ވިއެޓްނާމާއި ދިވެހިރާއްޖެ މިއަދު ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްސީ
29 ޖޫން 2025 - 20:13
އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ފުރަތަމަ މެޗުގައި ކޯޗު ދިން ޓާގެޓް ހާސިލް ކުރެވިއްޖެ ކަމަށާއި، މިއީ މުޅި ޓީމަށް ވެސް ލިބުނު ހިތްވަރެއް ކަމަށް ޓީމުގެ ގޯލްކީޕަރު އާމިނަތު ލީޒާ (ލިޒީ) ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިން ގުރޫޕްގައި ރާއްޖޭގެ އެންމެ ފުރަތަމަ މެޗުގައި މިއަދު ވަނީ، ވިއެޓްނާމާ ވާދަކޮށް ބަލިވެފަ އެވެ. ވިއެޓްނާމް 7-0 އިން ކާމިޔާބު ކުރި މި މެޗުގައި އެ ޓީމުގެ ފުރަތަމަ ހަ ލަނޑު ޖަހައިފައި ވަނީ ފުރަތަމަ ހާފުގަ އެވެ. ހަތް ވަނަ ލަނޑު ޖެހީ މެޗުގެ 67 ވަނަ މިނިޓުގަ އެވެ.
ލީޒާ ބުނީ ކޯޗު މުހައްމަދު އާތިފް (އާތީ) ޓީމު ތައްޔާރު ކުރީ ޑިފެންސިވް ގޭމަކަށް ކަމަށާއި، މި މެޗުގައި ކޯޗު ކުޅުންތެރިންނަށް ދިން ޓާގެޓަކީ، ކުރިން ވިއެޓްނާމުން ރާއްޖެ ކޮޅަށް ޖެހި ލަނޑުގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދު ކުރުން ކަމަށެވެ.
"ޑިފެންސިވް ގޭމަކަށް ތައްޔާރުވީ މި މެޗަށް. ކޯޗު އޮތީ ޓާގެޓެއް ދީފައި. އެއީ ކުރިން އެމީހުން ޖެހި ގޯލުގެ އަދަދުގެ ދެބައިކުޅަ އެއްބައި ޖެހޭނެއޭ ހުއްޓުވަން. ގިނަވެގެން ކޮޅަށް އަށް ގޯލޭ ވަންނަން ވާނީ،" މެޗަށް ފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ލިޒީ ބުންޏެވެ.
މެޗުގެ އެންމެ ފަހު ވަގުތު ވިއެޓްނާމަށް ލިބުނު ޕެނަލްޓީ ފޮނުވާލުމުގެ ކުރިން ރާއްޖޭގެ ކީޕަރު ލީޒާ.--
މެޗުގެ އެންމެ ފަހު މިނިޓުގައި ވިއެޓްނާމަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ނަމަވެސް އެ ޕެނަލްޓީ ވަނީ ގޯލުގެ ދަނޑީގައި ޖެހި ކާމިޔާބެއް ނުވި އެވެ.
"ފަހު ވަގުތު ލިބުނު ޕެނަލްޓީ އެޓީމުން ކާމިޔާބު ކުރި ނަމަ ކުޅުންތެރިން ވަރަށް ބޮޑަށް މާޔޫސް ވާނެ. ކަން ދިމާކުރި ގޮތުން އެ ޕެނަލްޓީ ބޭރަށް ދިޔުމުން، ކުރިއަށް އޮތް ދެ މެޗަށް ވެސް ކުޅުންތެރިންނަށް މި ލިބުނީ ވަރަށް ބޮޑު މޯޓިވޭޝަނެއް. އުންމީދަކީ އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދެ މެޗުގައި މިއަދަށް ވުރެ ރަނގަޅު ކުޅުމެއް ދައްކައިގެން މޮޅުވުން،" ވިއެޓްނާމްގެ އެފްޕީޓީއާ ވާހަކަ ދައްކަމުން ލިޒީ ބުންޏެވެ.
އެންމެ ފަހުން ރާއްޖެ އާއި ވިއެޓްނާމް ބައްދަލު ކުރީ 2021 ވަނަ އަހަރެވެ. އެ އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވިއެޓްނާމް އަތުން ރާއްޖެ ބަލިވެފައި ވަނީ 16-0 އިންނެވެ.
