޑުކިޔާފައެވެ.
އެކަމަކު ރެފްރީންނާ މެދު މެސީގެ އަމަލުތައް އެގޮތަށް ހުރި ނަމަވެސް މިހާތަނަށް ލީގުން އެއްވެސް ފިޔަވަޅެއް އޭނާ އަށް އަޅާފައެއް ނުވެއެވެ. އެމްއެލްއެސްއިން އޭނާ އަށް އަދަބު ދީފައިވަނީ އެހެން ކަންތައްތަކެއްގައެވެ. އެއީ މިދިޔަ އަހަރުގެ މެޗެއްގެ ތެރެއިން ނިއު ޔޯކް ސިޓީގެ އެސިސްޓަންޓް ކޯޗެއްގެ ކަރުގައި ހިފި މައްސަލައިގައި ކުރި ޖޫރިމަނާއަކާއި، އޯލް-ސްޓާ މެޗުގައި ބައިވެރިނުވުމުން ދިން އެއް މެޗުގެ ސަސްޕެންޝަނެކެވެ.