24 މާޗް 2025 - 12:46
ކްލަބްތަކަށް ފަސޭހަކޮށް ދޭން އިންގްލެންޑްގެ ޓީމުގެ ކުޅުންތެރިން ރޮޓޭޓް ނުކުރާނެކަމަށް ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
ކުރިން ކްލަބްތަކުގައި މަސައްކަތް ކުރި އިރު ޖަރުމަނު ކޯޗުގެ ވިސްނުން ތަފާތެވެ. ގައުމީ ޓީމުގެ ކޯޗުން ކްލަބްތަކަށް ވެސް އެއްބާރުލުން ދިނުމަށް އޭނާ އޭރު ވިސްނުން ގެންގުޅެ އެވެ.
އެކަމަކު ގައުމީ ޓީމާ ހަވާލުވުމަށް ފަހު އޭނާގެ ވިސްނުން ބަދަލުވެއްޖެ އެވެ. އޭނާ ބުނީ މިހާރު އޭނާގެ އިސްކަން ދޭ ކަންކަން ބަދަލުވެފައިވާ ކަމަށެވެ.
އޭނާ ބުނީ ކްލަބްތަކުން ގައުމީ ޓީމާ މެދު ނުވިސްނާ ކަމަށެވެ.
އޭނާ ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލުން ޕީއެސްވީ އަތުން 7-1 ން މޮޅުވި ފުރަތަމަ ލެގް މެޗަށް ފަހު، އަނެއްކާ ދެން ޖެހިގެން އައި މެޗުގައި ވެސް ޑެކްލަން ރައިސް ލައްވާ ކުޅުވި ކަމަށެވެ.
އޭނާ ބުނީ އާސެނަލްއިން އެގޮތަށް ކަންތައް ކުރުމުން ގައުމީ ޓީމާ މެދު ކްލަބްތަކުން ނުވިސްނާކަމުގެ އިހިސާސް ކުރެވުނު ކަމަށެވެ.
"އަހަރެމެންނާ މެދު އެހާ ބޮޑަށް ވިސްނާ ކަމުގެ އިހުސާސެއް އަހަރެންނަށް ނުކުރެވުނު،" ޓުޗެލް ބުންޏެވެ.
އޭނާ ބުނީ ކުޅުންތެރިންގެ ސަލާމަތާ މެދު ވިސްނައި އޭނާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެކަމަކު ގައުމީ ޓީމުގެ މެޗު މުހިންމު ނޫން ކަމުގެ އިހުސާސް ކުޅުންތެރިންނަށް ކުރަން އޭނާ ބޭނުން ނުވާ ކަމަށް، ޖަރުމަނުގެ ގައުމީ ޓީމަށް ވެސް ކުރިން އިރުޝާދު ދިން ކޯޗު ބުންޏެވެ.
"އެކަމަކު ކުޅުންތެރިންނަށް ދެވޭ ގޯސް ސިގުނަލަކަށް ވާނީ؛ ކްލަބްގައި މާ މުހިންމު މެޗެއް އެބައޮތެއް ނޫންހޭ ބުނެ ރެސްޓްކޮށްލާށޭ ބުނުން،" ޓުޗެލް ބުންޏެވެ.
"އަހަރެމެންގެ ކުރިމަތީގައި އޮތީ ކޮލިފައިން މެޗުތައް. އަހަރެމެންނަށް އެންމެ ރަނގަޅު ވާނެ ގޮތަށް އަހަރެމެން ޖެހޭނެ ކަންތައް ކުރަން."
އޭނާ ބުނީ ކްލަބްތަކާ އެކު ގައުމީ ޓީމުން ގުޅުން ދަމަހައްޓާނެ ކަމަށެވެ. އަދި ގައުމީ ސްކޮޑްގައި ތިބި ކުޅުންތެރިންގެ ހާލަތު ކްލަބްތަކާ ހިއްސާ ކުރާނެ ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެން ފަރުވާތެރި ވާނީ ގައުމީ ޓީމާ މެދު. ކްލަބްތައް ފަރުވާތެރި ވާނީ އެ ޓީމުތަކާ މެދު. އެހެންވީމަ ދެބައި މީހުން ވެސް ސަމާލުކަން ދޭން ވާނީ ކުޅުންތެރިންނަށް ފަރުވާތެރިވުމާ މެދު،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާޑިއޯލާ
25 March 2025
މިއުޅެނީ ގަދަ ހަތަރަކަށް ނޭރިގެން. ދެން ކިހިނެތް ކަލެއަށް ކުޅުންތެރިން ދޫކުރާނީ؟ ހާދަ އަވަހަކަށް ކުލަބުތަކުގެ ކޯޗުންގެ އިޙުސާސް ހަދާން ނެތުނީ؟ ފެންވަރު އޮޅުނަސް ބޮޑުވަރު ތީ.
އާޓެޓާ
24 March 2025
ކަލެއަށް ތި މަޤާމްދިން ބަޔަކު ތިބީ ހަމަހޭގަތޯ ފުރަތަމަ ބަލަންވީ..
ޓުޗެލްް
25 March 2025
ކަލޭ ޖެލަސްވީދޯ؟ ކަލޭ އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އާސެނަލް އަކަށް ޕްރިމިއަރ ލީގެއް ނުލިބޭނެ އަދި ކަލެއަށް ސްޕެއިންގެ ކޯޗުކަމެއް ވެސް ނުލިބޭނެ. ދެން ހުރޭ ޖޭވެފަ. ތަށި ނުލިބޭ ހަޖާމްބޭބެ..