ވެލެންސިއާގެ ދެވަނަ ލަނޑާ އެކު ކްލަބްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
20 ސެޕްޓެމްބަރ 2025 - 23:48
ދިވެހި ޕްރިމިއާ ލީގުގެ އެންމެ ހަގު ކެޕްޓަން، އުމުރުން 16 އަހަރުގެ އީތަން އިބްރާހިމް ޒަކީގެ ލަނޑަކާއި އެސިސްޓަކާ އެކު ކްލަބް ވެލެންސިއާ 2-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.
ވެލެންސިއާ ވަނީ މިރޭގެ މެޗުގެ 13 ވަނަ މިނިޓުގައި އީތަންގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އޭނާ މި ލަނޑު ޖެހީ އުމުރުން އެންމެ 16 އަހަރާއި 11 މަހާއި 12 ދުވަހުގެ އަހުމަދު ކާއިން ގަޔާޝް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ފުރަތަމަ ފަހަރަށް މިރޭ ވެލެންސިއާގެ ކެޕްޓަން ބޭންޑް އަޅައިގެން އީތަން މި ލަނޑު ޖަހައިދިން އިރު އޭނާގެ އުމުރަކީ 16 އަހަރާއި 10 މަހާއި 14 ދުވަހެވެ.
ވެލެންސިއާގެ ކެޕްޓަން އީތަން، ބޯޅަ ހިފައިގެން ކުރިއަށް ދަނީ؛ އީތަން ވަނީ މި މެޗުގައި ގޯލެއް ޖަހައި އެސިސްޓެއް ވެސް ކޮށްފަ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އީތަން އާއި ކާއިން އަކީ އުމުރުން 14 އަހަރުގައި އެންމެ ފަހުން އޮތް 2023 ސީޒަންގައި ވެސް ވެލެންސިއާ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ.
ފުރަތަމަ ހާފުގައި ގްރީން އިން ގޯލެއް ޖަހަން ކުރި މަސައްކަތް ނާކާމިޔާބު ވެފައި ވާއިރު، ދެވަނަ ހާފުގައި މެޗުގެ 66 ވަނަ މިނިޓުގައި ވެލެންސިއާ ލީޑު ފުޅާ ކުރި ލަނޑު ޖަހައިދިނީ ބިދޭސީ ފޯވާޑް އަބޫބަކާ ސީލާ އެވެ. އޭނާ މި ލަނޑު ޖެހީ އީތަން ނަގައިދިން ހުރަހެއް ބޮލުން ޖަހައެވެ.
ވެލެންސިއާގެ ދެވަނަ ގޯލު ޖެހުމަށް ފަހު ބިދޭސީ ފޯވާޑް އަބޫބަކާ ސީލާ؛ އޭނާ ލަނޑު ޖެހީ އީތަން ނަގައިދިން ހުރަހަކުން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މިރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އީތަން ވަނީ މިދިޔަ ސީޒަންގެ ލީގުގައި ވެސް ގޯލެއް ޖަހައިފަ އެވެ. އީތަން މިދިޔަ ސީޒަންގައި އެންމެ 14 އަހަރުގައި ލަނޑު ޖަހާފައި ވަނީ ޔުނައިޓެޑް ވިކްޓަރީ އަތުން 2-1 އިން ވެލެންސިއާ ބަލިވި މެޗުގަ އެވެ.
"މީގެ ހުރިހާ ޝުކުރެއް އަދާކުރާނީ ކޯޗުންނާއި ޓީމްމޭޓުންނާއި ސަޕޯޓަރުންނަށް. މިއީ ވަރަށް އުފާވެރި ދުވަހެއް، އަޅުގަނޑުގެ ވަރަށް ބޮޑު ގޯލެއް ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަކީ، މި އެޅުނީ އޭގެ ފުރަތަމަ ފިޔަވަޅު،" މެޗަށް ފަހު "މިހާރު" އާ ވާހަކަ ދައްކަމުން އީތަން ބުންޏެވެ.
"މި ސީޒަން ބޭނުންވަނީ ކެޕްޓަންކަމާ އެކު ޓީމްމޭޓްސްއާ އެއްކޮށް ރަނގަޅު ނަތީޖާތަކެއް ހޯދަން ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް."
ގްރީން އަށް މެޗުގައި ސުން ކަނޑުވައިދިނީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައި، މިސްރުގެ ފޯވާޑް އޮބައިދާ ކެދުމް އަހުމަދެވެ. އޮބައިދާ އަކީ 2019/2020 ސީޒަންގައި ދަ ގްރާންޑޭ ސްޕޯޓްސް ކަލަބަށް ކުޅުނު ކުޅުންތެރިއެކެވެ.
ލީގުގެ ފުރަތަމަ ހަފްތާގެ ކުޅުން ނިމިފައި ވާއިރު، ވެލެންސިއާގެ އިތުރުން، އޮޑި ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް އަދި ބުރު ސްޕޯޓްސް ކްލަބާއި މާޒިޔާ ވެސް ވަނީ ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ހަފްތާގެ ކުޅުން ފަށާނީ އަންނަ ބުދަ ދުވަހުގެ ހަވީރު ބުރު ސްޕޯޓްސް އާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަބަޑު
21 September 2025
އީތަނގުގެ ކުޅުން ވަރަށް ރަނގަޅު.
ސީ އެން އެން
21 September 2025
ހަބަރު ނިންމާލާއިރު ދެން ކުޅޭނެ މެޗްގެ ވާހަކަ ބުނެލާނެނަމަ.