އެންމެ ފަހިގެ ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޓީމު:ގައުމީ ޓީމުތައް ހަރުދަނާ ކުރަން ފިޔަވަޅުތައް އަޅަންޖެހޭކަމަށް ތަޖުރިބާކާރުން ބުނޭ --- ފައިލް ފޮޓޯ: އެމްއޯީ
11 ޖުލައި 2025 - 07:20
ބެލެނިވެރިޔަކު ގުޅާފައި ކަންބޮޑުވުން ފާޅުކުރި އެވެ. ވަކި އެކަޑަމީއަކަށް ދަރިފުޅު ފޮނުވައިގެން ނޫނީ ނުވަތަ ވަކި ކްލަބަކަށް ކުޅުވައިގެން ނޫނީ ގައުމީ ޓީމުން ދަރިފުޅަށް ފުރުސަތު ނުލިބޭނެ ކަމަށް ބުނެ ކޯޗަކު ވާހަކަ ދައްކާކަމުގެ ޝަކުވާ އެވެ. އެއާ އިދިކޮޅަށް އަމަލު ކޮށްފި ނަމަ ދަރިފުޅުގެ ކުރިމަގު އެއްކޮށް ބަނަވީ އެވެ. ބެލެނިވެރިން އުޅެން ޖެހެނީ އެހެންވެ ހިތާ ދެކޮޅަށް ނަމަވެސް އެ ކޯޗު ބުނި ގޮތެއް ހަދައިގެންނެވެ. ނަތީޖާއަކީ ދަރިފުޅުގެ މުސްތަގުބަލް ހަލާކުވުމެވެ.
މިއީ ރާއްޖޭގެ ބައެއް ކުޅިވަރުތަކުގެ ގައުމީ ޓީމުގެ ހާލަތެވެ. ވަކި އެކަޑަމީއަކުން ތަމްރީނު ވެގެން ނޫނީ ގައުމީ ޓީމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް އެތުލީޓުންނާއި ބެލެނިވެރިންނަށް ވިސްނައި ދޭ ވިސްނުމެވެ.
"ހުރިހާ މެޗެއް ކަހަލަ ގޮތަށް ބެންޗުގައި އިންނަން ޖެހި، ކުޅުމުގެ ފުރުސަތު މަދުވުމުން ކްލަބުން ކުއިޓް ކުރަން ދަރިފުޅު ބޭނުންވީ. އަޅުގަނޑު އެ ވާހަކަ ކޯޗަށް މެސެޖް ކުރީމަ [ކޯޗުގެ] ޖަވާބަކަށް އައީ އެހެންވެއްޖެއްޔާ [ޖޫނިއާ] ގައުމީ ޓީމުން ވެސް ކުއިޓް ވާށޭ ޖެހޭނީ،" ކުޑަކުއްޖަކަށް ވާތީ އައިޑެންޓިޓީ ހާމަނުކުރަން އެއްބަސްވެ "މިހާރު" އާ ވާހަކަ ދެއްކި ޖޫނިއާ ކުޅުންތެރިޔާގެ ބެލެނިވެރިޔާ ބުންޏެވެ.
މި "އިންޒާރުތަކާ" އެތައް ކުދިންނެއްގެ ބެލެނިވެރިން ކުރިމަތިލަ އެވެ.
"ދަރިފުޅާ އެކު ކުޅެންދާ ބައެއް އެހެން ކުދިންގެ ބެލެނިވެރިން ވެސް އެބަ ބުނޭ އެ އެކަޑަމީ އަށް ގެންދިޔައީމައޭ ގައުމީ ޓީމުން ޖާގަ ލިބޭނީ،" ވާހަކަ ދެއްކި ބެލެނިވެރިޔާ ބުންޏެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިސް ވެރިންނާ އެކު ސަރުކާރުގެ އިސް ބައެއް ބޭފުޅުން ، ގައުމީ ބާސްކެޓް ޓީމު ކުޅުނު މެޗެއް ބައްލަވަން ސޯޝަލް ސެންޓަރުގައި --- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އޭނާ ބުނީ ދަރިފުޅަށް ޖޫނިއާ ގައުމީ ޓީމުން ފުރުސަތު ނުލިބުނުއިރު ދެން އެ ޓީމުން ޖާގަ ދިން ބައެއް ކުދިންނަކީ އިންޓަ ސްކޫލް މުބާރާތުގައި ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ޓީމުތަކުގެ ކުޅުންތެރިން ކަމަށެވެ. މެޗުތަކުގެ ގިނަ ތަޖުރިބާތަކެއް ނެތަސް ގައުމީ ސްކޮޑަށް ނެގީ އެސޯސިއޭޝަނުގެ ވެރިންނާއި ކޯޗުންގެ ކޮންޓްރޯލް އޮންނަ އެކަޑަމީ ނުވަތަ ޓީމުތަކުގެ ކުޅުންތެރިންނަށް ވާތީ އެވެ.
ބާސްކެޓްބޯޅައިގައި މި މައްސަލަ ބޮޑު ކަމަށް ތުހުމަތު ކުރެވެ އެވެ. އެކަމަކު ގައުމީ ކޯޗު ގްރޭޝް އަފްރާހް އެ ތުހުމަތުތައް ދޮގު ކުރި އެވެ.
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވެފައި ވަނީ ގައުމީ ޓީމަށް ނެގުމުގައި ގެންގުޅޭ ތަފާތުކުރުންތަކަކީ ވެސް ކޮރަޕްޝަން ކަމަށެވެ.
"ކޮރަޕްޝަން އެކުލެވިގެން ވަނީ ހަމައެކަނި ފައިސާގެ [މައްސަލަތަކުގައި] ނޫން ކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. އޭގެ ތެރޭގައި އިދާރީ ގޮތުން އެސޯސިއޭޝަންގެ އެކި ކަންކަމުގައި މީހުން ހޮވުމާއި ކުޅުންތެރިން ކަންކަމަށް ހޮވުމާއި އޮފިޝަލުން ނެގުމުގެ ތެރޭގައި ވެސް ކޮރަޕްޝަން ހިމެނިގެން ދާނެ،" ތޮލާލް ކުރިން ވިދާޅުވެފައި ވެ އެވެ.
"އެހެންވީމާ އެސޯސިއޭޝަންތަކުގެ އެތެރޭގައި ހުރި ހިންގާ ގަވާއިދާއި އަދި އެސޯސިއޭޝަންގެ ސިލެކްޝަން ކްރައިޓީރިއާ، ސުލޫކީ މިންގަނޑު އަދި މިނޫނަސް ކަމާ ގުޅުން ހުރި ގަވާއިދުތައް ބަލައި އެ ގަވާއިދުތައް ގެންނަން ޖެހޭ ބަދަލުތައް އެސޯސިއޭޝަންތަކާ ވަރަށް ގާތުން މަސައްކަތް ކޮށްގެން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން."
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް: އޭނަ ވިދާޅުވެފައި ވަނީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ތަފާތު ކުރުމަކީ ވެސް ކޮރަޕްޝަނެއް ކަމަށް --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އެކަމަކު އަދި މިހާތަނަށް އައިއިރު ވެސް އެ މައްސަލައަކަށް ހައްލެއް ނުހޯދެ އެވެ. ބައެއް އެސޯސިއޭޝަންތަކުން ގައުމީ ޓީމަށް ކޯޗުން ނަގަނީ ވެސް "ސްޕޯޓްސް ޕޮލިޓިކްސް" އޭގެ ތެރެއަށް ވައްދައިގެންނެވެ.
އެ ކޯޗެއްގެ އަތުގައި އެސޯސިއޭޝަންގެ ކޮންގްރެސްގައި ވޯޓު ލެވޭ ގިނަ ކްލަބްތަކެއްގެ ބާރު އޮންނަ ނަމަ އެ ކޯޗަކަށް ގައުމީ ޓީމުގައި މަސައްކަތް ކުރަން ފުރުސަތު ލިބިދާނެ އެވެ. އެސޯސިއޭޝަންގެ އިންތިހާބުގައި އެ ކްލަބްތަކުގެ ވޯޓު ލިބޭނެކަން ޔަގީން ކުރަން ބައެއް އެސޯސިއޭޝަންތަކުގެ ވެރިން ބޭނުންވެ އެވެ. އެކަމަށް އޮތް ހައްލަކީ "ކަރުދާސް ކްލަބްތަކަށް" ފުރުސަތު ނުދިނުމެވެ. އެއްބަޔަކު ހިއްސާވާ އެއް ކަލްބަށް ވުރެ އިތުރަށް ކޮންގްރެސްގައި މެންބަރުކަން ކުރުމުގެ ފުރުސަތު ނުދިނުމެވެ.
