ލަނޑެއް ޖެހުމަށް ފަހު ޔޫއޭއީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްސީ
05 ޖުލައި 2025 - 19:06
އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ބަލިކޮށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) 5-0 އިން މެޗު ކާމިޔާބު ކޮށްފި އެވެ.
ޔޫއޭއީ ފުރަތަމަ ލަނޑު ޖެހީ 28 ވަނަ މިނިޓުގައި، ހާފުގެ މެދަކާ ހަމައިން ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ހާފުގެ އިތުރު ވަގުތުގައި ލިބުނު ކޯނަރެއް ބޮލުން ޖަހައި ދެވަނަ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ސަލްހާ އަލް ޒާބީ އެވެ. އަދި ދެވަނަ ހާފު ފެށީގެން ދެވަނަ މިނިޓުގައި ލިބުނު ކޯނަރަކުން އޭނާ ވަނީ ތިންވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
މެޗު ނިމެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް ޔޫއޭއީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ފާތިމާ އަލް ހުސްނީ އެވެ. އިތުރު ވަގުތުގެ ތެރޭގައި ފަސްވަނަ ލަނޑު ޖަހައިދިނީ މައިތާ އަލް ހަޒްމީ އެވެ.
ފުރަތަމަ ހާފުގައި ޔޫއޭއީ ލީޑު ނެގުމުގެ ކުރިން ރާއްޖެ އަށް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރަން ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭރިއާގެ ތެރެއިން މަރިޔަމް ނޫރާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.
ރާއްޖޭގެ މަރިޔަމް ނޫރާ، ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އޭއެފްސީ
ފަހު ދިހަވަރަކަށް މިނިޓަށް ކޯޗު އަހުމަދު އާތިފް (އާތީ) ކުޅެން އެރުވި ޒުވާން ފޯވާޑް ރާނިޔާ އިބްރާހިމް ވަނީ ރާއްޖެ އަށް ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ހޯދައިދީފަ އެވެ. ޔޫއޭއީ ޑިފެންޑަރެއް ކައިރިން ނައްޓާލައި އޭރިއާ ތެރެއަށް ވަދެ އޭނާ ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.
މިއީ ރާއްޖެއާ ވާދަކޮށް ޔޫއޭއީ އެންމެ ތަފާތު ބޮޑުކޮށް މޮޅުވި މެޗެވެ. މީގެ ކުރިން ނުވަ މެޗު ކުޅެފައި ވާއިރު، ޔޫއޭއީ ވަނީ 2021 ވަނަ އަހަރު 5-1 އިން ރާއްޖެ ބަލިކޮށްފަ އެވެ. އެކުވެރިކަމުގެ އެ މެޗުގައި ރާއްޖޭގެ ގޯލު ޖެހީ ވެސް ރާނިޔާ އެވެ. އެއީ އޭރު އުމުރުން 16 އަހަރުގައި ރާނިޔާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. ފުރަތަމަ 11 ގައި ހިމެނިގެން ރާނިޔާ ވަނީ އެ މެޗު ފުލް ކޮށް ކުޅެފަ އެވެ.
ބާކީ 8 މެޗުގެ ތެރެއިން ރާއްޖެ ވަނީ ދެ މެޗު އެއްވަރުކޮށް، އެއް މެޗުން މޮޅު ވެސް ވެފަ އެވެ. އަނެއް ފަސް މެޗު ޔޫއޭއީ ކާމިޔާބު ކޮށްފައި ވަނީ ގިނަވެގެން ދެ ގޯލުގެ ތަފާތަކުންނެވެ.
ވިއެޓްނާމްގެ ވިއެޓް ޓްރައި ސްޓޭޑިއަމްގައި ހޯސްޓް ކުރި ގުރޫޕް އީގައި ރާއްޖެ އާއި ޔޫއޭއީއަށް ވެސް ވަނީ މި މެޗަށް ނުކުތުމުގެ ކުރިން އޭޝިއަން ކަޕަށް ކޮލިފައި ވުމުގެ ފުރުސަތު ގެއްލިފަ އެވެ. ރާއްޖެ ކުޅުނު ތިން މެޗުން ވެސް ބަލިވެފައި ވާއިރު، ޔޫއޭއީ ވަނީ ފުރަތަމަ މެޗުގައި ގުއާމާ އެއްވަރުކޮށްފަ އެވެ.
ތިން މެޗު ވެސް ކާމިޔާބު ކޮށް، ގުރޫޕްގެ އެއްވަނަ ހޯދައިގެން އަންނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭޝިއަން ކަޕުން ޖާގަ ހޯދާފައި ވަނީ ވިއެޓްނާމެވެ. ވިއެޓްނާމް ވަނީ، ގުރޫޕްގެ ފަހު މެޗުގައި މިރޭ 4-0 އިން ގުއާމް ބަލިކޮށްފަ އެވެ. ގުއާމާއި ޔޫއޭއީއަށް ވެސް ވަނީ ޖުމްލަ ހަތަރު ޕޮއިންޓް ލިބިފައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަ5362726
06 July 2025
ސޮޕިން ކޮށްގެން އާދޭ ދެން!
ބޭކާރު
06 July 2025
ތި ކީއްކުރަން ކުރާ ބޭކާރު ޚަރަދުތަކެއް ހޭ.... ކަމެއް ހާސިލު ކުރެވެނީއެއް ނޫން. ދުނިޔޭގެ އެކި ޤައުމުތަށް ބަލާލަން ދާ ބައެއް، ސަރުކާރު ޚަރަދުގަ.
ރާއްޖެ
05 July 2025
ޖޫނިއަރ ޓީމްތައް ރަގަޅަށް ކުޑަ އިރުއްސުރެން ޓްރެއިން ކޮއްފަ ފޮނުވަންވީ. 30 އަހަރު ވަންދެން ދެފައި ދަމަން ގޭގަ ތިބެފަ ހަފްތާއެއް ޓްރެއިން ކޮއްފަ ރާއްޖެއިން ބޭރަށް ބޮޑެތި މީހުން ކުޅެން ފޮނުވައިގެން ބޯކޮއް މެޅިގެން އަންނަނީ. އަންނަ އަހަރު ތި އެންމެން ރިޓައަރ ކުރާނެ. ދެން އެވީ އަނެއްކާ އަނެއް ގްރޫފް ފޮނުވަން. މިއީ އިސްރާފް.
މަބުނީ
05 July 2025
ކޯޗުގެ ޓާގެޓު ތިއޮތީ ހާސިލްވެފަ.. ދެން އަވަހަށް ފެނަވަރައިގެނެ އަންނަން އުޅޭ.. ލޮލް
އިބްރާހިމް1
05 July 2025
ތި ޓީމް ރަނގަޅު ވާނެ އޮޑި ބާލާ ތަނަށް ޖޫސް ގިރަން ފޮނުވަން