އެ މެޗުގައި ވެސް ރާއްޖޭގެ ކެޕްޓަނަކީ ލީޒާ އެވެ. ވިއެޓްނާމް ވަނީ ގުރޫޕްގެ އެއް ވަނަ ހޯދައިގެން ޖެހިގެން އައި އަހަރު އޮތް މުބާރާތުގައި ވާދަކޮށް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކޮށްފަ އެވެ.
ކޮލިފައިން ގުރޫޕްގައި ރާއްޖެއަށް ދެން އޮންނާނީ ގުއާމާއި ޔޫއޭއީއާ ދެކޮޅަށް ކުޅޭ މެޗެވެ. އަންނަ ބުދަ ދުވަހު ގުއާމާ ދެކޮޅަށް ކުޅުމަށް ފަހު، ޔޫއޭއީއާ ދެކޮޅަށް ކުޅޭނީ ހޮނިހިރު ދުވަހު އެވެ. ގުއާމާއި ޔޫއޭއީ މިއަދު ކުޅުނު މި ގުރޫޕްގެ ފުރަތަމަ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
30 June 2025
ލީޒާއެބުނީ ރަނގަޅުވާހަކައެއް. ކޯޗްބުނީ ބައިކޮޅަށް 7 ލަނޑު ވަންނަންވާނޭ. ވިއެޓްނާމް ކޮޮޅަށް 1 ލަނޑުވެސް ޖަހައިގެން ނުވާނޭ. 11 ކުޅުތެރިން ތިބެންވާނީ ބައިކޮޅު އޭރިޔާ ތެރޭގައޭ. މެޗް ނިމުނީމާ ސޮޕިންކޮށްލާ ތަންތަން ބަލާލާ މަޖާކޮށްލާފަ ރާއްޖެ އަންނާނީއޭ. އެހެންވީމާ އެހުރިހާ ޓާގެޓެއް އެކުދިން އެތިބީ ހާސިލު ކޮށްގެން. ރައްޔިތުންގެ ޓެކުސްލާރި ހެޔޮގޮތުގަ ބޭނުންނުންކުރީތީ ޝުކުރިއްޔާ ކޯޗް. ޝުކުރިއްޔާ ލީޒާ. ހާސިލުކުރި ޓާގެޓަށް މަރުހަބާ
މާހިރު
30 June 2025
15 މިނެޓް ތެރޭގައި 3 ގޯލް ޖެހުމުން ވިއްސަކަށް ގޯލް ރާއްޖެކޮޅަށް ޖަހާނެކަމަށް ލަފާކުރެވުނެވެ. އެހެންކަމުން އެފެންވަރުގެ ޓީމެއްކައިރީގައި 0-7 ގެ ނަތީޖާއަކީ ހަމަ ރަނގަޅު ނަތީޖާއެއްކަމަށް ބުނެވިދާނެއެވެ.
ލޮލްލް
30 June 2025
މަަ ގާތައް ފާޑެއްގެ ހިންޏެއް އަންނަނީ! ހަމަ ކޯޗު އެހެން ބުނީ
ޔޫކޭ
30 June 2025
ހިނި އަންނާކަށް ނުޖެހޭ، ކޯޗެއްގެ ހައިސިްޔަތުން ދޭނެ އެކަހަލަ ޓާގެޓް އަދި ކުޅުންތެރިން އެ ޓާގެޓަށް ރީޗްވުމަކީ އައި ކުރި އެރުމެއް
ލޮލީޖާ
01 July 2025
ކުޅުންތެރިއަކަށް ވެފަ ތިހެން ހިނިއާދޭތޯ ބަލާބަލަ
ލޯޖުޅުވާ
30 June 2025
ތި ޓީމަށް މިދިޔަ 2 އަހަރު ހާދަޚަރަދެއެއް ކޮށްފޮޔޭ ؟ ރާއްޖެ ކޮޅަށް މިވޯ 8 މަސް ދުވަސް ތެރޭގަ 50 ގޯޖަހައިފި
މަބުނީ
29 June 2025
ލަދު ނުގަންނަކަންދޯ؟ މާމޯޅު ކަމެއް ވި ކަމަށް ހިތާ ވަރު ވަރުގެ އިންޓަވިއު މިދެނީ.. ވަރިހަމަ ދޯ ބަލި ވިޔަސް.. ލޮލް
ބުރިޓޯ1
29 June 2025
ހެޑްލައިން ފެނިފައި ހަބަރުކިޔާލީ އުއްމީދު ތަކަކާ އެކު. 0-7 ހިހިހިހި