މިއީ ރާއްޖޭގައި ކޮންމެހެން ކުރަން ޖެހިފައި އޮތް މަސައްކަތެއް ކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ބުނެ އެވެ. ބައެއް ގައުމުތަކުގައި ގައުމީ ޓީމު ނެގުމުގައި މިނިވަން ވަކި ކޮމިޓީއެއް އޮވެ އެވެ.
އޭގެ މިސާލަކީ އިންޑިއާގެ ކްރިކެޓެވެ. ގައުމީ ޓީމު ނެގުމަށް އޮންނަނީ ވަކިން އޮންނަ ކޮމިޓީ އެކެވެ. އަންހެން އަދި ފިރިހެން ގައުމީ ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމު ނަގަނީ އެ ކޮމިޓީންނެވެ.
ލޯކަލް މުބާރާތްތަކުގައި ކުރިން ބާސްކެޓްބޯޅަ ކުޅުނު ކުރީގެ ކުޅުންތެރިޔަކު ބުނީ ސެލެކްޝަން ކޮމިޓީއަކުން ރާއްޖޭގައި އެކަން ކުރަން މާބޮޑަށް ފަސޭހަ ވެސް ވާނެ ކަމަށެވެ.
އުމުރުން 19 އަހަރުންދަށުގެ ޓީމާ ސްޕޯޓްސް މިނިސްޓަރު ރާފިއު ބައްދަލު ކުރައްވަނީ --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
"ގިނަ ކުޅިވަރުތައް އަދިވެސް ބޭސް ވެފައި މިއޮތީ މާލޭގައި. ސެލެކްޝަން ކޮމިޓީން މެޗުތައް ބަލައި އެނަލިސިސް ހަދަން ފަސޭހަ ވެސް ވާނެ. ސެލެކްޝަން ކޮމިޓީއަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ހަމަ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާ ސިސްޓަމެއް،" އޭނާ ބުންޏެވެ.
ކުރީގެ އެއްވަނަ ދުވުންތެރިޔާ ނަސީރު އިސްމާއީލް ބުނީ، ސެލެކްޝަން ކޮމިޓީއެއް ކޮންމެ ކުޅިވަރެއްގައި އޮންނަ ނަމަ ގައުމީ ޓީމު ނެގުގައި ފެންމަތިވާ ޝައްކުތައް ކުޑަ ކުރެވޭނެ ކަމަށެވެ.
"އަހަންނަށް ހީވަނީ ވާދަވެރި ގައުމީ ޓީމެއް ނަގަން ވެސް ފުރުސަތު ފަހިވާނެހެން،" އޭނާ ބުންޏެވެ.
ނަސީރު ދެކޭގޮތުގައި ސްޕޯޓްސް ކައުންސިލުން، ހުރިހާ އެސޯސިއޭޝަނެއްގެ މައްޗަށް އެކަން ކުރަން ލާޒިމު ކުރެވިދާނެ އެވެ.
ވަކި އެކަޑަމީއަކަށް ދަރިފުޅު ފޮނުވައިގެން ނޫނީ ނުވަތަ ވަކި ކްލަބަކަށް ކުޅެގެން ނޫނީ ގައުމީ ޓީމުގެ ފުރުސަތު ލިބެން ނެތް ކަމަށް ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިޔާގެ ވެސް އެއް ޝަކުވާއަކީ އެއީ އެވެ. އެކަޑަމީ އާއި ކްލަބް ހިންގުމާއި ކްލަބްތަކުގައި ކޯޗުކޮށް ދޭން ގައުމީ ކޯޗުން މަސްއޫލު ވާތީ އެވެ.
ރާއްޖޭގެ ގިނަ ކުޅިވަރުތަކުގައި ގައުމީ ކޯޗުންނަކީ އޭނާ ނިސްބަތްވާ އެ ކުޅިވަރުގެ ކްލަބްތަކާއި އެކަޑަމީތަކުގައި މާ ބިޒީކޮށް އުޅޭ ބަޔަކަށް ވެއްޖެ އެވެ. ގިނަ ކުޅިވަރުތަކުގައި ކޮންމެ ކޯޗަކު އަވަދި ނެތި އުޅެނީ އޭނާގެ އަމިއްލަ ކްލަބް ނުވަތަ އެކަޑަމީގަ އެވެ. ގައުމީ ޓީމުގެ ވަޒީފާ ވަނީ އޭނާގެ ދެވަނަ މަސައްކަތަށެވެ. އެއީ ހަމައެކަނި ވަކި މޫސުމެއްގައި ކުރާ މަސައްކަތަކަށް ވެއްޖެ އެވެ.
ގައުމީ ޓީމު ކޯޗު ދެވަނަ ވަޒީފާއެއް އަދާކުރަން ފުރުސަތު ދީގެން އަވައްޓެރި ގައުމުތަކުގައި މިހާތަނަށް ކުރެވުނީ ރަނގަޅު ތަޖުރިބާއެއް ނޫނެވެ. މިދިޔަ 11 މަހު އިންޑިއާގެ ފުޓްބޯޅައިން ކުރީ އެ "ހިތި ތަޖުރިބާ" އެވެ.
ގައުމީ އަންހެން ވޮލީ ޓީމާ އެކު ރާފިއު އާއި ތޮލާލް އަދި ވީއޭއެމްގެ ރައީސް ލަތީފު --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ރާއްޖޭގައި ގައުމީ ޓީމު ނެގުމުގައި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވޭ ބޭއިންސާފުން ދުރުވުމަށްޓަކައި ވެސް ގައުމީ ކޯޗުންނަށް އެކަޑަމީ ހިންގައި ކްލަބްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތުން އެއީ ރަނގަޅު އުސޫލެއް ކަމަކަށް ތަޖުރިބާކާރުން ނުދެކެ އެވެ.
"ގައުމީ ޓީމުގެ ކޯޗުން ވާން ޖެހޭނީ ހަމައެކަނި އެ މަސައްކަތަށް ޑެޑިކޭޓެޑް، ފުލްޓައިމްކޮށް އެކަމަށް ހުސްވެ ތިބޭބަޔަކަށް. ގައުމީ ޓީމު ކޯޗުން ޖެހޭނެ ހުރިހާ އެކަޑަމީއަކާ ކްލަބްތަކުގެ ޓްރޭނިން ބަލަން. އިންޑިވިޖުއަލް އެތުލީޓުންގެ ޕާފޯމަންސަށް އަންނަ ބަދަލު ދެނެގަންނަން ޖެހޭނެ. ހުރިހާ އެކަޑަމީއެއްގެ ތަމްރީނުތަކުގެ ފެންވަރު ދެނެގަންނަން ޖެހޭނެ. ގައިމު ވެސް މަސައްކަތް ހުސްނުވާނެ،" ނަސީރު ބުންޏެވެ.
އެކަމަކު ރާއްޖޭގައި ކަންކަން އޮންނަނީ އެހެންނެއް ނޫނެވެ. ގައުމީ ޓީމު ކޯޗު ވަނީ ލޯކަލް ދެން ތިބި ކޯޗުންނާ ވެސް ވާދަކުރާ ކޯޗަކަށެވެ. އޭނާގެ އެކަޑަމީ އަށް ފޮނުވައިގެން ނޫނީ ގައުމީ ޓީމުގެ ޖާގަ ނުލިބޭނެ ކަމަށް ބެލެނިވެރިންނާއި އެތުލީޓުންނަށް ގަބޫލު ކުރެވޭ މިންވަރަށް ނުފޫޒު ވެސް ގަދަ އެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު އޮތް ގޮތުން ގައުމީ ކޯޗުން ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި އެކަމަށް ހުސްކޮށްފައި ބެހެއްޓޭނެ ގޮތެއް ނެތެވެ.
"އެއީ ގައުމީ ޓީމު ކޯޗުންނަށް އެ މަސައްކަތުން ލިބެނީ ކުޑަ މިންވަރެއްގެ މުސާރައެއް. ގާތްގަނޑަކަށް މަހަކަށް 2،500 ގެ އިނާޔަތެއް މި ލިބެނީ. އެހެންވީމަ ގައުމީ ކޯޗުން ފުލްޓައިމްކޮށް އެކަމަށް ހުސްކޮށްފައި ބެހެއްޓޭނެ ހާލަތެއް ރާއްޖޭގައި ނެތީ،" ލާތީފް ވިދާޅުވި އެވެ.
ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، (ކ) ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާ އެކު: ކުރިން ބޭއްވި ޕްރެސް ކޮންފަރެއްސެއްގައި --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ގައުމީ ޓީމުގައި މަސައްކަތް ކުރާ ކޯޗުންނަށް ސަރުކާރުން އިނާޔަތެއް ދެ އެވެ. އެއީ 2،500ރ. އެވެ.
