16 ސެޕްޓެމްބަރ 2025 - 08:40
ވޯލްޑް ކަޕް ކޮލިފައިންގައި ނޯވޭ، އަންނަ މަހު އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން ޣައްޒާއަށް އެހީތެރިވާން ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.
ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ، ލީސާ ކްލޭވްނެސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އަންނަ މަހުގެ 11 ވަނަ ދުވަހު އެގައުމުގެ ވެރިރަށް އޮސްލޯގައި ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ޓިކެޓް ފައިސާ، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވާ މެޑިކަލް ޓީމް، ޑޮކްޓާސް ވިތައުޓް ބޯޑާސް އަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މެޗު ކުޅެވިގެންދާނީ ލާއިންސާނީ އަމަލުތަކެއް ހިންގަމުންދާ ފަރާތްތަކަކާ ދެކޮޅަށް ކަމަށާއި މިކަމަކީ އަޅާނުލާ ދޫކޮށްލެވޭ ވަރަށްވުރެ މާ ބޮޑު ކަމެއް ކަމަށެވެ.
"އަހަރެމެން ދެކޭގޮތުގައި ޓިކެޓް ސޭލްސްގެ ފައިސާ، ޣައްޒާގައި އެމަޖެންސީ އެހީ ފޯރުކޮށްދެމުން އަންނަ ޑޮކްޓާސް ވިތައުޓް ބޯޑާސް އަށް ހަދިޔާކުރުމަކީ ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ނިންމުމެއް،" ކުރިން ނޯވޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ވެސް ކުޅެފައިވާ ލީސާ ކްލޭވްނެސް، އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރަމުން ވިދާޅުވި އެވެ.
ނޯވޭގައި އިޒްރޭލާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ 27،000 މީހުންގެ ޖާގައިގެ އުލްވާލް ސްޓޭޑިއަމްގަ އެވެ. އަދި މި މެޗުގެ ޓިކެޓް މިހާރު ވަނީ ވިކި ހުސްވެފަ އެވެ.
ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ނޯވޭ ބްރާންޗްގެ ސެކްރެޓަރީ ޖެނެރަލް ލިންޑިސް ހުރުމް ވަނީ، މި މެޗުގެ ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް މިވަގުތު މާލީ އެހީތެރިކަމުގެ އިތުރުން ނަފްސާނީ އެހީތެރިކަން ވެސް އިންތިހާއަށް ބޭނުންވެފައިވާކަން އޭނާ ފާހަގަ ކުރި އެވެ.
ފަސް ޓީމު ހިމެނޭ ވޯލްޑް ކަޕް ކޮލިފައިން ގުރޫޕުގައި ނޯވޭ އޮތީ އިޓަލީ އާއި އިޒްރޭލަށްވުރެ ކުރީގައި، ގުރޫޕްގެ އެއް ވަނައިގަ އެވެ. ނޯވޭ މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް 15 ޕޮއިންޓް ހޯދާފައި ވާއިރު، އިޓަލީ އޮތީ އެއް މެޗު މަދުން ކުޅެގެން ނުވަ ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އިޒްރޭލު ތިންވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.
އިޒްރޭލާ ދެކޮޅަށް ނޯވޭ ކުޅުނު އަވޭ މެޗު މިދިޔަ މާޗު މަހު ކުޅެފައިވަނީ ނިއުޓްރަލް ދަނޑެއްގަ އެވެ. ހަންގޭރީގައި ކުޅުނު އެ މެޗު ނޯވޭ ކާމިޔާބު ކުރީ 4-2 އިންނެވެ. މިދިޔަ ހަފްތާ އިޓަލީ ވަނީ ހަންގޭރީގައި އިޒްރޭލާ ދެކޮޅަށް ކުޅުނު ކޮލިފައިން މެޗުން 5-4 އިން މޮޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮން
16 September 2025
ހެހެހެ.. އައްޒާއިން މީހުން ބޭރުކޮށްފަ، ދެން އެހީ ދޭނީ ކޮން ބަޔަކަށް؟؟؟