އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭއޮފް ސެމީ ފައިނަލްގައި މިޑްލްސްބަރާ އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗުގެ ކުރިން، މިޑްލްސްބަރާގެ ފަރިތަކުރުންތަކަށް ސައުތެމްޕްޓަނުން ޖާސޫސްކުރި ކަމަށް ބުނާ މައްސަލައެއް ހޫނުވެއްޖެ އެވެ.

މި ހާދިސާއާ ގުޅިގެން އިނގިރޭސި ދެވަނަ ޑިވިޝަނުން މިހާރު ވަނީ ސައުތެމްޕްޓަނުގެ މައްސަލަ ބަލަންފަށާފަ އެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން، ސައުތެމްޕްޓަންގެ އެނަލިސްޓަކު ވަނީ މިޑްލްސްބަރާގެ ރޮކްލިފް ޕާކް ޓްރޭނިން ގްރައުންޑަށް ވަދެ، އެ ޓީމުގެ ފަރިތަކުރުންތައް ސިއްރުން ވީޑިއޯކޮށް އޯޑިއޯ ވެސް ރެކޯޑްކޮށްފަ އެވެ. މި މައްސަލައިގައި މިޑްލްސްބަރާގެ ކޯޗު ކިމް ހެލްބާގް އެކަން ސިފަ ކުރީ ސައތު ހެމްޓަނުން މަކަރު ހެދުން ކަމަށެވެ. 

މި ހާދިސާ ފަޅާއެރުމާއެކު، ޗެމްޕިއަންޝިޕްގެ އެހެން ބައެއް ކްލަބްތަކުން ވެސް ވަނީ ސައުތެމްޕްޓަނާ މެދު ޝައްކުތަކެއް އުފައް ދާފަ އެވެ.

އެހެން ކްލަބްތަކުން ތުހުމަތުގެ އިނގިލި ސައުތެމްޓަނާ މެދު އަމާޒު ކުރީ ސީޒަނުގެ ފަހުކޮޅު އެ ޓީމުން ބަލިނުވެ 19 މެޗު ހަމަކުރުމުގައި މަކަރެއް ހަދާފައި އޮވެދާނެކަމަށް ބެލެވޭތީ އެވެ.

އިދިކޮޅު ޓީމުތަކުގެ ރޭވުންތަކާއި ސެޓް ޕީސްތައް އެ ޓީމަށް މާ ފަސޭހައިން އެނގޭ ކަމުގެ ކަންބޮޑުވުން އެހެން ކްލަބްތަކުން ވަނީ ފާޅުކޮށްފަ އެވެ. ބައެއް ކްލަބްތަކުން މިހާރު ދަނީ އެ ކްލަބްތަކުގެ ގެ ޓްރޭނިން ގްރައުންޑްތަކުގެ ސީސީޓީވީ ފުޓޭޖްތައް އަލުން ޗެކްކޮށް، ސައުތެމްޕްޓަނުން އެހެން ޓީމުތަކަށް ވެސް ޖާސޫސްކޮށްފައިވޭތޯ ބަލަމުންނެވެ އެވެ.

ސައުތެމްޕްޓަނުން މި މައްސަލައިގައި އީއެފްއެލް އަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މިޑްލްސްބަރާގެ އަތުގައި މިކަމުގެ ވަރުގަދަ ހެކި އެބަހުރިކަމަށް އިނގިރޭސި މީީޑިއާތަކުން ބުންޏެވެ. އިނގިރޭސި ފުޓްބޯޅައިގެ އެނަލިސްޓުން ބުނަނީ ސައުތެމްޕްޓަނުގެ ވަކިވަކި އޮފިޝަލުން މި މި މައްސަލަ އަށް އިއުތިރާފްވުން ގާތް ކަމަށެވެ. އަދި އެއީ ކްލަބުގެ އެނގުމެއް ނެތި، އަމިއްލައަށް ކުރި ކަމެއް ސާބިތުކޮށްދޭން އުޅެފާނެ ކަމަށް އެނަލިސްޓުން ބުންޏެވެ. 

މީގެ ކުރިން 2019 ވަނަ އަހަރު ލީޑްސް ޔުނައިޓެޑުން ޑާބީ ކައުންޓީ އަށް ޖާސޫސްކުރި މައްސަލައިގައި ކުރީ ހަމައެކަނި ޖޫރިމަނާއެކެވެ. ނަމަވެސް، ފަހުން ގަވާއިދު މުރާޖާކޮށް، އެފަދަ މައްސަލަތަކުގައި ޕޮއިންޓް އުނިކުރުމާއި މުބާރާތުން ވަކިކުރުމުގެ ބާރު އީއެފްއެލް އަށް ވަނީ ލިބިދީފަ އެވެ.

ޕްރިމިއާ ލީގަށް ޖާގަ ލިބުމަކީ ގާތްގަނޑަކަށް 220 މިލިއަން ޕައުންޑްގެ އާމްދަނީއެއް ލިބޭނެ ކަމެކެވެ. އެހެންވެ ހަމައެކަނި ޖޫރިމަނާއަކުން ނުފުދޭނެ ކަމަށް ކޯޗު ހެލްބާގް ބުންޏެވެ. 

އޭނާ ވަނީ 2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ކެނެޑާގެ އަންހެން ޓީމުން ޖާސޫސްކުރުމުން އެމީހުންގެ ޕޮއިންޓް އުނިކޮށް، ކޯޗުން ސަސްޕެންޑްކުރި ހާދިސާއަށް އިޝާރާތްކޮށް، ސައުތެމްޕްޓަނަށް ވެސް އެފަދަ ހަރުކަށި އަދަބެއް ދިނުމަށް ގޮވާލާފަ އެވެ.

މި މައްސަލައިގައި މިޑްލްސްބަރާ އާއި ސައުތެމްޕްޓަން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު މާދަމާ ރޭ އޮންނާނެ އެވެ އެވެ.