ލަތީފް ވިދާޅުވީ ފުލްޓައިމްކޮށް ހަމައެކަނި ގައުމީ ޓީމަށް ހާއްސަ ކޮށްގެން ކޯޗަކު ބެހެއްޓެނީ އެ ކޯޗެއްގެ މުސާރަ އަށް މަދުވެގެން 15،000ރ. ދެވޭނެ ގޮތެއް ހޯދިގެން ކަމަށެވެ. އެކަމަކު މާލީ ގޮތުން އެ ވަރުގެ ގާބިލުކަމެއް ގިނަ އެސޯސިއޭޝަންތަކުގައި ނެތެވެ.
"އެ ހާލަތު ނެތީމާ ގައުމީ ޓީމު ކޯޗަށް ވެސް މަޖުބޫރު ވަނީ ކްލަބްތަކުގައި ވެސް މަސައްކަތް ކުރަން އެކަޑަމީތަކުގައި ވެސް މަސައްކަތް ކުރަން،" ލަތީފް ވިދާޅުވި އެވެ.
ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ބޭރުގެ ފެންވަރު ރަނގަޅު ކޯޗުން ރާއްޖެ އަށް ނުލިބޭ އަނެއް ސަބަބަކީ، ލަތީފް ވިދާޅުވި ގޮތުގައި ކުޅިވަރުގެ އެކަށީގެންވާ ވަސީލަތްތައް ނެތުމެވެ. ވީއޭއެމުން މި އަހަރު ރާއްޖޭގެ ޒުވާން ޓީމުގެ ކޯޗުކަމަށް ހަމަޖެއްސި އިރާނުގެ ތަޖުރިބާކާރު އަލީ ޕޫރު އަރޫޖީ ރާއްޖޭގެ މަގާމު ދޫކޮށް ފުރައިގެން ދިޔައީ އެކަށީގެންވާ ވަސީލަތެއް ނެތް ކަމަށް ބުނުމަށް ފަހު އެވެ.
"މިދައްކަނީ އިރާނުގެ ގައުމީ ޓީމަށް ކޯޗު ކޮށްދީ ކާމިޔާބު ހޯދި ކޯޗެއްގެ ވާހަކަ. އެފްއައިވީބީން މުސާރަ ދޭ ގޮތަށް އޭނާ ރާއްޖެ އައީ. އެކަމަކު ވަސީލަތް ނެތުމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރީ. އެއީ ވެސް ރަނގަޅު ކޯޗުން ރާއްޖެ އަށް ލިބެން ނެތް ސަބަބެއް،" ލަތީފް ވިދާޅުވި އެވެ.
އެކަމަކު ވޯލްޑް ކްލާސް ކޯޗުން ނުލިބުނަސް، ގައުމީ ޓީމުތައް ހަރުދަނާ ކުރުމަށްޓަކައި އަޅަން ޖެހޭ އިދާރީ އަދި ޓެކްނިކަލް ފިޔަވަޅުތައް އެބަހުއްޓެވެ. ގަވާއިދުތަކާއި އުސޫލުތަކެއް އެކުލަވާލައި މަޖޫބޫރު ކޮށްގެން ވެސް މިކަން ހައްލު ކުރަން ޖެހެ އެވެ. ގައުމީ ޓީމަކީ ކޯޗުގެ ކްލަބެއް ނޫނެވެ. އެއީ މުޅި ގައުމު ތަމްސީލު ކުރާ ޓީމެވެ. ގައުމީ ޓީމު ހަލާކުވެއްޖެ ނަމަ އެއީ ގައުމަށް ލިބޭ ދެރައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަމަޔެއް
12 July 2025
އަރުތަ ބަހަނީ އެސޯސިއޭޝަންތަކުގެ ވަލުދޮރާށިން ވަންނަ ކުދިންނަށް.
ބޭންޖަހާ
12 July 2025
އަދި ކޯޓުތަކާއި ބިންތައް ހިންގަންދެނީ އެކަޑަމީ ޖަހައިގެން ފައިސާހޯދުން ފިޔަވައި އިތުރު ކަމެއްކުރަން ނޭނގޭ 2-3 ގާތްމީހަކަށް އުމުރުދުވަހަށް.
ބެލެނިވެރިން
12 July 2025
މޮޅުކުދިން ބާކީ ކޮށްފަ ޕޭރަންޓުން ރުއްސާކަށްވެސް ކުދިންނެއް ނުނަގާނެ. މުޅިން ދޮގު ޕޭރަންޓުން އެބަތިބި ކޯޗުން ފައިސާ ދީގެން ނާއި އަދި އެހެނިހެން އެހީތައް ވެސް ކޮއްގެން ޓީމައް ނަގާފަ ލޮލް
ޯޮލޮލްސް
12 July 2025
ކަލޭމެން ކުލަބު ހިންގަން ޕޭރަންޓުން ހައްދައިގެން ފަންޑުކުރާ ވާހަކަދޯ. ލޮލް ލޮލް
އަރަފަ
12 July 2025
އެއްކަމެއްވެސް ނެތް މިފައުމުގަ ރަނގަޅުވާކަށް
ސައިނީސް
12 July 2025
ރާއްޖެއަށް ބަލާފައި މިކަން އޯކޭ ޔޭ ، ޔޫކޭ ނޫނީ އޮސްޓުރޭލިޔާއެއް ނޫނޭ ، ކުޅިވަރުގެ ކަންކަން މީ ދިވެހިންނަށް އެހާ އެހާ ކަނެއް ނޫނޭ ، ކިހިނެއްވެގެން ހޭ މިއުޅެވެނީ ދެތިން މީހަކު ކޮންބޮޑިވިޔަސް މީ ގިނަ ދިވެހިން ނަށް އެއްވެސް ކަނެއްނޫނޭ
ޓޮއިލް
12 July 2025
ކޮރަޕްޝަން ނުހުޓުވުމުގެ ހިތިނަތިއްޖަ މިފެނަންފެށި، މިހެން ދާތަން ދެވެސް ނުހުޓުވެ އެދަނީ ކުރުޔަ. މިހާރު ނުސްވެސް ކިތަމެ މަސަކަތެކުރި ނަމަވެސް ދިވެހިގެ ހާލަތު މިންވަރުކޮފައިނީ ނަޒާހަތެރި ކަން ނެތިއެވެ
50 އަހަރު އެއްބަޔަކުތިބެ
12 July 2025
އަމީންމެންގެ ވިޔަފާރި ޓެނިސްކޯޓުތަކުގައި އޮތީ. އެތާކު ޓެނިސް ކުރިއެރުވުމެއްނެތް.
ކުދިން
11 July 2025
ބައެއް ފަހަރު އެބަ ޕޭރަންޓުން ވެސް އެބަ ގަބޫލް ކުރަންޖެހޭ ކިތައްމެ Gina އަހަރު ކުަޅުނަސް ދަރި އެހާ މޮޅުނޫންކަން.
އައިނާ
11 July 2025
ތި ޓީމަށް ނާރައިގެން ތެޅޭ ޕޭރަންޓްގެ ދަރިންގެ ފެންވަރު ފެންނާނެ މިފަހަރު މުބާރަތް ކުޅެލީމަ. ހަޖަމުނުވެގެން ރޯ ބުހުތާނު ދޮގު ހަދަން ލަދެެއްވެސް ނުގަނޭ ދޯ
ޕަޕެޓް
12 July 2025
ފެންވަރު އޮތީ އިނޓަސުކޫލް ގަވެސް ފެނިފަ ދެން ކަމެއް ގޯސް ކޮއް ކޮއްގެން އެވާހަކަ ބުނާމީހާ ގޯސް ވާނީ، ކިތަންމެ ވަރަކައް ދެކޮޅު ހެދިޔަސް ގައުމީ ޓީމް ނަގާއިރު ފޭވާ ނުކުރާ ކަމަކައް ނުވާނެ
ނަޒީޒީ
12 July 2025
މޮޅުކުދިން ބާކީ ކޮށްފަ ޕޭރަންޓުން ރުއްސާކަށްވެސް ކުދިންނެއް ނުނަގާނެ. ހިޕޮކްރިޓްސް! މިފަހަރުވެސް އިންޓަ ސްކޫލް ގަ އެންމެނަށް ފެންނާނެ ފެންވަރު،
އާކޯޓު ބާމީހުނަށް
11 July 2025
ހުޅުމާލޭގައިވެސް ޓެނިސްކޯޓު އަޅާ މިހާރުތިބިމީހުނަށް ކޮންޓްރޯލް ދިނީމަ އިތުރަށް ވިޔަފާރި ރނގަޅުވެ އިތުރު ގިނަ ކުޅުންތެރިން ހަލާކުކުރެވޭނެ.