20 އޯގަސްޓް 2025 - 10:56
ކިލިޔަން އެމްބާޕޭގެ ކުޅުން މިހާރު ތަފާތު ވެއްޖެ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.
ލަލޫގާގައި ރެއާލްގެ ފުރަތަމަ މެޗުގައި އޮސަސޫނާއާ ދެކޮޅަށް ރޭ ކުޅުނު މެޗުން މެޑްރިޑްގެ ޓީމު މޮޅުވީ 1-0 ންނެވެ. ނަތީޖާގެ ތަފާތަކަށް ވީ ޕެނަލްޓީއެކެވެ. ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު އެ ޕެނަލްޓީ ވައްދާލައި އެމްބާޕޭ ލަނޑު ޖެހި އެވެ.
ޒަބީ ބުނީ މިދިޔަ އަހަރަށް ވުރެ އެމްބާޕޭގެ ކުޅުން ތަފާތު ވެއްޖެ ކަމަށެވެ. ރެއާލްގެ 10 ނަންބަރު ޖޯޒީ، އެ ކްލަބުން ދިނީ އެމްބާޕޭ އަށެވެ.
ޒަބީ ބުނި ގޮތުގައި އެމްބާޕޭގެ ފަރާތުން ތަފާތު ފެނުނީ އޭނާގެ އާ ޖޯޒީ ނަންބަރުން ކަމަށް ވެސް ވެދާނެ އެވެ.
"އޭނާގެ ފުރަތަމަ އަހަރު ވެސް ވަރަށް ގިނަ ކަންކަން ހާސިލު ކުރި ކިލިޔަން [އެމްބާޕޭ] މިހާރު މާ ބޮޑަށް ބޭނުންވޭ ކާމިޔާބު ހޯދަން. އޭނާގެ ކިބައިން އެކަމަށް ފެންބޮވައިގެންފައި ހުންނަވަރު ފެނޭ،" ޒަބީ ބުންޏެވެ.
"އަހަންނަކަށް ނޭނގެ ބުނާކަށް އެއީ އޭނާގެ އާ ޖޯޒީ ނަންބަރުގެ ސަބަބުން އައިސްފައިވާ ރޫހެއް ކަމެއް. ނުވަތަ ކާމިޔާބު ހޯދަން އޭނާގެ އަޒުމު އިތުރަށް ވަރުގަދަ ވީކަމެއް ވެސް. ޖަމާއީ ގޮތެއްގައި ނޫނީ ފަރުދީގޮތުން ވެސް ނޫނީ އޭނާ ޖަހާ ގޯލްތަކުގެ އަދަދުން ނަމަވެސް. އެކަން ދައްކައިދެންޏާ އެއީ ވަރަށް ރަނގަޅު ކަމެއް.
"ދުވަހުން ދުވަހަށް ކިލިޔަންގެ ކުޅުން ފެންނަ މީހެއްގެ ހައިސިއްޔަތުން އަހަންނަށް ފެންނާނީ އޭނާ އެކަމަށް ފެންބޮވައިގެންފައި ހުންނަތަން. އެނާގެ ކުޅުމުން ވެސް ދައްކާ އެ ތަފާތު. އެއީ ތަފާތެއް."
ރެއާލްގެ އަމިއްލަ ދަނޑު، ސެންތިއާގޯ ބާނަބުއޭގައި އެ ޓީމުގެ ޖޯޒީގައި ފުރަތަމަ ފަހަރަށް ހަތަރު ކުޅުންތެރިޔަކު ކުޅުނެވެ. ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް، ޑީން ހައުސަން އަލްވާރޯ ކަރެރަސް އަދި ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުނު ފްރެންކޯ މަސްޓަންޓުއޯނޯ ހިމެނެ އެވެ.
ކުރިން ރެއާލް އަށް ކުޅުނު ޒަބީ ބުނީ އެ ކްލަބްގެ ސްޓޭޑިއަމްގެ ޕްރެޝަރާއި އެ ޖޯޒީގެ ބުރަދަނުގެ ސަބަބުން އެ ކުޅުންތެރިންނަށް އެއްވެސް އަސަރެއް ނުކުރި ކަމަށެވެ. އެހެންވެ ބާނެބުއޭގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކިކަމަށް ޒަބީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
20 August 2025
ސާބަހޭ