03 ޖުލައި 2025 - 08:35
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު އިއްޔެ ކުޅުނު މެޗުން ގުއާމް އަތުން 3-0 އިން ބަލިވެއްޖެ އެވެ.
ދުނިޔޭގެ 97 ވަނައިގައި އޮތް ގުއާމް، އިއްޔެ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގަ އެވެ. މެޗުގެ 56 ވަނަ މިނިޓުގައި ދެ ވަނަ ލަނޑު ޖެހި އިރު 75 ވަނަ މިނިޓުގައި ތިން ވަނަ ލަނޑު ވެސް ޖަހާފައި ވަނީ ރެބެކާ ބާޓޯޝް އެވެ.
ގުއާމުން 26 ކޯނަރު ހޯދި މި މެޗުގައި ރާއްޖޭގެ ގޯލްކީޕަރު އާމިނަތު ލީޒާ ވަނީ ނުރައްކާތެރި 10 ހަމަލާއެއް މަތަކޮށްފަ އެވެ.
ދުނިޔޭގެ ރޭންކިންގެ 163 ވަނައިގައި އޮތް ރާއްޖެ ކޮލިފައިންގެ ފުރަތަމަ މެޗުގައި ވަނީ، ގުރޫޕްގެ ފޭވަރިޓުން ކަމަށްވާ ވިއެޓްނާމާ ދެކޮޅަށް ކުޅެ 7-0 އިން ބަލިވެފަ އެވެ. އެންމެ ފަހުން ބޭއްވި އަންހެނުންގެ ވޯލްޑް ކަޕް 2023 ގައި ކުޅުނު ވިއެޓްނާމް ވަނީ 2021 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި 16-0 އިން ރާއްޖެ ބަލިކޮށްފަ އެވެ.
މި ގުރޫޕްގައި ހިމެނޭ ޔޫއޭއީ ވަނީ އިއްޔެ 6-0 އިން ވިއެޓްނާމް އަތުން ބަލިވެފަ އެވެ. ވިއެޓްނާމް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދާފައި ވާއިރު، ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ގުއާމެވެ. ޔޫއޭއީއަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
ރާއްޖެ ކުޅޭ ގުރޫޕްގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ޔޫއޭއީއާ ދެކޮޅަށް ނުކުންނާނެ އެވެ.
އަންހެން ފުޓްބޯޅަ ލީގެއް ނެތް ރާއްޖޭގެ އަންހެން ގައުމީ ޓީމާ މިވަގުތު ހަވާލުވެ ހުރީ ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ. އާތީ ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން އަންހެން ގައުމީ ޓީމުގެ ކޯޗުކަން ކޮށްފަ އެވެ. މިފަހަރު އޭނާ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ މެއި މަހު އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވަނީ، މަހުގެ 26 ގައި ބާއްވާ އިންތިހާބަށް ފަހު، އަލަށް ހަވާލުވާ އެކްސްކޯ އިން އެއް އަހަރުގެ ތެރޭގައި އަންހެން މުބާރާތެއްގެ އޮނިގަނޑު އެކުލަވާލައި ކޮންގްރެސް އަށް ހުށަހަޅައި ފާސްކުރަން ޖެހޭ ގޮތަށް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭންބޭސް
03 July 2025
ހެޑްލައިން ގަ އޮންނަން ރަނގަޅީ ގުއާމް އަތުންވެސް ރާއްޖެ ބަލިވެއްޖެ. މިހާރު އޮތް ގޮތުން ހީވަނީ ރާއްޖެ އަކީ މާމޮޅު ޓީމެއް ހެން. އަކުންބަކުން ކުޅެން ތިބެފަ ގޮސް ކޮން ފުޓުބޯޅައެއް ކުޅެވޭނީ.
ގައުމީ
03 July 2025
ބޭކާރު ޚަރަދު ނުކުރާށޯ!! ގައުމުގެ ނަން ހަޑީ ނުކުރާށޯ!!
ބޯޅަބޭ.
03 July 2025
ގުއާމް އަތުން ރާއްޖެެ ބަލިވެއްޖެ. މި އަސްލު ސުރުހީ އިންނަންޖެހޭ ގޮތަކީ. ލަދު ނުގަނޭ.
ޑެބީ
03 July 2025
ކޮލިފައިންގެ ހުރިހާ ޓާގެޓެއް ހާސިލްވި. ވަރަށް މޮޅު ދިވެހިންގެ ކުޅުން. އަނެއްކާވެސް ރަނގަޅު ތަޖުރިބާއެއް ލިބުނީ. ޝޮޕިންކޮށްލައިގެން އާދޭ ރަތް ދޫލައިގެ މަރުހަބާއެއް ކިޔާނަން. ދެން އޮންނަ މުބާރާތަކަށް އަނެއްކާވެސް ޓާގެޓުތަކެއް ހަދައިގެން މިލިއަނުން ހަރަދުކޮށްފަ ތަޖުރިބާއެއް ކޮށްލަންދާނީ.
ާއަހުމޭ
03 July 2025
ކޮބައި ޓާރގެޓް ހާސިލު ވީދޯ؟
އަޅި އަލި
03 July 2025
ކޯޗް ތިޔަ ޓާގެޓެއް ކަނޑައަޅާ ގޮތެއް އެބަ ޖެހޭ ބަލަން!
ލެއްގިކޮމިޝަނަރ
03 July 2025
ލީޒާކޮއްކޯ މިފަހަރުވެސް ކޯޗްދިން ހުރިހާ ޓާގެޓްތައް ހާސިލުކޮށްގެންދޯ ތިހުރީ؟ ދުނިޔޭގެ ހަތަރުބިތަށް ދަތުރުކޮށްލާ ތަންތަންބަލާލާ މަޖާކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން އެދެވޭގޮތުގައި ހިފާލާތި. ކޮލިފައިން މެޗްތައް ނިމޭއިރު ބައިކޮޅަށް 40 ފޫޓް ކޮންޓޭނަރެއްގެ ފުރާ ލަނޑު ގެންނާތި. އޭރުން މަމެން ދިވެހި ސަޕޯޓަރުން ވަރަށް އުފާވާނެ.