އެންމެނަށް ފެންނަ ގޮތަށް ގަތުލްއާންމެއް އިޒްރޭލުން ހިންގަމުންދާ އިރު ވެސް، އިޒްރޭލް ސަސްޕެންޑް ކުރަން ނުކެރުނު ހިސާބުން ފީފާ ފެއިލްވެއްޖެ ކަމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާން ކުރި ފީފާ ފޯވާޑް އެންޓަޕްރައިޒަސް ފެއިލްވުމުން، އޭނާ ވަނީ ޕްރެޝަރަށް ވެއްޓިފަ އެވެ. ޔޫއެފާ އާއި ބައެއް ގައުމުތަކުން ވަނީ އިންފަންޓީނޯ އަށް ކުރާ ތާއީދު އަނބުރައި ގެންގޮސްފަ އެވެ.
ފީފާ ޕްރެޝަރުގައި އޮތް މި ދަނޑިވަޅުގައި ޕީއެފްއޭއިން ނެރުނު ބަޔާނުގައި ބުނީ ފީފާ އަށް މާ ކުރިން އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ރަޝިޔާއިން އިސްވެ ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، ޔޫއެފާ އާއި ފީފާއިން، އެ ގައުމު ސަސްޕެންޑް ކުރި އެވެ. ނަމަވެސް އިޒްރޭލް ސަސްޕެންޑް ކުރަން، ޔޫއެފާ އަދި ފީފާ އަކަށް ވެސް ނުކުރުނެވެ.
ފަލަސްތީނުގެ ފުޓްބޯޅަ އިދާރާއިން ނެރުނު ބަޔާނުގައި ބުނީ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލްއާންމުގައި ފަލަސްތީނުގެ ފުޓްބޯޅަ ކޮމިޔުނިޓީގެ 1000 އަށް ވުރެ ގިނަ މީހުން އިޒްރޭލުން މަރާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޅުންތެރިންނާއި ރެފްރީންނާއި ކޯޗުންނާއި އެހެން އޮފިޝަލުން ހިމެނޭ ކަމަށް ފަލަސްތީނުގެ އެފްއޭއިން ބުންޏެވެ.
ފުޓްބޯޅަ ދަނޑުތަކާއި ތަމްރީނު ވަސީލަތްތައް ވެސް އިޒްރޭލުން ހަމަލާ ދީ ފުނޑުފުނޑުކޮށްލާއިފައިވާކަން، ފަލަސްތީން އެފްއޭއިން ފާހަގަ ކުރި އެވެ.
އެ އިދާރާއިން ބުނީ އެ ހުރިހާ ޖަރީމާއެއް އިޒްރޭލުން ހިންގާއިރު ވެސް އެކަންކަމާ ދެކޮޅަށް ފިޔަވަޅު އަޅަުން ނުކުރުނު ހިސާބުން، ފީފާ އެ ވަނީ ފެއިލްވެފައި ކަމަށެވެ.
"ފަލަސްޠީނުގައި ގަތުލުޢާންމެއް ވަގުތުން ފެންނަ ގޮތަށް ހިންގަމުންދާއިރު ހަނުތިބުމަކީ އެކަމުގައި ބައިވެރިވުން ފަދަ ކަމެއް،” ޕީއެފްއޭއިން ބުންޏެވެ.
ފީފާއިން ދައްކާ ވާހަކަ އަށް ވެސް މިހާރު އިތުބާރު ކުރެވެން ނެތް ކަމަށް ވެސް ފަލަސްތީނުގެ އެފްއޭއިން ބުންޏެވެ.
"ޢަމަލުނުކޮށް. އަނގައިން ކިތަންމެ ވައުދުތަކެއް ވިޔަސް ގަބޫލެއް ނުކުރެވޭނެ،" ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.