ޕީއެސްޖީގެ ކީޕަރު ޑޮނަރުއްމާ: ޔޫއެފާ ސުޕަ ކްޕް މެޗަށް އެ ޓީމުން ވާނީ އޭނާ ބާކީކޮށްފަ
12 އޯގަސްޓް 2025 - 07:35
ޔުއެފާ ސުޕަ ކަޕްގެ މެޗަށް ޕީއެސްޖީން އެކުލަވާލި ސްކޮޑުން ޓީމުގެ އެއްވަނަ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ބާކީ ކޮށްފި އެވެ.
ބުދަ ދުވަހުގެ ރޭ، ޓޮޓްނަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗަށް ރަޖިސްޓަރީ ކުރީ ސްކޮޑްގައި އިޓަލީގެ ކީޕަރު ނުހިމެނީ އޭނާގެ ޓްރާންސްފާ އަށް މަގުފަހި ކުރަންކަމަށް މީޑިއާތަކުން ބުނެ އެވެ.
ޕީއެސްޖީން ވަނީ ލިލްގެ ކީޕަރު ލޫކަސް ޝުވާލިއޭ ސޮއި ކުރުވާފަ އެވެ. ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ފުރުސަތު ދޭނީ އޭނާ އަށް ކަމަށް ބެލެވެ އެވެ.
މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގު ޕީއެސްޖީ އަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ޑޮނަރުއްމާ އެވެ. އޭނާގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަ ކުރިއަށްގެންދަން ޕީއެސްޖީން ބޭނުންވި ނަމަވެސް އެ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އޭނާއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވާނެ އެވެ.
ޓްރާންސްފާ ޚަބަރުތައް ބުނާގޮތުގައި ޑޮނަރުއްމާ ގެންދަން މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވެ އެވެ. އެ ޓީމު އަލުން ބިނާކުރަން ކޯޗު ރުބެން އަމޯރިމް އެކުލަވާލާފައިވާ ޕްލޭނުގައި އެ ޓީމުގެ މިހާރުގެ ކީޕަރު އަންޑްރޭ އޮނާނާ ހިމަނަން އަމޯރިމް ބޭނުމެއް ނުވެ އެވެ.
އޮނާނާ އަށް ބަރޯސާވުން، އަމޯރިމް ދޫކޮށްލެވޭނީ އޭނާ ބޭނުންވާ ފެންވަރުގެ ކީޕަރަކު ލިބިގެންނެވެ. އަމޯރިމްގެ ލިސްޓްގައި އެންމެ ފުރަތަމަ ހިމެނޭ ނަމަކީ ޑޮނަރުއްމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy