ދިވެހި ސިފައިންގެ ކްލަބް، ގައުމީ ލީގުގެ ތަށި އުފުލާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
09 ޖުލައި 2025 - 23:26
ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި މިރޭ އެޗްޑީސީއާ ވާދަކޮށް ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
އެޗްޑީސީ މިރޭގެ މެޗު ކާމިޔާބު ކުރީ 25-22، 25-22 އަދި 27-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ސެބަސްޓިއެން ގިރާލްޑޯ ގޯމޭޒް އެވެ.
މިރޭގެ މެޗުގެ ކުރިން، މިއަދު ހަވީރު ފުވައްމުލަކު ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް އަތުން 3-1 ސެޓުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިވުމާ އެކު، ސިފައިންނަށް ވަނީ ޗެމްޕިއަންކަން ޔަގީން ވެފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެޗްޑީސީގެ ގިރާލްޑޯ ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހުރާއާ ވާދަކޮށް 25-17، 25-20، 30-32 އަދި 26-24 އިން މޮޅުވެ، ދަޑިމަގު ވަނީ ހަތް ޕޮއިންޓް ހޯދައި ލީގުގެ ދެވަނަ ޔަގީން ކޮށްފަ އެވެ. ހަ ޕޮއިންޓް ލިބުނު ހުރާ އަށް ލިބުނީ ހަތަރުވަނަ އެވެ.
ލީގުގެ ފުރަތަމަ ދެ މެޗުން ބަލިވި، މިދިޔަ އަހަރުގެ ޗެމްޕިއަން އެޗްޑީސީ ވަނީ އިއްޔެ ހަވީރު ސީދާ ތިން ސެޓުން، 25-21، 26-24 އަދި 25-11 އިން ޕޮލިސް ކްލަބް ބަލިކޮށް، ލީގުގެ ގަދަ ހަތަރެއް ޔަގީން ކޮށްފަ އެވެ. މިރޭ ސިފައިން ބަލިކޮށް، ހަ ޕޮއިންޓް ހަމަކުރި އެޗްޑީސީ، ސެޓުގެ ތަފާތުން ލީގު ނިންމާލީ ތާވަލްގެ ތިންވަނައިގަ އެވެ.
ލީގުގެ އިންޑިވިޖުއަލް އެވޯޑްތައް ހޯދި ކުޅުންތެރިންނާއި ކޯޗު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މިއަހަރުގެ އެސޯސިއޭޝަން ކަޕް ވެސް ކާމިޔާބު ކުރި ސިފައިން ވަނީ، ލީގުގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށް، އަށް ޕޮއިންޓް ހޯދައިފަ އެވެ. ސިފައިން ވަނީ ރޭ ފަހަތުން އަރައި 14-25، 23-25، 25-22، 25-21 އަދި 15-5 އިން ދަޑިމަގު ސްޕޯޓްސް ބަލިކޮށްފަ އެވެ.
ފަސް ޓީމު ވާދަކުރާ ލީގުގެ ގަދަ ހަތަރު ޓީމަށް ގައުމީ މުބާރާތުން ވަނީ ފުރުސަތު ލިބިފަ އެވެ. ގައުމީ މުބާރާތުން ފުރުސަތު ނުލިބުނީ ތިން ޕޮއިންޓާ އެކު ފަސްވަނައިގައި ނިންމާލި ޕޮލިސް ކްލަބަށެވެ.
ގައުމީ ލީގުގެ ގަދަ ހަތަރު ޓީމާ އެކު ގައުމީ ވޮލީބޯޅަ މުބާރާތް ކުރިއަށް ދާނީ ހުކުރު ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.
- ބެސްޓް އައުޓްސައިޑް އެޓޭކާ: އަލީ ހުޒާމް (ދަޑިމަގު)
- ބެސްޓް އައުޓްސައިޑް އެޓޭކާ: އާދަމް ނަސީމް (ޑީއެސްސީ)
- ބެސްޓް މިޑްލް ބްލޮކާ: އާދަމް ފައިރޫޒް (ޑީއެސްސީ)
- ބެސްޓް މިޑްލް ބްލޮކާ: މުހައްމަދު އަހްސަން (އެޗްޑީސީ)
- ބެސްޓް އޮޕޮސިޓް ޕްލޭޔާ: ޝަމާއިލް ހުސެއިން (އެޗްޑީސީ)
- ބެސްޓް ސެޓަރު: ހުސެއިން ޝާހިދު (ޑީއެސްސީ)
- ބެސްޓް ލިބަރޯ: އަހުމަދު ނަބީލް (ދަޑިމަގު)
- އެންމެ މޮޅު ކޯޗު: ޖުނެއިދު އަބްދުﷲ (ޑީއެސްސީ)
- އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: ލުއިޒް ފިލިޕޭ ފެރޭރާ ޕެރޯޓޯ (ޑީއެސްސީ)
- އެންމެ މޮޅު ކުޅުންތެރިޔާ: ހުސެއިން ރައްޒާން (ޑީއެސްސީ)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބުޅި ގްރޫޕް
10 July 2025
ސީޕީ ޝުޖާއުއާއި އެކު ޕޮލިސް އެއްކޮށް ދިޔައީތަ؟ ÷ވޮލީގައި ޕޮލިސް ކުލަބު މިހާ ދަށުދަރަޖައަކަށް ދުވަހަކުވެސް ނުދޭ.