17 އޯގަސްޓް 2025 - 14:19
އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގައި އިންޑިއާގެ ގޯއާ އެފްސީއާ ދެކޮޅަށް ކުޅެން ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރަށް ޖެހިއްޖެ އެވެ.
އޭޝިއާގެ ދެވަނަ ފަންތީގެ މުބާރާތުގައި ގޯއާ ލައްވާލީ ނަސްރުގެ އިތުރުން ތަޖިކިސްތާނުގެ އެފްސީ އިސްތިގްލާލް އަދި އިރާގުގެ އައް ޒައުރާއާ އެކު ގުރޫޕް ޑީ ގަ އެވެ.
ނަސްރާ ދެކޮޅަށް، އިންޑިއާގައި ގޯއާ ކުޅޭ މެޗު އޮންނާނީ އޮކްޓޯބަރު 22 ގަ އެވެ. މެޗު ކުޅޭނީ ގޯއާގަ އެވެ.
ގޯއާ އެފްސީގެ ސީއީއޯ ރަވީ ޕުސްކުރް ވިދާޅުވީ ރޮނާލްޑޯ އިންޑިއާ އަށް އައުމަކީ ހަޔާތުގެ އެއް ފަހަރު ލިބޭ ފަދަ ފުރުސަތެއް ކަމަށެވެ.
"އައް ނަސްރު އަދި ކްރިސްޓިއާނޯ ރޮނާލްޑޯގެ މެޗު އިންޑިއާގައި ބޭއްވުމަކީ ކްލަބް ފުޓްބޯޅައިގައި ތާރީހުގައި އިންޑިއާގައި ބާއްވާ އެންމެ ބޮޑު މެޗު. އެކަމާ މެދު ސުވާލެއް ވެސް ނެތް. މިއީ އިންޑިއާގެ ފުޓްބޯޅަ އަށް ވެސް ތާރީހީ ކަމެއް،" ޕުސްކުރް ވިދާޅުވި އެވެ.
ކޮލިފައިން މަރުހަލާގައި އޮމާނުގެ އަލް ސީގް ބަލި ކުރުމަށް ފަހު މުބާރާތުގެ ގުރޫޕް ސްޓޭޖުން ޖާގަ ހޯދި ކްލަބްގެ ސީއީއޯ ވިދާޅުވީ އޭނަގެ ކްލަބް ނަސްރާ ދެކޮޅަށް ކުޅެން ފުރުސަތު ހޯދީ ފެންވަރު ސާބިތުކޮށްދީގެން ކަމަށެވެ.
"އަނެއްކާ މިކަލަހަލަ މެޗަކުން (އޭޝިއާ) ބައްރުގައި އަހަރެމެންނަށް ވާދަކުރެވޭނެކަން ވެސް ދައްކާލުމުގެ ފުރުސަތު މި ލިބެނީ، ކުޅިވަރުގެ އެންމެ ބޮޑު ވާހަކަތަކުގެ ބަޔަކަށް މިކަން ވެގެންދާނެ،" ޕްސްކުރް ވިދާޅުވި އެވެ.
ރޮނާލްޑޯ އަށް ފަހު ނަސްރުގައި ދެން އެންމެ މަޝްހޫރު ތަރިންނަކީ ސެޑިއޯ މާނޭ. ކިންގްސްލީ ކޯމަން އާއި އައިމެރިކް ލަޕޯޓް އަދި އަލަށް ސޮއި ކުރުވި ޔޯއާ ފެލިކްސް އެވެ.
ޕްސްކުރް ވިދާޅުވި ގޮތުގައި އެ ކުޅުންތެރިންނާ ދެކޮޅަށް އިންޑިއާގެ އަމިއްލަ ފަސްގަނޑުގައި ކުޅުމަކީ އެ ގައުމުގެ ފުޓްބޯޅަ އަށް ދުނިޔޭގެ ސަމާލުކަން ވެސް ލިބޭނެ ކަމެކެވެ.
"އެންމެ މުހިންމު ކަމަކީ މުޅި އިންޑިއާގެ ސަޕޯޓަރުންގެ މެދުގައި އިންޑިއާގެ ފުޓްބޯޅަ އަށް ބޮޑު ޝައުގުވެރިކަމެއް އުފެއްދުމުގެ ފުރުސަތެއް ލިބުން. އެ ކުޅިވަރަށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންވި ސަމާލުކަން ލިބުން،" އައް ނަސްރާ ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ޕުސްކުރް އިތުރަށް ވިދާޅުވި އެވެ.
އިންޑިއާގެ ފުޓްބޯޅަ އަށް މި ވަގުތަކީ ގޮންޖެހުން ބޮޑު ދަނޑިވަޅެކެވެ. އެ ގައުމުގެ ސުޕަ ލީގު އަންނަ މަހު ފަށަން ހަމަޖެހިފައި އޮތް ނަމަވެސް، ސުޕަ ލީގާއި އިންޑިއާގެ އެފްއާ ދެމެދު އެއްބަސްވުން އާ ނުކުރެވޭތީ ލީގު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަން
17 August 2025
ރޮނާލްޑޯ ނުލާ ތި މެޗަށް ނަސްރު އަންނާނީ. ބަލަން ތިބޭ.
އެގްރީމަންޓް
19 August 2025
ރޮނާލްޑޯގެ ކޮންޓްރެކްޓްގައި ވަކި މާއްދާއެއް އޮންނަ ކަމަށްވަނީ، އަވޭ މެޗްތަކުގައި ރޮނާލްޑޯ ދަތުރު ނުކުރިޔަސް އެއީ މައްސަލައެއް ނޫންކަމަށް. ވީމާ، ރޮނާލްޑޯ ނުހިމަނައި ނަސްރު ޓީމު ފުރާނެކަމަށް ބެލެވެނީ