17 އޯގަސްޓް 2025 - 11:46
ރެއާލް މަޔޯކާގެ ކުޅުންތެރިންގެ އަދަދު ނުވަޔަކަށް ދަށްވުމުން ވެސް، އެ ޓީމާ ދެކޮޅަށް ބާސެލޯނާ އަށް ދެއްކުނީ 50 ޕަސަންޓްގެ ކުޅުން ކަމަށް ކޯޗު ހެންސީ ފްލިކް ބުނެފި އެވެ.
އާ ސީޒަގެ ފުރަތަމަ މެޗުގައި ލަލީގާގައި ރެއާލް މަޔޯކާއާ ދެކޮޅަށް ބާސާއިން ރޭ ކުޅުނު މެޗު ކާމިޔާބު ކުރީ 3-0 ންނެވެ. ފުރަތަމަ ހާފުގައި މަޔޯކާގެ ދެ ކުޅުންތެރިންނަށް ދެއްކި ރަތްކާޑާ އެކު އެ ޓީމުން މެޗުގެ ބޮޑުބައެއް ފުރިހަމަ ކުރީ ނުވަ ކުޅުންތެރިންނާ އެކު އެވެ.
ތިން ޕޮއިންޓް ލިބުނަސް، ފްލިކް ހުރީ ހިތްހަމަނުޖެހިފަ އެވެ. އޭނާ ބުނީ ކުޅުންތެރިން މެޗު ފަސޭހަކޮށްލީ ކަމަށެވެ.
"ނުވަ ކުޅުންތެރިންނާ ދެކޮޅަށް 50 ނުވަތަ 60 ޕަސަންޓް ކުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއަށްވުރެ އަވަހަށް ކުޅެން އެބަޖެހޭ. ބައެއް ހާލަތްތަކުގައއި އިތުރަށް މަސައްކަތް ކުރަން ޖެހޭ،" މިދިޔަ ސީޒަނުގައި ލަލީގާ އާއި ސްޕެނިޝް ކަޕް ބާސާ އަށް ހޯދައިދިން ކޯޗު ބުންޏެވެ.
މެޗު ފެށިގެން ހަތްވަނަ މިނެޓްގައި ރަފީނިއާ ބާސާ އަށް ލީޑް ނަގައި ދިނެވެ. އެ ޓީމުގެ ދެވަނަ ލަނޑު ފެރާން ޓޯރޭޒް ޖެހިޔަސް، އޭރު ދަނޑުމަތީގައި އޮތް ހާލަތުގެ ސަބަބުން މަޔޯކޯގެ ހިތްހަމަނުޖެހުން ފެނުނެވެ.
ފެރާން ޓޯރޭޒް އެ ގޯލް ޖެހިއިރު މަޔޯކާގެ ޖައުމެ ކޯސްޓާ ދަނޑު މަތީގައި ވެއްޓިފައި އޮތެވެ. އެކަމަކު ކުޅުން މެދުކަނޑާނުލައި ކުޅުނެވެ. ބޯޅަ ބޭރަށް ޖަހައި ފެއާޕްލޭ އަށް ދޫކޮށްލަން ބާސާގެ ކުޅުންތެރިން ވެސް މަސައްކަތެއް ނުކުރި އެވެ.
ފްލިކް ވަނީ ބާސާގެ އެ ނިންމުން ދިފާއުކޮށްފަ އެވެ. އޭނާ ބުނީ ކުޅުން މެދުކަނޑާނުލައި ކުރިއަށް ގެންދަން ލަފާ ދިނީ އޭނާ ކަމަށެވެ.
"ކުޅުން މެދުކަނޑާލާނީ ރެފްރީ އެންގީމަ. ރެފްރީ އެކަމަށް ނާންގާހާ ހިދަކު އަހަރެމެންޖެހޭނެ ކުޅުން ކުރިއަށްގެންދަން. އެކަމަކު އިދިކޮޅު ޓީމަށް އެކަން ބަލައެއް ނުގަނެވޭނެ. އެ ބެންޗުގައި އަހަރެން ހުރިނަމަވެސް ހިތްހަމަނުޖެހޭނެ." ފްލިކް ބުންޏެވެ.
ބާސާގެ އަނެއް ލަނޑު ޖެހީ ލަމީން ޔަމާލެވެ. ކުޅުންތެރިން ރަޖިސްޓަރީ ކުރުމުގައި ގޮންޖެހުންތައް ކުރިމަތިވި ބާސާ އަށް މައްސަލަ އަށް ހައްލު ލިބުނީ މެޗަށް ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް އޮތް މުހުލަތުގެ ފަހު ވަގުތުގަ އެވެ.
އަލަށް ސޮއި ކުރުވި، ކީޕަރު ޔޮއާން ގާސީއާ އާއި މާކޯސް ރަޝްފޯޑް މެޗުގައި ކުޅުނެވެ. ރަޝްފޯޑް ކުޅުނީ 30 މިނެޓް އެވެ. ގާސީއާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނަނ
17 August 2025
ޥަރަށް ފޫހި މެޗެއް