2023 ވަނަ އަހަރުގެ ސީޒަނުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރަނީ: ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައި ދިއުމުގެ ގެއްލުން އެންމެ ބޮޑަށް ކުރިމަތިވަނީ މާޒިޔާ އަށް.
19 ޖެނުއަރީ 2025 - 15:33
ފުޓްބޯޅަ ސީޒަނުގެ އެންމެ މުހިއްމު މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގު ފަށަން މިހާރު މަސައްކަތްކުރަމުން އަންނަނީ ރޯދައިގެ ފަހުން، އޭޕްރިލް 8 ގައި ކަމަށް އެފްއޭއެމުން ބުނެފި އެވެ.
ސީޒަން ފަށަން ހަމަޖެހިފައި ވަނީ މާޒިޔާ އާއި އީގަލްސް ވާދަކުރާ ޗެރިޓީ ޝީލްޑް މެޗުން އަންނަ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ފެބްރުއަރީ 17 ގައި، ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފަށާނެ އެވެ.
ކުރިން ބެލެވިފައި އޮތީ ރޯދައިގެ ކުރިއަށް ލީގު ފަށާނެ ކަމަށެވެ. އެކަމަކު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ނާހިލް އަހްމަދު ސިއްދީގު "މިހާރު" އަށް ވިދާޅުވީ ލީގު ފަށަން މިހާރު ރާވާފައި އޮތީ އޭޕްރިލް މަހު ކަމަށެވެ.
ރޯދައިގެ ފަހުން ލީގު ފަށާ ނަމަ ސީޒަން ވަރަށް ބޮޑަށް ދިގު ދެމިގެންދާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ޖޫން މަހާއި އޮކްޓޫބަރު މަހު ގައުމީ ޓީމަށް އޭޝިއަން ކަޕް ކޮލިފައިން މެޗުތައް އޮތުމުން ލީގު މެދުކަނޑާލަން ޖެހޭނެތީވެ އެވެ. ސާފް ޗެމްޕިއަންޝިޕް ވެސް ޖޫން މަހާއި ޖުލައި މަހު އޮންނާނެ އެވެ. އެ މުބާރާތް ކުރިއަށް ގެންދަނީ ހޯމް އެންޑް އަވޭ އުސޫލުން ކަމުން ލީގު ދިގު މުއްދަތަކަށް މެދުކަނޑާލަން ޖެހޭނެ އެވެ.
ލީގުގައި 10 ޓީމު ވާދަކުރާއިރު، އޭގެ ތެރެއިން މިހާތަނަށް ރަސްމީކޮށް ތައްޔާރުވާން ފެށީ މާޒިޔާ އިންނެވެ. އެ ޓީމުން ވަނީ ސްޕެއިނުގެ ތަޖުރިބާކާރު ކޯޗެއް ގެނެސް ޕްރެކްޓިސް ފަށައިފަ އެވެ. މި މަހު ސީޒަން ފަށާނެ ކަމަށް ބަލައި މާޒިޔާ އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ޕްރީ ސީޒަން ޕްރެކްޓިސް ފެށި އެވެ. އެކަމަކު ސީޒަން ފަށާނެ ވަކި ތާރީހެއް ނޭގޭތީ އެ ޓީމުން ޑިސެމްބަރު މަހު ޕްރެކްޓިސް މެދުކަނޑާލީ އެވެ.
މާޒިޔާ ފިޔަވައި މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި އަނެއް ހަތް ކްލަބަށް މާލީ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ކުޅުންތެރިންނަށް ގަވާއިދުން މުސާރަ ނުދިނުމުގެ މައްސަލަތައް އެ ހަތް ކްލަބަށް ކުރިމަތި ވި އެވެ.
ސީޒަން ނުފެށި ދިގުލައި ދިއުމުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަނީ ވެސް މާޒިޔާ އަށެވެ. ބޮޑު ހަރަދެއްކޮށްގެން ޓީމު ބިނާކޮށް އެ ޓީމުން އޭއެފްސީ ކަޕުގައި ވެސް ވާދަކުރަން ޖެހުނީ ވާދަވެރި ރަނގަޅު މެޗުތަކެއް ނުލިބި އެވެ.
ބޮއްސުންލާފައި އޮތް އެފްއޭއެމް ހަމަޔަކަށް އަޅުވަން ފީފާ އިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އަށް އޮތް އެންމެ ބޮޑު އެއް މަސައްކަތަކީ ވެސް، ރަނގަޅަށް ކުރިއަށް ނުދާތާ ދެ ތިން އަހަރުވެފައިވާ ފުޓްބޯޅަ ސީޒަން ގަވާއިދުން ބާއްވަން ފެށުމެވެ. އެކަމަކު ފައިސާގެ މައްސަލައަކީ އެ ކޮމިޓީ އަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި އެ އެސޯސިއޭޝަނުގައި ކޮރަޕްޝަނުގެ މައްސަލަތައް ގިނަވެ އެތަން އޮތީ ބަނގުރޫޓުވުމާ ގާތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްޔޫމް
20 January 2025
ދިވެހި ފުޓުބޯޅަ ރަނގަޅުނުވެގެން އުޅެނީ ހަމައެކަނި ބައްސާމްގެ ކޮރަޕްޝަންގެ ސަބަބުންނެއްނޫން، ފީފާއިން ދޭ ފައިސާ ނަހަމަގޮތުގަ ވަކި ބަޔަކު ބޭނުންކުރަމުން އަންނަތާ އެތަށްދުވަހެއް، އެކަން ރަނގަޅުނުކޮށް ދިވެހި ފުޓުބޯޅަ ރަނގަޅުވާނެއެއްގޮތެއްވެސް ނޯންނާނަ،
އަޅި އަލީ
19 January 2025
ކުރިއަަށް އޮތް ރޯދަތޯ ! ނޫނީ މިއަންނަ އަހަރުގެ ރޯދަމަސްތޯ! ރޯދަ ގުނަނީ ބަންދުދުވަސް ލައިގެންތޯ!
އޮނަރަބްލް އަފީފު ދީދީ
19 January 2025
ކ.އަތޮޅު މާލެތެރޭގެ ކަންމަތީ ޤުރޫޕް ތަކުން ބާއްވާ މުބާރާތް ތަކުގެ ނަމަށް "ދިވެހި ކީޤާއު" ޤައުމީ އަދި ރާއްޖޭގެ ފަދަ ނަންނަން ލައިގެން ތިޔަ މުބާރާތް ތައް ބޭއްވުމުގެ ބަދަލުގައި ތިރަށުގެ ނަންނަން ތިޔަފަދަ މުބާރާތް ތަކުގެ ނަމަކަށް ބޭނުން ކުރުން ރަނގަޅު. ރާއްޖޭގެ އެހެން އެއްވެސް ރަށެއްގެ އެއްވެސް ޓީމަކަށް ފުރުސަތު ނުތީ ތިރަށު ކަންމަތީ ޤުރޫޕް ތަކަށް ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމް ގެ ފައިސާ ބަހަން ކުރާ ކަންކަމުގައި ޤައުމީ ބޭނުން ކުރާކަށް ނުޖެހޭނެ.
ސަމޭދާން
19 January 2025
މަށަށް ހެޔޮ ޕުރިމިއަލީގު ނުފެށިއަސް. ބޭނުމީ +90.