ސިޓީ ތަކާއި ރަށްތަކަށް ހުޅުވާލައިގެން 2014 ގައި ބާއްވަން ފެށި ވޯލްޑް ކަޕްގެ ދެވަނަ އެޑިޝަންގެ މުބާރާތް ކ. ހިންމަފުށީގައި ބާއްވަން އިއުލާންކޮށްފި އެވެ. 

ގޯލްޑް ކަޕް އިންތިޒާމުކުރާ ނައިންޓީ ޕްލަސް އާއި ކ. ހިންމަފުށީ ކައުންސިލާ ދެމެދު ވަނީ، މުބާރާތް ބޭއްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފަ އެވެ. 

މުބާރާތް ބާއްވާނީ ޖުލައި 25 ން އޯގަސްޓް 30 ގެ ނިޔަލަށެވެ. ހިންމަފުއްޓަކީ، މީގެކުރިން ގޯލްޑް ކަޕް ކޮލިފައިންގެ ކ. އަތޯޅުގެ ކޮލިފައިން މުބާރާތް ބާއްވަން ހަމަޖެއްސި ރަށެވެ.

މި އަހަރުގެ މުބާރާތުގައި 28 ޓީމަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމުގެ އިތުރުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އެވެ. ރައްޖޭގެ ފަސް ސިޓީގެ ތެރެއިން މިދިޔަ އަހަރު މުބާރާތުގައި ވާދަ ނުކުރަނީ އެ ދެ ސިޓީ އެވެ.

ގޯލްޑް ކަޕްގެ ދެވަނަ އެޑިޝަން ކ. ހިންމަފުށީގައި ބާއްވަން އިއުލާންކޮށް، އެ ރަށު ކައުންސިލާ އެކު ނައިންޓީ ޕްލަސްއިން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ގޯލްޑް ކަޕްގެ ދެވަނަ އެޑިޝަން ކ. ހިންމަފުށީގައި ބާއްވަން އިއުލާންކޮށް، އެ ރަށު ކައުންސިލާ އެކު ނައިންޓީ ޕްލަސްއިން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ މުބާރާތުގެ ގަށަ އަށެއްގެ ހިމެނިގެން މިފަހަރުގެ މުބާރާތުން އޮޓޮމެޓިކް ކޮލިފައިން ލިބުނު ޓީމުތަކަކީ ޗެމްޕިއަން ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކާއި ކ. ގުރައިދޫ ޅ. ނައިފަރު އަދި ކ. މާފުއްޓެވެ.

ގޯލްޑް ކަޕް މިފަހަރުގެ ފޯމެޓް:

- ޖުމުލަ 28 ޓީމު

- މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ 8 ޓީމަށް އޮޓޮމެޓިކް ކޮލިފައިން

- އިންވިޓޭޝަން ޖާގަ ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އަށް

- ބާކީ 18 ޖާގައަކީ 18 އަތޮޅުން އެއް ޓީމަކަށް. ކޮންމެ އަތޮޅަކުން އެއް ޓީމަށް ވުރެ ގިނައިން ބައިވެރިވެއްޖެނަމަ، އެ އަތޮޅަކުން ވާދަކުރާނެ ޓީމެއް ކަނޑައަޅާނީ، ކޮލިފައިން މަރުހަލާއަކުން،

 މުބާރާތުގައި ވާދަކުރާ 28 ޓީމު ބަހަލާނީ ހަތް ގުރޫޕަށެވެ. ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމެވެ. ދެ ވަނަ ބުރަށް ދަތުރު ކުރާނީ ގަދަ 16 ޓީމެވެ. ކޮންމެ ގުރޫޕެއްގެ ގަދަ ދެ ޓީމަށް ދެވަނަ ބުރުގެ ޖާގަ އޮޓޯއިން ކަށަވަރު ވާނެ އެވެ. ދެން ޖާގަ ލިބޭނީ ހުރިހާ ގުރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ދެ ޓީމަށެވެ.

ގާތްގަނޑަކަށް 35 ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ މުބާރާތުގައި ޖުމުލަ 42 މެޗު ކުޅޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދެ މެޗެވެ.