ނިއުޒިލެންޑްގެ މިޑްފީލްޑަރު ބާބާސަސް (17) އުފާފާޅު ކުރަނީ: މި ކާމިޔާބު އެންމެ ހާއްސައީ އޭނާ އަށް
25 މާޗް 2025 - 13:33
ފަނަރަ އަހަރަށް ފަހު ނިއު ޒިލެންޑް ވޯލްޑް ކަޕަށް ކޮލިފައި ވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވި ދެވަނަ ގައުމަކީ ރޭ ނިއު ކެލަޑޯނިއާ 3-0 ން ބަލިކޮށް އޭޝޭނިގެ ކޮލިފައިން ބުރުން އެއްވަނަ ހޯދި ނިއު ޒިލެންޑެވެ. މިދިޔަ ހަފުތާގައި ޖަޕާން ވަނީ ވޯލްޑް ކަޕަށް ކޮލިފައިވެ، މުބާރާތަށް ކޮލިފައިވި ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިފަ އެވެ.
ނިއު ޒިލެންޑުން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ 2010ގައި ދެކުނު އެފްރިކާގައި ބޭއްވި މުބާރާތުގަ އެވެ.
ރާއްޖޭގެ ކުރީގެ ކޯޗު ރިކީ ހާބަޓް، އޭރު ކޯޗުކޮށް ދިން ޓީމުން އެ ފަހަރު މުބަރާތުގައި ވަރުގަދަ އިޓަލީއާ ވެސް އެއްވަރު ކުރި އެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަކީ 48 ގައުމަށް ފުރުސަތު ދީގެން ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ. މީގެ ކުރިން ވޯލްޑް ކަޕްގެ ސީދާ ޖާގައެއް އޯޝޭނިއާ ސަރަހައްދުގެ ޓީމުތަކަށް ނުލިބެ އެވެ. އެ ބައްރުގެ އެއްވަނަ ހޯދާ ޓީމަށް ޖެހޭނީ އިންޓަ ކޮންޓިނެންޓަލް ކޮލިފައިންގައި ކުޅޭށެވެ.
މިހާރުގެ ފޯމެޓްގައި އޯޝޭނިއާގެ އެއްވަނަ ހޯދާ ޓީމަށް ސީދާ ޖާގަ ލިބޭނެ އެވެ. މިހާރު ދެވަނަ ޓީމު ދާނީ އިންޓަ ކޮންފެޑެރޭޝަން ކޮލިފައިން މަރުހަލާއަށެވެ.
ނިއު ޒިލެންޑްގެ މި ކާމިޔާބު އެންމެ ހާއްސަވީ އުމުރުން 35 އަހަރުގެ މިޑްފީލްޑަރު ކޮސްޓާ ބާބާސަސް އަށެވެ.
ހާބަޓް އޭރު ނެގި ޓީމުން ބާބާސަސް އަށް ފުރުސަތެއް ނުދެ އެވެ.
"މިއީ ވޯލްޑް ކަޕަށް ދެވެތޯ އަހަރެން މަސައްކަތް ކުރާ ފަސްވަނަ ފަހަރު. އެހެންވީމަ އަހަންނަށް ވަރަށް އިމޯޝަނަލް ވަގުތެއް މިއީ. ވަރަށް ބޮޑަށް އުފާވެރިކަން އިހްސާސް ކުރެވޭ. މިދިޔަ 15 އަހަރުގެ ހަންދާންތައް އަހަރެން މި އާ ކުރަނީ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy