ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން

އެމެރިކާ ބަލިކޮށް ކޮސްޓަ ރިކާ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފަށް

ޕީއެސްޖީ އަށް ކުޅޭ ކޮސްޓަ ރިކާގެ ކެޕްޓަން އަދި ގޯލްކީޕަރު ކައިލާ ނަވާސް، 35، މިއަދުގެ މެޗަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ސެން ހޯސޭ، ކޮސްޓަ ރިކާ (މާޗް 31) - އުތުރު އެމެރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން ފަހު މެޗުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި އެމެރިކާގެ މައްޗަށް 2-0 އިން ކުރިހޯދައި، އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފުން ކޮސްޓަ ރިކާ ޖާގަ ހޯދައިފި އެވެ.

ރާއްޖޭ ގަޑިން މިއަދު ހެނދުނު ކުޅުނު މެޗުގައި ކޮސްޓަ ރިކާގެ ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 51 ވަނަ މިނިޓުގައި ހުއާން ޕަބްލޯ ވާގަސް ޖެހިއިރު ދެވަނަ ލަނޑު 59 ވަނަ މިނިޓުގައި ޖެހީ އެންތަނީ ކޮންޓްރިރާސް އެވެ.

މި މެޗުގައި ކޮސްޓަ ރިކާ އިން އިތުރު ހަތަރު ގޯލު ޖަހައި، ހަ ގޯލުގެ ތަފާތަކުން މޮޅުވެގެން އެޓީމަށް ތިންވަނައިގައި ވޯލްޑް ކަޕުން ޖާގަ ހޯދުމުގެ ފުރުސަތު އޮތެވެ. މޮޅާ އެކު ވެސް އެޓީމު އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފުން ޖާގަ ހޯދީ އަށް ޓީމު ވާދަކުރާ ކޮންކާކަފް ކޮލިފައިން ތިންވަނަ ބުރުގެ ހަތަރު ވަނަ ހޯދައިގެންނެވެ. އެޓީމު ވަނީ ކުޅުނު 14 މެޗުން 25 ޕޮއިންޓް ހޯދައި، ތިންވަނައިގައި ނިންމި އެމެރިކާއާ އެއްވަރު ކޮށްފަ އެވެ. ނަމަވެސް އެމެރިކާ އަށް ކުރި ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ކޮލިފައިންގެ ތިންވަނައިގައި ނިންމި އެމެރިކާ އާއި، ދެވަނަ ހޯދި މެކްސިކޯ ވެސް ވަނީ ވޯލްޑް ކަޕުގެ ޖާގަ ޔަގީން ކޮށްފަ އެވެ. މެކްސިކޯ ވަނީ އަމިއްލަ ދަނޑުގައި އެލް ސަލްވަޑޯ 2-0 އިން މިއަދު ބަލިކޮށްފަ އެވެ. މެކްސިކޯގެ ފުރަތަމަ ލަނޑު 17 ވަނަ މިނިޓުގައި ޖެހީ އުރިއެލް އަންޓޫނާ އެވެ. އަދި ހާފު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ލަނޑު ޖަހައިދިނީ ރައުލް ހިމެނޭޒް އެވެ. މި ނަތީޖާއާ އެކު މެކްސިކޯ ދެވަނަ ހޯދީ ކުޅުނު 14 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.

ކޮންކާކަފް ކޮލިފައިން އިން އެންމެ ފުރަތަމަ ވޯލްޑް ކަޕުގެ ޖާގަ ހޯދީ ކެނެޑާ އެވެ. ކެނެޑާ އަށް ވެސް ލިބިފައި ވަނީ ދެވަނައިގައި ނިންމި މެކްސިކޯއާ އެއްވަރަށް 28 ޕޮއިންޓެވެ. ނަމަވެސް 36 އަހަރު ފަހުން ވޯލްޑް ކަޕުން ޖާގަ ހޯދި ކެނެޑާ އަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ކޮލިފައިންގައި ބާކީ އެއް މެޗު ކުޅެން އޮއްވައި ކެނެޑާ އިން ވޯލްޑް ކަޕުގެ ޖާގަ ޔަގީންކުރި ނަމަވެސް އެންމެ ފަހު މެޗުގައި މިއަދު ޕެނަމާއާ ވާދަކޮށް 1-0 އިން ވަނީ ބަލިވެފަ އެވެ.

ޕްލޭއޮފުގައި ކޮސްޓަ ރިކާ، ނިއު ޒިލެންޑާ ދެކޮޅަށް

އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގައި ކޮސްޓަ ރިކާ ވާދަކުރަން ޖެހޭނީ އޯޝޭނިއާ ބައްރުގެ ކޮލިފައިން ފައިނަލް ކާމިޔާބުކުރި ނިއު ޒިލެންޑާ ދެކޮޅަށެވެ. ނިއު ޒީލެންޑް ވަނީ ރޭ ފައިނަލުގައި ސޮލޮމަން އައިލެންޑްސްއާ ވާދަކޮށް 5-0 އިން މޮޅުވެފަ އެވެ. ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ ކްރިސް ވުޑްގެ އިތުރުން ޖޯ ބެލް އާއި މެތިއު ގާބެޓް ނިއުޒިލެންޑަށް ލަނޑު ޖަހައިދިންއިރު، ބިލް ޓިއުލިމޯ ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ.

ނިއުކާސަލް އަށް ކުޅޭ ނިއު ޒީލެންޑުގެ ވައިސް ކެޕްޓަން ވުޑް، އިދިކޮޅު ކުޅުންތެރިއެއް ކައިރިން ނައްޓަން ރޭ މަސައްކަތްކުރަނީ. ރޭގެ މެޗުގައި ކެޕްޓަންކަން ކުރީ އޭނާ. -- ފޮޓޯ: ގެޓީ އިމޭޖަސް

ދެކުނު އެމެރިކާ (ކޮންމެބޮލް) ގެ ޕެރޫ ވެސް ވަނީ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގެ ޖާގައެއް ހޯދައިފަ އެވެ. ޖުމްލަ 10 ޓީމު ވާދަކުރާ ކޮނެމެބޮލް ކޮލިފައިން ފަހު ބުރުގެ ފަސްވަނަ ހޯދައިގެން ޕެރޫ ޕްލޭއޮފުން ޖާގަ ހޯދީ އެންމެ ފަހު މެޗުގައި ޕެރަގުއޭ ބަލިކޮށްފަ އެވެ. ކޮލިފައިންގެ ގަދަ ހަތަރު ޓީމު ކަމަށްވާ އާޖެންޓީނާ އާއި ބްރެޒިލްގެ އިތުރުން އުރުގުއޭ އާއި އިކުއެޑޯ ވަނީ ވޯލްޑް ކަޕުން ޖާގަ ޔަގީން ކޮށްފަ އެވެ.

އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފްގައި ޕެރޫ ވާދަކުރާނީ އޭޝިއާ ބައްރުގެ ކޮލިފައިން ހަތަރުވަނަ ބުރުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އޭޝިއާގެ ހަތަރުވަނަ ބުރުގައި ވާދަކުރާނީ، ދެ ގުރޫޕަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ ތިންވަނަ ބުރުގެ ގުރޫޕްތަކުގެ ތިންވަނަ އަށް ހޮވުނު ޔޫއޭއީ އާއި އޮސްޓްރޭލިއާ އެވެ.

އޭޝިއާ ކޮލިފައިން ތިންވަނަ ބުރުގެ ފުރަތަމަ ގުރޫޕުން ވޯލްޑް ކަޕަށް ކޮލިފައިވީ އިރާނާއި ދެކުނު ކޮރެއާ އެވެ. އަދި ދެވަނަ ގުރޫޕުގެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަތަރު ވޯލްޑް ކަޕުން ޖާގަ ހޯދީ ސައުދީ އަރަބިއްޔާ އާއި ޖަޕާނެވެ.

އޭޝިއަން ކޮލިފައިން ހަތަރުވަނަ ބުރުގައި ޔޫއޭއީ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗާއި، އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް ދެ މެޗު ވެސް ކުޅޭނީ އަންނަ ޖޫން މަހު އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454