ބެޔާ ލަވަކޫސަންގެ ކޯޗު އެރިކް ޓެންހާގް: އޭނާ ބުނީ މުޅި ކެރިއާގައި އޭނާ ކުރާކަމަކީ ތަށި ހޯދުން ކަމަށް --- ފޮޓ: އޭއެފްޕީ
10 އޯގަސްޓް 2025 - 12:43
އޭނާގެ މުޅި އުމުރުގައި ވެސް ކުރާ ކަމަކީ ތަށި ހޯދުން ކަމަށާއި މިހާރުގެ ކްލަބް ބެޔާ ލެވަކޫސަނާ އެކު ވެސް އެ އުއްމީދު އެބައޮތް ކަމަށް ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
ލެވަކޫސަނަށް މިދިޔަ އަހަރުގެ ޖަރުމަނު ލީގު ކާމިޔާބުކޮށް ދިން ޒަބީ އަލޮންސޯ މިދިޔަ ސީޒަނަށް ފަހު ކްލަބް ދޫކޮށްލުމުން އެ ޓީމުގެ މަގާމަށް ގެނައީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ޓެން ހާގެވެ.
އަޔެކްސްގައި ކާމިޔާބު ހޯދި ޓެންހާގަށް ޔުނައިޓެޑްގެ ވަޒީފާ ގެއްލުނީ އެ ކްލަބްގައި އޭނާ ފެށި ޕްރޮޖެކްޓް ނާކާމިޔާބުވުމުންނެވެ. އޭނާ ފާހަގަ ކުރެވުނީ ޔުނައިޓެޑްގައި ފެއިލްވި ކޯޗެއްގެ ގޮތުގަ އެވެ.
ޕްރިމިއާ ލީގުގައި ދަށް ނަތީޖާތަކެއް ހޯދިޔަސް ގޮންޖެހުން ބޮޑު ހާލަތެއްގައި އޮތް ކްލަބާ އެކު ނެދަލެންޑްސްގެ ކޯޗު ދެ ތަށި ހޯދި އެވެ. އިނގިރޭސި ލީގު ކަޕް ޔުނައިޓެޑަށް އޭނާ ކާމިޔާބުކޮށް ދިނީ 2023 ގަ އެވެ. މިދިޔަ އަހަރު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދޯއި ދިނެވެ.
"ކަލޭމެން އަހަންޖެހޭނީ ކްލަބްގައި،" ލެވަކޫސަންގެ ކޯޗުކަމަށް އޭނާ ހަމަޖެއްސީ ހޯދާފައިވާ ތަށިތަކަށް ރިއާޔަތްކޮށްފައި ތޯ ސުވާލު ކުރުމުން ޓެން ހާގް ބުންޏެވެ.
"އެކަމަކު ހަމަ ޔަގީނުން ވެސް ތަށި ހޯދުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް. އަހަރެން މުޅި ކެރިއާގައި ކުރާ ކަމަކީ އެއީ (ތަށި ހޯދުން). އަހަރެން ބޭނުންވަނީ އެ މަރުހަލާ ކުރިއަށް ގެންދިއުމުގައި ދެމިހުރުން. އަހަރެންނަށް ލެވަކޫސަންގައި ޗެލެންޖަކީ އެއީ."
ލެވަކޫސަންގެ ކޯޗުކަން އޭނާ އަށް ދިން އިރު އެ ކްލަބްގެ ސްޕޯޓިން ޑައިރެކްޓަރު ސޮމޯން ރޯލްފެސް ފާހާގަ ކުރި އަޔެކްސްގައި ޓެން ހަގް ހޯދި ކާމިޔާބުތަކަށެވެ. އަދި ޔުނައިޓެޑްގައި ވެސް އުނދަގޫ ހާލަތެއްގއި އޭނާ ކުރީ ރަނގަޅު މަސައްކަތްތަކެއް ކަމަށް ރޯލްފެސް ފާހަގަކޮށްފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނގަމަޑު މިތުރު
10 August 2025
މުޅި ކެރިއަރުގައި، އެންމެ ގިނަ ބަލި ހޯދާ ކޯޗަށް ވުން..ކެކެ ކެކެ..