ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އިޒްރޭލް  ސަސްޕެންޑް ކުރުމަށް ގޮވާލާ ގޮވާލުންތައް ފަލަސްތީނުން ވަރުގަދަކޮށްފި އެވެ.

ފަލަސްތީނުގެ މި ގޮވާލުން ވަރުގަދަ ކުރީ އިޒްރޭލުން ނަސްލީ ތަފާތުކުރުންތަކާއި އިހާނެތި އަމަލުތައް ހިންގާފައިވާކަން ހާމަކުރި  ފީފާގެ ރިޕޯޓަށް ފަހުގައެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް ވިދާޅުވީ، އިޒްރޭލުގެ އެސޯސިއޭޝަނުން ފީފާގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ފީފާއިން ރިޕޯޓުގައި ބުނެފައިވާ ތީ އެ ގައުމު ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން ބޭރުކުރަން ޖެހޭނެ ކަމަށެވެ.

ފީފާއިން ދާދިފަހުން ވަނީ ނަސްލީ ތަފާތުކުރުންތަކާ ގުޅޭ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަން 150,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ.

ނަމަވެސް، ރަޖޫބް ވިދާޅުވި ގޮތުގައި މި އަދަބަކީ އެކަށީގެންވާ ވަރުގެ އަދަބެއް ނޫނެވެ. އޭނާ ވިދާޅުވީ އިޒްރޭލުގެ ބައެއް ކްލަބުތަކުން، ހާއްސަކޮށް ބީޓާ ޖެރޫސަލަމް ފަދަ ކްލަބުތަކުން، ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހިންގާއިރު ވެސް އިޒްރޭލުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.

ފަލަސްތީނުގެ ބިމަށް އިޒްރޭލުން ގަދަކަމުން ވެރިވެ ގަނެ އާބާދީތަކަށް ވަޒަންވެރި ކުރުވައި އެ ސަރަހައްދުގެ ފުޓްބޯޅަ ކްލަބުތައް އިޒްރޭލުގެ ލީގުގައި ކުޅެމުންދާ ދިއުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއްކަން ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ. 

ޢައްޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ކޯޗުން ޝަހީދުވެ، ކުޅިވަރު ވަސީލަތްތައް ސުންނާފަތި ކުރަމުންދާއިރު، އިޒްރޭލުގެ ބައެއް ކުޅިވަރު އޮފިޝަލުން އެ އަމަލުތަކަށް ތާއީދުކުރާ ކަމަށްވެސް ރަޖޫބް ތުހުމަތު ކުރެއްވި އެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީގެ ރިޕޯޓާ ގުޅިގެން ފަލަސްތީނުން މިހާރު މަސައްކަތް ކުރަމުންދަނީ އިޒްރޭލަށް ހަރުކަށި ފިޔަވަޅު އަޅައި، ބައިނަލްއަގުވާމީ މައިދާނުން އެކަހެރި ކުރުމަށެވެ. ނަމަވެސް ފީފާއިން މިހާތަނަށް ނިންމާފައިވަނީ ހަމައެކަނި ޖޫރިމަނާ ކުރުމަށެވެ. އިޒްރޭލަކީ މިހާރު ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔޫއެފާ ގެ މެންބަރެކެވެ.

އިޒްރޭލާ މެދު ފިޔަވަޅު އެޅުމުގައި ފީފާއިން ގެންގުޅޭ ތާފަނާ އުސޫލުގެ ސަބަބުން އެ އިދާރާ އަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.