01 ޖުލައި 2025 - 08:58
ޗާލޮޓް (ޖުލައި 1) - އުމުރުން 40 އަހަރުގެ ޑިފެންޑަރު ތިއާގޯ ސިލްވާގެ ކެޕްޓަންކަމުގައި ކުޅޭ ބްރެޒިލްގެ ފްލުމިނޭސީ އިން 2-0 އިޓަލީގެ އިން އިންޓަ މިލާން ބަލިކޮށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފްލުމިނޭސީ ވަނީ ރޭ ކުޅުނު މެޗުގެ ތިން ވަނަ މިނިޓުގައި ގޯލެއް ޖަހައި، ޗެމްޕިއަންސް ލީގު ފައިނަލިސްޓް އިންޓަ ސިއްސުވާލައިފަ އެވެ. މި ގޯލު ޖަހައިދިނީ ޖާމަން ކޭނޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ފްލުމިނޭސީ ދެ ވަނަ ހާފުގައި ލީޑު ފުޅާ ކުރި ގޯލު ޖަހައިދިނީ ހާކިއުލީސް އެވެ. އޭނާ މި ލަނޑު ޖެހީ 90 މިނިޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގަ އެވެ.
ބައިކޮޅަށް ގޯލެއް ނުވަދެ ފްލުމިނޭސީން މޮޅުވި މި މެޗުގައި ތިއާގޯ ސިލްވާ ވަނީ އިންޓަގެ ނުރައްކާތެރި އަށް ބޯޅަ ކްލިއާ ކޮށްލައިފަ އެވެ. މިއީ މެޗުގެ ޖޮއިންޓް ރެކޯޑެކެވެ.
"ޓީމުގެ ކުޅުންތެރިންނާ މެދު ފަހުރުވެރި ވަން. އިންޓަ އަކީ މަހެއް ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް ކުޅުނު ޓީމެއް، މޮޅު މި ވެވުނީ އުނދަގޫ މެޗަކުން،" ކުރިން އޭސީ މިލާނާއި ޕީއެސްޖީ އަދި ޗެލްސީ އަށް ވެސް ކުޅުނު ޑިފެންޑަރު ސިލްވާ ބުންޏެވެ.
"މިއަދު މިއީ ފުޓްބޯޅަ ކުޅެން މާ ހޫނު ދުވަހެއް. އެކަމަކު ފްލުމިނޭސީ މިއީ ބޮޑު ޓީމެއް. ވަރަށް ރަނގަޅަށް ކުޅުނު މި އެންމެން. އިންޓައާ ދެކޮޅަށް 2-0 އިން މޮޅުވުމަކީ ފަސޭހަ ކަމެއް ނޫން. މީގެ 10 ދުވަސް ކުރިން އަހަރެންނަށް ހޭމްސްޓްރިންގް އަނިޔާއެއް ވެސް ލިބުނު. އަހަރެންނަށް ވެސް ކުޅެން އުނދަގޫވި، އެކަމަކު އަހަރެމެންގެ މެޑިކަލް ޓީމާ މެދުވެސް ފަހުރުވެރިވަން."
ފްލުމިނޭސީ ވަނީ ކްލަބް ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ތިން ކްލީންޝީޓް ނަގައިފަ އެވެ. ގުރޫޕް ސްޓޭޖުގައި އެ ޓީމު ކޮޅަށް ލަނޑެއް ޖެހުނީ އުލްސާން އެޗްޑީއަށެވެ. ބޮރޫޝިއާ ޑޯޓްމަންޑާއި މަމެލޯދީ ސަންޑައުންސް އަށް ލަނޑެއް ނުޖެހެ އެވެ.
އިންޓަގެ ކޯޗު ކްރިސްޓިއަން ކީވޫ ބުނީ، ފޯމޭޝަން ބަދަލު ކޮށްގެން ވެސް މެޗުން މޮޅުވާން ގިނަ ގޮތްގޮތުން މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް، ކާމިޔާބު ނުވި ކަމަށެވެ.
ފްލުމިނޭސީ އަކީ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރު ބްރެޒިލް ކްލަބްގެ ތެރެއިން ކުއާޓާ އަށް ދަތުރު ކުރި ދެ ވަނަ ޓީމެވެ.
ކުއާޓާއިން ޖާގަ ހޯދި ފުރަތަމަ ބްރެޒިލް ޓީމަކީ، ގަދަ 16 ގައި ހަމަ އެ ގައުމުގެ ބޮޓަފޯގޯ ބަލިކުރި ޕަލްމެއިރާސް އެވެ. ޕަލްމެއިރާސް ކުއާޓާގައި ކުޅޭނީ ޗެލްސީއާ ދެކޮޅަށެވެ.
ދެން ވާދަކުރި ފްލަމެންގޯ ވަނީ ބެޔާން މިއުނިކް އަތުން 4-2 އިން ބަލިވެފަ އެވެ. ބެޔާން ކުއާޓާގައި ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.
ފްލުމިނޭސީ ކުއާޓާ ފައިނަލްގައި ބައްދަލުކުރާނީ މެންޗެސްޓާ ސިޓީ ބަލިކޮށް ކުއާޓާ އިން ޖާގަ ހޯދި ސައޫދީ އަރަބިއްޔާގެ އަލް ހިލާލްއާ އެވެ.
ދެން އޮތީ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ގެ ފަހު ދެ މެޗެވެ. މިރޭ 12 ޖަހާއިރު ރެއާލް މެޑްރިޑާއި ޔުވެންޓަސް ބައްދަލު ކުރާ މެޗަށް ފަހު، މާދަމާ ހެނދުނު 6 ޖަހާއިރު ފަހު މެޗުގައި ބައްދަލުކުރާނީ ޑޯޓްމަންޑާއި މެކްސިކޯގެ މޮންޓެރޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމާދޭ
01 July 2025
އަލް ހިލާލުން ސިޓީ ބަލި ކުރުމުން ރޮނާލްޑޯ އެ ބުނާ ވާހަކަ އެބަ ގަބޫލުކުރެވޭ. ސައުދީ ލީގަކީ ޔޫރަޕްގެ މަސްހޫރު ލީގުތަކާ އެއްފެންވަރުގައި ހިފަހައްޓާ ލީގެއް