ޖަރުމަނުގެ މިޑްފީލްޑާ ފްލޮރިއާން ވާޓްޒް: އޭނާ ގެންދަން ލިވަޕޫލުން ވަނީ ތިންވަނަ ބިޑެއް ވެސް ހުށަހަޅާފަ
02 ޖޫން 2025 - 05:54
ފްލޮރިއަން ވާޓްޒް ގެންދަން ލިވަޕޫލުން ދެވަނަ ފަހަރަށް ހުށަހެޅި ބިޑް ވެސް ބަޔާ ލެވަކޫސަނުން ބަލައި ނުގަނެ އަނބުރާ ރައްދުކޮށްފި އެވެ.
ޖަރުމަނުގެ ކުޅިވަރު ނޫސް "ކިކާ" އިން ބުނީ ލިވަޕޫލުން ފުރަތަމަ ހުށަހެޅީ 114 މިލިއަން ޑޮލަރުގެ ބިޑެއް ކަމަށެވެ. އެ ބިޑް ބަލައި ނުގަންނަން ޖަރުމަނުގެ ޓީމުން ނިންމީ އެއަށް ވުރެ ބޮޑު އަގެއް ވާދަވެރި ބެޔާން މިޔުނިކުން އޭރު ހުށަހަޅައިފައި ވުމުންނެވެ.
މިދިޔަ ހަފުތާގެ ފަހުކޮށް ލިވަޕޫލުން ވަނީ 147 މިލިއަން ޑޮލަރަށް މަތިކޮށް ދެވަނަ ފަހަރަށް ބިޑް ހުށަހަޅައިފަ އެވެ. އެ ބިޑް ވެސް ލެވަކޫސަނުން ބަލައި ނުގަނެ އަނބުރާ ރައްދު ކުރި ކަމަށް ކިކާއިން ބުންޏެވެ.
އިނގިރޭސި މިޑީއާތަކުން ބުނީ ތިންވަނަ ބިޑް ލިވަޕޫލުން ހުށަހެޅީ އިތުރު ބޯނަސްއާ އެކު ޖުމުލަ 170 މިލިއަން ޑޮލަރާ ގާތްކުރާވަރުގެ ޕެކޭޖެއް ހިމަނައިގެން ކަމަށެވެ.
އެއާ އެކު މިހާރު އޭނާ ސޮއި ކުރުވުމާ ގާތަށް ލިވަޕޫލަށް ދެވިއްޖެ ކަމަށް ވެސް މީޑީއާތަކުން ބުންޏެވެ.
އިނގިރޭސި ލީގު ޗެމްޕިއަން ލިވަޕޫލުން އާ ސީޒަނަށް ވާ ތައްޔާރީތަކުގައި އެ ޓީމުގެ މެދުތެރެ ވަރުގަދަ ކުރަން ކޯޗު އާން ސްލޮޓްގެ ބޭނުންވާ ކުޅުންތެރިޔަކީ ވާޓްޒް އެވެ. އެހެންވެ ޕެކޭޖް އަގުބޮޑުކޮށްގެން ވެސް އޭނާ ގެންދަން ލިވަޕޫލުން އޮތީ ތައްޔާރަށެވެ.
އުމުރުން 22 އަހަރުގެ ވާޓްޒާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ލިވަޕޫލުން ސޮއި ކުރާ ނެކަމަށް ބެލެވެ އެވެ.
މިދިޔަ ހަފުތާގައި ލިވަޕޫލުން ވަނީ ލެވަކޫސަންގެ ޑިފެންޑަރު ޖެރްމީ ފްރިމްޕޯން ލައްވައި ސޮއި ކުރުވާފަ އެވެ. ނެދަލެންޑްސްގެ ޑިފެންޑަރު ލިވަޕޫލަށް ގެންދިޔައީ އެ ކްލަބް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ކަނާތު ބެކް ޓްރެންޓް އެލެގްޒެންޑާ އާނޯލްޑްގެ މަގާމު ފޫބެއްދުމަށެވެ. އޭނާ ސޮއި ކުރުވަން ލިވަޕޫލުން ހޭދަ ކުރީ 47 މިލިއަން ޑޮލަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy