20 މެއި 2025 - 09:40
އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ގެރީ ލިނެކާ، ޔަހޫދީންނާ މެދު ނަފުރަތު އުފެދޭ ފަދަ މަންޒަރެއް ހިމެނޭ ޕޯސްޓެއް ސޯޝަލް މީޑިއާގައި ބޭނުންކުރުމުން ދިމާވި މައްސަލައިގައި، ބީބީސީގައި އަދާކުރާ ވަޒީފާ އިން ވަކިވާން ނިންމައިފި އެވެ.
ލިނެކާ އަކީ އިނގިރޭސި ޕަބްލިކް ސާވިސަސް ބްރޯޑްކާސްޓަރު ކަމަށްވާ ބީބީސީގެ އެންމެ ބޮޑު މުސާރަ ލިބޭ ސްޕޯޓްސް ޕްރެޒެންޓަރެވެ. ބީބީސީ އިން ބުނީ އަންނަ ހޮނިހިރު ދުވަހު އިނގިރޭސި ފުޓްބޯޅަ ސީޒަން ނިމުމާ އެކު ލިނެކާގެ ވަޒީފާ ވެސް ނިމުމަކަށް އަންނާނެ ކަމަށެވެ. މާނައަކީ އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ކަވަރޭޖުން ވެސް އޭނާ ނުފެނުމެވެ.
މި މައްސަލަ އުފެދުނީ، ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ވަކި ދައުލަތެއް އުފައްދަން ޖެހޭ ކަމަށް ގަބޫލުކުރާ ސިޔާސީ ވިސްނުން ކަމަށްވާ ޒަޔަނިޒަމްއާ ގުޅޭ ގޮތުން ލިނެކާ އިންސްޓަގްރަމް އަށް ލީ ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި މީދަލެއްގެ ކުރެހުން ހިމެނޭއިރު، މީދަލަކީ ނާޒީ ޖަރުމަނުގައި ޔަހޫދީންނާ ދެކޮޅަށް ނަފުރަތު އުފައްދަން ބޭނުންކުރި އެއްޗެކެވެ.
ލިނެކާ އަކީ އަބަދުވެސް ފަލަސްތީނު ރައްޔިތުންނާ މެދު އިޒްރޭލުން އަމަލުކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މީހެކެވެ. އޭގެ ސަބަބުން އޭނާ އަކީ ޒަޔަނިޒަމްއާ ދެކޮޅު މީހެއް ކަމަށް އެއް ބަޔަކު ސިފަކުރެ އެވެ. ލިނެކާ ބުނީ ޔަހޫދީންނާ އޭނާއާ ދެކޮޅުވެރިކަމެއް ނެތް ކަމަށާއި، ދުވަހަކު ވެސް އޭނާ އަށް އެނގިގެން، ޔަހޫދީންނާ މެދު ނަފުރަތު އުފެދޭ އެއްޗެއް ނުލާނެ ކަމަށެވެ. އަދި ފަހުން އޭނާ ބުނީ އެ ޕޯސްޓުގައި ޔަހޫދީންނަށް ނަފުރަތު އުފެދޭ ފަދަ ކުރެހުމެއް ހިމެނޭކަން ނޭގޭ ކަމަށެވެ.
"އަހަންނަށް ހެދުނު ގޯސް ބަލައިގަންނަން. އަދި އެކަމަށް މައާފަށް ވެސް އެދެން. ވަޒީފާ އިން ދުރަށް ދިއުން މިއީ އެކަމަށް ޒިންމާވެ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރަން،"
ލިނެކާގެ ބައެއް ވިސްނުންތަކާ ހެދި މީގެ ކުރިން ވެސް މައްސަލަތައް ނުކުމެފައިވެ އެވެ. އެގޮތުން 2023 ވަނަ އަހަރު އޭނާ، އެ ގައުމުގެ ސަރުކާރުގެ އާ އެސައިލަމް ސިޔާސަތަށް ފާޑުކިޔުމާ ގުޅިގެން، ބީބީސީ އިން އޭނާ ވަގުތީ ގޮތުން ސަސްޕެންޑްކުރި އެވެ.
ކުދި ބޯޓުތަކުގައި ރެފިއުޖީން އިނގިރޭސި ކަނޑުއޮޅި ހުރަސްކުރުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެ، އެސައިލަމް ސިޔާސަތު އިއުލާންކުރައްވަން އެ ގައުމުގެ ހޯމް މިނިސްޓަރު ސުއެލާ ބްރޭވްމަން ދެއްކެވި ވާހަކަތަކައް، ލިނެކާ ވަނީ، އެޑޮލްފް ހިޓްލަރުގެ ނާޒީ ޖަރުމަނުގެ ސިޔާސަތުތަކާ އެއްގޮތްކޮށްފަ އެވެ. ލިނެކާ ކުރި ޓްވީޓެއްގައި ބުނީ، އެފަދަ ބަސްމަގެއް ބޭނުންކޮށްގެން، ސަރުކާރުން އިއުލާންކުރި އާ ސިޔާސަތަކީ، ދުނިޔޭގެ އެންމެ ނިކަމެތި އިންސާނުންނާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.
އިނގިރޭސި ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިންގާ ބީބީސީ އިން ބުނީ، އެތަނުގެ ޕްރެޒެންޓަރަކު، ސިޔާސީ ގޮތުން ވަކި އަތަކަށް ޖެހިގެން ނުވާނެ ކަމަށާއި އޭނާގެ ޓްވީޓް، އެ އެތަނުގެ އުސޫލުތަކާ ހިލާފު ކަމަށެވެ. އިންގްލެންޑް ގައުމީ ޓީމަށް 1984 އިން 1992 އަށް 80 މެޗު ކުޅެދީ 48 ގޯލް ޖެހި ލިނެކާ އަކީ އަބަދުވެސް، ރެފިއުޖީންނަށް މަރުހަބާ ކިޔަން ބާރު އަޅާ މީހެކެވެ. ލިނެކާ ވަނީ އޭނާގެ ގޭގައި ރެފިއުޖީން ބައިތިއްބައި ނަމޫނާ ވެސް ދައްކައިފަ އެވެ. އަދި އަބަދުވެސް އިނގިރޭސި ސަރުކާރުގެ ރެފިއުޖީ ސިޔާސަތާ ދެކޮޅަށް ވާހަކަ ދައްކަ އެވެ.
އިންގްލެންޑުގެ ލެސްޓާ ސިޓީ އާއި އެވަޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ފޯވާޑް ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ. އޭނާ އަކީ 1980ގެ އަހަރުތަކުގައި ކުޅުނު އިނގިރޭސި ކުޅުންތެރިންގެ ތެރެއިން، ފުޓްބޯޅަ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
20 May 2025
މި ޔަހޫދީން ނޫނީ މާމަތީ އިންސާނީ ހައްގެއް ލިބިގެންވާބައެއްނެތް. މި މީހުން އެހެެންމީހުންނަށް ކޮންމެ ކަމެއްކުރިއަސް އެއީ ނަފްސުގެ ދިފާއުގައި ކުރާކަމެއް. ކިހާބޮޑު ކަމެއް. ޑިމޮކްރަސީ ގިރައިގެން ބޯންވީނު
ޑިމޮކުރަސީއަމާ
20 May 2025
މި މޮޅު ޑިމޮކްރަސީގަ ވެސް އެމީހަކު އަމިއްލަ ހިޔާލު ވެސް ފާޅު ނުކުރެވޭ ޔަހޫދީންނާ ދެކޮޅަށް ވިއްޔާ. އަހަރުމެން ދެކުނީމު ތި ބީބީސީ އިން އިރާގުގަ ނުރައްކާތެރި ކެމިކަލް ހަތިޔާރު ހުރިޔެޢްކިޔައިގެން ދޮގު ހަބަރު ފެތުރިތަން ވެސް. އެކަމު އެބުނާ ހަތިޔާރެއް ކަލޭމެން އަރައިގެން ވެސް ނުހޯދުން. އެވާހަކަ ދެއްކި މީހުން ވަޒީފާ އެއްވެސް ނުގެއްލޭ. އެކަމަކު ޔަހޫދީން އެންމެގެ ލޯ ކުރިމަތީގަ ގަތުލުއާމް ހިންގާ އިރު އެކަމާ ދެކޮޅަށް ބަހެއް ބުނީމަ ވަޒީފާ ގަނޑު ގެއްލުނީ
ޑޯބީ
20 May 2025
ރަނގަޅަށް ތިހެދީ