ރެނަލްޑްސް އާއި މެކްއެލްހެނީ ރޭގެ މެޗުގައި ޓީމަށް ސަޕޯޓް ކުރަނީ.--
27 އެޕްރީލް 2025 - 09:47
ހޮލީވުޑްގެ ތަރިން ކަމަށްވާ ރޮބް މެކްއެލްހެނީ އާއި ރަޔަން ރެނަލްޑްސްގެ ހިއްސާ އޮންނަ ވޭލްސްގެ ރެކްސްހެމް، އިނގިރޭސި ޗެމްޕިއަންޝިޕަށް ޕްރޮމޯޓް ވެއްޖެ އެވެ.
ރެކްސްހެމް ޗެމްޕިއަންޝިޕަށް ޕްރޮމޯޓް ވީ މި ސީޒަނުގެ އިނގިރޭސި ލީގު ވަންގެ ދެ ވަނަ ޔަގީން ކޮށްގެންނެވެ. ދެ ވަނަ ޔަގީން ކުރީ ރޭ 3-0 އިން ޗާލްޓަން އެތުލެޓިކް ބަލިކޮށްގެންނެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާމިންހަމް ވަނީ ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ.
މިއީ އެ ޓީމުން ޖެހިޖެހިގެން ޕްރޮމޯޝަން ހޯދި ތިން ވަނަ ފަހަރެވެ. އަދި މިއީ 1888 އިން ފެށިގެން އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައި ވެސް ޓީމަކުން ޖެހިޖެހިގެން ތިން ޕްރޮމޯޝަން ހޯދި ފުރަތަމަ ފަހަރެވެ. ރެކްސްހެމްގެ އަމާޒު ދެން އޮތީ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމެވެ.
"އަހަރެމެންގެ ޓާގެޓަކީ ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުން. ފުރަތަމަ [ފެބްރުއަރީ 2021 ގައި] ކްލަބް ގަތް އިރު މިއީ ވަރަށް ބޮޑު ހުވަފެނަކަށް ވެފައި އޮތީ،" މެކްއެލްހެނީ އާއެކު 2.5 މިލިއަން ޑޮލަރަށް ރެކްސްހެމް ގަތް ރެނަލްޑްސް ބުންޏެވެ.
ދެ ތަރިން ވެގެން އެ ކްލަބް ގަނެގެން ތިންވަނަ ސީޒަނުގައި، 2023 ވަނަ އަހަރު ވަނީ ފަސް ވަނަ ޑިވިޝަން ކަމަށްވާ ނެޝެނަލް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއަށް ފަހު މިދިޔަ ސީޒަނުގައި އިނގިރޭސި ލީގި ޓޫގެ ދެ ވަނަ ހޯދައި ލީގު ވަން އަށް އޮޓަމެޓިކް ޕްރޮމޯޝަން ހޯދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy