ޑާވިޑެ އަންޗެލޮޓީ އާއި އޭނާގެ ބައްޕަ ކާލޯ އަންޗެލޮޓޯ: ބްރެޒިލްގެ ކްލަބްކާ ހަވާލުވާން ޖޫނިއާ އަންޗެލޮޓީ ވަނީ އެއްބަސްވެފަ
08 ޖުލައި 2025 - 14:36
ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީގެ ދަރިފުޅު ޑާވިޑެ އަންޗެލޮޓީ ބްރެޒިލްގެ ކްލަބަކާ ހަވާލުވާން އެއްބަސްވެއްޖެ އެވެ. ބްރެޒިލްގެ ލީގުގައި ވާދަކުރާ ބޮޓާފޮގޯ، ވެގެންދާނީ ޑާވިޑެ އަންޗެލޮޓީ ހެޑް ކޯޗުގެ ގޮތުގައި މަސައްކަތް ކުރާ ފުރަތަމަ ކްލަބަށެވެ. އެ މަގާމުގެ އިތުރަށް ބްރެޒިލްގެ ގައުމީ ޓީމުގައި އެސިސްޓެންޓް ކޯޗުގެ ގޮތުގައި އޭނާގެ ބައްޕަ އަށް ވެސް ޑާވިޑެ އަންޗެލޮޓީ އެހީވާނެ އެވެ. އެއީ އޭނާގެ ޕާޓްޓައިމް ވަޒީފާ އެވެ. ފުލް ޓައިމް ވަޒީފާ އަކަށް ވާނީ ބޮޓާފޮގޯ މަގާމެވެ. އުމުރުން 35 އަހަރުގެ ކޯޗު، އޭނާގެ ބައްޕަގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ފެށީ 2015 ގަ އެވެ. އޭނާ ވަނީ ބެޔާން މިޔުނިކާއި ނަޕޯލީ އާއި އެވަޓަން އަދި ރެއާލް މެޑްރިޑްގައި އޭނާގެ ބައްޕަގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ބައެއް މެޗުތަކުގައި ހެޑް ކޯޗުގެ ޒިންމާ އޭނާ ނަގާފައި ވެއެވެ. ރެއާލްގެ މެޗަކަށް އަންޗެލޮޓީ ސަސްޕެންޑް ވުމުން ރެއާލްގެ ކޯޗުގެ ގޮތުގައި އެ މެޗަށް ބެންޗުގައި ހެޑް ކޯޗުގެ ޒިންމާ އަދާކުރީ އޭނާ އެވެ. އެކަމަކު ބޮޓާފޮގޯ ވެގެންދާނީ ހެޑް ކޯޗުގެ ޒިންމާ އޭނާ ނަގާ ފުރަތަމަ ކްލަބަށެވެ. ސްކޮޓްލެންޑްގެ ރޭންޖާސްގެ ކޯޗަކަށް ޑާވިޑެ އަންޗޮލޮޓީ ގެންދަން އެ ކްލަބުން މަސައްކަތް ކުރި އެވެ. އެކަމަކު އެ ކްލަބާ އެކު އޭނާ ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް އެއްބަސްވުމަށް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy