އއ. އަތޮޅު ކައުންސިލުގެ ރައީސް އަރުސަލާން (ވ) އާއި ނައިންޓީ ޕްލަސްގެ މެނޭޖިން ޑިރެކްޓަރު ޝާޒްލީ، އއ. އަތޮޅުގެ ޗެމްޕިއަން ޓީމަށް ގޯލްޑް ކަޕުން ފުރުސަތު ދޭ ގޮތަށް ދެ ފަރާތުގެ ދެމެދުގައި ވަނީ އެއްބަސްވުމެއް އެކުލަވާލާފަ
14 އޯގަސްޓް 2025 - 13:03
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އއ. އަތޮޅުގައި ފުޓްބޯޅަ މުބާރާތް އަލުން ފަށަން އެ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.
ހޭންޑްބޯޅަ އާއި ވޮލީ އަދި ފުޓްސަލްގެ ފޯރި ގަދަ އއ. ގެ އަތޮޅުގައި އަހަރުތަކެއްގެ މެދުކަނޑުމަކަށް ފަހު ބާއްވާ އިލެވެން ސައިޑް މުބާރަތަކީ "އަރި އުތުރު" ކުޅިވަރު ފެސްޓިވަލުގެ ނަމުގައި ބާއްވާ ކުޅިވަރު އީދުގައި މި ފަހަރު ހިމެނޭ އެއް މުބާރާތެވެ. އެ އަތޮޅު ކައުންސިލުގެ ރައީސް ހުސައިން އަރުސަލާން ވިދާޅުވީ ކޮންމެ އަހަރަކު ވެސް "އަރި އުތުރު" ކުޅިވަރު ފެސްޓިވަލުގެ ނަމުގައި ދެ ޖިންސަށް ވަކިން މުބާރާތްތައް އެ އަތޮޅު ކައުންސިލުން ބާއްވާ ކަމަށެވެ.
ފާއިތުވި އަހަރު ވޮލީ އާއި ހޭންޑްބޯޅަ އެވެ. ނަމަވެސް ބޮޑު ފުޓްބޯޅަ މުބާރާތެއް އަތޮޅު ފެންވަރުގައި ނުބާވާތާ 10 އަހަރު ވެދާނެ ކަމަށް އޭނާ އަންދާޒާ ކުރެ އެވެ.
މުބާރާތް ބާއްވަން، އިއުލާންކޮށް އެ އަތޮޅު ކައުންސިލުން ވަނީ، ގޯލްޑް ކަޕް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްއާ އެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ އެބަސްވުމާ އެކު "އަރި އުތުރު' ކުޅިވަރު ފޯވަހީގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް، ކައުންސިލުން ދޭ 50،000ރ. ގެ އިނާމާއި ތައްޓާ އެކު މިފަހަރުގެ ގޯލްޑް ކަޕުގެ ޖާގަ ކަށަވަރުވާނެ އެވެ.
އަރުސަލާން ވިދާޅުވީ މުބާރާތުގައި ބައިވެރިވާން ހުޅުވާލުމުން އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށުގެ ތެރެއިން ހަ ރަށަކުން މިހާތަނަށް ބައިވެރިވެފައިވާ ކަމަށެވެ. އަރި އުތުރުގެ ކުޅިވަރު ފެސްޓިވަލުގައި އަންހެން ބައިގައި މިފަހަރު ވެސް ބާއްވަނީ ހޭންޑްބޯޅަ އެވެ. ހޭންޑްބޯޅައިގައި ފަސް ރަށަކުން ޓީމުތައް ބައިވެރިވެފައިވާ ކަމަށް އަރުސަލާން ވިދާޅުވި އެވެ.
އިލެވެން ސައިޑް ފުޓްބޯޅަ މުބާރާތްތައް އެ އަތޮޅުގައި މިދިޔަ އަހަރުތަކުގައި ބޭއްވިފައި ނެތް ސަބަބެއް ކަމަށް އަރުސަލާން ލަފާ ކުރައްވަނީ ޓާފް ބޮޑު ދަނޑުތައް މީގެ ކުރިން ނެތުމެވެ.
ނައިންޓީ ޕްލަސްއިން އއ. އަތޮޅު ކައުންސިލާ އެކު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އަތޮޅުގެ ގިނަ ރަށްރަށުގައި މިނީ ޓާފް ދަނޑުތައް އަޅާފައި އެބަހުއްޓެވެ. ފުޓް ޕިޗް ޓާފް ދަނޑުތައް މިހާރު އެ އަތޮޅުގެ ބައެއް ރަށްރަށުގައި ހުރީ ނިމިފަ އެވެ.
"ބޮޑު ފުޓްބޯޅަ ނެތް ސަބަބަކަށް ވެދާނެ ދަނޑުތައް ނުނިމި ހުރީމަ ނުބޭއްވި ދިޔައީ ކަމަށް. ކުރީގެ ސަރުކާރުން ހަދަން ފެށި ދަނޑުތަކެގެ ތެރެއިން ބައެއް ދަނޑުތައް ނިމި، މިހާރު ވަނީ ބޭނުން ކުރަން ފަށާފަ،" އަރުސަލާން ވިދާޅުވި އެވެ.
އޭގެ ތެރެއިން އެއް ރަށަކީ އަރި އުތުރު ކުޅިވަރު ފޯވަހި މިފަހަރު ބާއްވާ ރަސްދޫ އެވެ. ފުޓްބޯޅަ އާއި ހޭންޑްބޯޅައިގެ އަތޮޅު މުބާރާތް ވެސް އަންނަ މަހު އެ ރަށުގައި ފަށާނެ އެވެ.
އއ. އަތޮޅަކީ ކުރިން ފުޓްބޯޅައިގައި ބޮޑު މަގުބޫލުކަމެއް އޮތް އަތޮޅެކެވެ. އެ އަތޮޅަށް ނިސްބަތްވާ ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނިގެން އެ އަތޮޅު މާޅޮހުން ވަނީ 2016 ގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް ވާދަކޮށްފަ އެވެ. އޭރު އެ ޓީމުގެ ކޯޗަކީ، ނައިންޓީ ޕްލަސްގެ އެއް ހިއްސާދާރު އަލީ ނިސްތާރު މުހައްމަދެވެ.
ގޯލްޑް ކަޕްގައި މިފަހަރު 28 ޓީމަށް ފުރުސަތު ދޭން، ނައިންޓީ ޕްލަސްއިން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 18 ޓީމެއް ކަނޑައަޅާނީ 18 އަތޮޅުގައި ބާއްވާ ކޮލިފައިން މުބާރާތުންނެވެ. އަނެއް 10 ޖާގައިގެ ތެރެއިން އަށް ޖާގަ އަކީ މިދިޔަ އަހަރު މުބާރާތުގެ ގަދަ އަށް ޓީމަށް އޮޓޮމެޓިކް ކޮލިފައިންގެ ގޮތުގައި ކަނޑައަޅާފައިވާ ޖާގަތަކެވެ.
އެ އަށް ޖާގަ ލިބެނީ؛ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލުގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓަށެވެ.
އަނެއް ދެ ޖާގައަކީ އިންވިޓޭޝަން އުސޫލުން ކުޅުދުއްފުށީ ސިޓީ އާއި ތިނަދޫ ސިޓީ އަށް ދޭ ދެ ޖާގަ އެވެ.
ރަށްތަކާއި ސިޓީތަކަށް ހުޅުވާލައިގެން ބޭއްވަން ފެށި މުބާރާތުގައި، ރާއްޖޭގެ ފަސް ސިޓީގެ ތެރެއިން ބައިވެރި ނުވަނީ އެ ދެ ސިޓީ އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުބޯޅަ
14 August 2025
ބޮޑު ފުޓުބޯޅައަކީ 80 ގެ އަހަރުތަކުގަ ކުޅުނު ބޮޑުބޯޅަ ޖަހާ ފުޓުބޯޅަ ދޯ؟